ސިނާއަތަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުންވި މަސްތަކެއްގެ އިހުތިޖާޖުތަކަށްފަހު ބަނގްލަދޭޝްގެ ހެދުން ފެކްޓަރީތަކުގެ މަސައްކަތްތެރިންގެ މުސާރަ 36 ޕަސެންޓުން ބޮޑުކުރަން ހުށަހަޅައިފިއެވެ.
ސަރުކާރުން އައްޔަންކޮށްފައިވައި މުސާރައިގެ އިދާރާ ނުވަތަ ވޭޖް ބޯޑުން އިއްޔެވަނީ މަހަކު ދޭ އެންމެ ކުޑަ މުސާރަ 12،500 ޓާކާ (100 ޑޮލަރު ނުވަތަ 1،542ރ.)އިން 17،500 ޓާކާ (136 ޑޮލަރު ނުވަތަ 2،097.12ރ.)އަށް ބޮޑުކުރުމަށް އެއްބަސްވެފައެވެ. މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ މަހުއެވެ. އަދި މަސައްކަތްތެރިންނަށް އާ މުސާރަ ދޭން ފަށާނީ އަންނަ ޖެނުއަރީގައެވެ.
މި ހުށަހެޅުމަކީ މުޒާހިރީން އެދުނު 30،000 ޓާކާ (240 ޑޮލަރު ނުވަތަ 3،700.8ރ.)އަށްވުރެ ކުޑަ ހުށަހެޅުމެކެވެ. މި ހުށަހެޅުން ބަލައިގަންނާނެކަން ނުވަތަ ނޫންކަން މަސައްކަތްތެރިން އަދި ކަށަވަރުކޮށްދީފައެއްނުވެއެވެ.
"އަހަރެމެން މުޅިން ހިތްހަމަޖެހުނުކަމަށްނުވިޔަސް، ނަތީޖާ މުޅިއަކުން ގޯހެއްވެސް ނޫން،" ވޭޖް ބޯޑުގައި ހިމެނޭ މަސައްކަތްތެރިންގެ މަންދޫބު ބާބުލް އަހްތަރު ނޫސްވެރިންނަށް ބުންޏެވެ.
އޭނާވަނީ މަސައްކަތްތެރިން އެނބުރި ފެކްޓަރީތަކަށް ނުކުތުމަށް އިލްތިމާސްކޮށްފައެވެ.
"ކުރިން މަސައްކަތްތެރިންގެ މުސާރައަށް ބަދަލު ގެންނަނީ ކޮންމެ ފަސް އަހަރަކުން، އެކަމަކު މި ފަހަރު ތިން އަހަރު ފަހުން މުސާރައަށް ބަދަލު މި ގެނައީ،" އޭނާ ބުންޏެވެ.
ހެދުން ފަހާ ސިނާއަތުން ބުނާ ގޮތުގައި މުޒާހަރާތަކުގެ ސަބަބުން 428 މިލިއަން ޑޮލަރު (6.59 ބިލިއަން ރުފިޔާ)ގެ ގެއްލުންވެފައިވެއެވެ. އަދި 254 މިލިއަން ޑޮލަރު (3.91 ބިލިއަން ރުފިޔާ)ގެ އޯޑަރުތައް އެހެން ގައުމުތަކަށްވަނީ ބަދަލުކޮށްފައެވެ.
ބަނގްލަދޭޝްގެ ހެދުން ތައްޔާރުކުރާ ސިނާއަތަށް އަހަރަކު ގާތްގަނޑަކަށް 38 ބިލިއަން ޑޮލަރު (585.2 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބެއެވެ. އެ ދާއިރާގައި ހަތަރު މިލިއަން މަސައްކަތްތެރިން އުޅޭއިރު އެއީ އެ ގައުމުގެ އެކްސްޕޯޓުގެ 80 ޕަސެންޓެވެ. ބަނގްލަދޭޝްއަކީ ޗައިނާއަށްފަހު ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހެދުން އެކްސްޕޯޓްކުރާ ގައުމެވެ.



advertisment