Support Us

ޔަމަންގެ ޒުބާބް ޓައުން ކައިރީގައި ޔަމަންގެ އަސްކަރިއްޔާއިން ހޫތީންނަށް ހަމަލާ ދެނީ

ހޫތީންނާއި ސައުދީ އިއްތިހާދުގެ ހަމަލާ ބަދަލުކުރުންތައް އިތުރަށް ހޫނުވެއްޖެ

އީރާނަށް ތާއީދުކުރާ ޔަމަންގެ ހޫތީ ހަނގުރާމަވެރިންނާއި ސައޫދީ އަރަބިއްޔާގެ އިއްތިހާދުން ބަދަލުކުރަމުންދާ ހަމަލާތައް އިތުރަށް ހޫނުވެއްޖެއެވެ.

ސައޫދީގެ ވައިގެ ދިފާއީ ބާރުތަކުން އިއްޔެވަނީ ސައޫދީގެ ވެރިރަށް ރިޔާޒަށް ހޫތީން ފޮނުވައިލި ދެ ބެލިސްޓިކް މިސައިލާއި އިރުމަތީ ޕްރޮވިންސްގެ މަތިން ދަތުރުކުރި ދެ ޑްރޯން އިންޓަސެޕްޓްކޮށްފައެވެ.

އެންމެ ފަހުން ހޫނުވި މި ކުރިމަތިލުންތަކުގައި ހޫތީން އަމާޒުކޮށްފައިވަނީ ބަނދަރުތަކަށާއި ތެޔޮ އުފައްދައި ވަސީލަތްތަކަށާއި އަދި އެ ނޫންވެސް މުހިންމު އިންފްރާސްޓްރަކްޗަރަށެވެ.

ހޫތީން ބުދަ ދުވަހުވަނީ ސައޫދީގެ ރަތް ކަނޑުގެ އައްސޭރި ސިޓީތައްކަމަށްވާ ޖިއްދާ އާއި ޖާޒާންގެ ބަނދަރުތަކަށް ހަމަލާ ދީފައެވެ. މި ހަމަލާތައް ދީފައިވަނީ ޔަމަންގައި ހޫތީންގެ ކޮންޓްރޯލް އޮންނަ ހުދައިދާ ސިޓީގެ ބަނދަރަށް ސައޫދީގެ ކޯލިޝަނުން ދިން ވައިގެ ހަމަލާތަކަށްފަހުއެވެ.

"ދުޝްމިނުން އެ މީހުންގެ އިންޒާރުތައް ތަންފީޒުކޮށްފިނަމަ ޖިއްދާގެ ބަނދަރާއި ރަތް ކަނޑުގެ އައްސޭރިފަށުގައިވައި ސައޫދީގެ އެހެނިހެން ހުރިހާ ބަނދަރުތަކަކީ އަހަރެމެންގެ ބާރުތަކުގެ އަމާޒުފަންގަނޑުތަކަށްވެގެންދާނެ،" ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު އިންޒާރު ދިނެވެ.

ސައޫދީ އިއްތިހާދުގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް މާލިކީ ބުނީ ސައޫދީގެ ޖާޒާން ސިޓީގެ ބަނދަރަށް ހަމަލާއެއް އަރައިފައިވައިކަމަށެވެ. އޭނާ ރިޕޯޓްކުރި ގޮތުގައި އެ ކަމުގެ ސަބަބުން "އާންމުންގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި، ކުދިކުދި ގެއްލުންތަކެއް"ވެފައިވެއެވެ. އޭނާ އަދި ބުނީ ޖިއްދާ ބަނދަރު ކައިރިން ހޫތީންގެ ޑްރޯނެއް ސައޫދީ ފައުޖުތަކުން ހުއްޓުވައިފައިވައިކަމަށެވެ.

ސައޫދީ އިއްތިހާދުން ބުނީ ހުދައިދާގައި ހުރި ހޫތީންގެ އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާ ދީފައިވައިކަމަށެވެ. އަދި ޔަމަންގެ ސައްދާ އާއި އަމްރާން ގަވަރްނަރޭޓްތަކުގައިވައި އަމާޒުފަތްގަނޑުތަކަށްވެސް ހަމަލާ ދީފައިވައިކަމަށެވެ.

އެންމެ ފަހުން ހިނގި މި ހަމަލާ ބަދަލުކުރުންތަކުގެ ސަބަބުން ކަނޑުގެ މުހިންމު ދަތުރުފަތުރުގެ މަގުތަކަށާއި ޔަމަންގައި މިހާރުވެސް ނިކަމެތިކަން ކުރިމަތިވެފައިވައި އިންސާނީ ހާލަތަށް ނުރައްކާވެއެވެ. ހުދައިދާއަކީ ޔަމަންގެ އެތައް މިލިއަން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެކުރާ މައިގަނޑު ދޮރާށްޓެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް