އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލަޑިމީއަ ޕޫޓިން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ މެދުގައި ބޭއްވެވި ތާރީހީ ފުރަތަމަ ތިން ފަރާތުގެ ބައްދަލުކުރެއްވުން މާބޮޑު ނަތީޖާއެއް ނުނެރެވި ނިމިއްޖެއެވެ.
އޭޝިއާ އަދި ޕެސިފިކް ގައުމުތަކުގެ ވެރިންގެ އޭޕެކް ސަމިޓުގެ ހަވާސާގައި ޗައިނާގެ ޝެންޒެން ސިޓީގައި އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ ދުނިޔޭ ބޮޑެތި ހަމަނުޖެހުންތަކަށް ސުލްހައިގެ ޑީލްތަކެއް ގާއިމުކުރެއްވުމުގެ ބަދަލުގައި، ގުޅިފައިވާ ސުލްހައިގެ ގަރާރަކާއި އާއްމު ނިޔަތްތަކެއް ހާމަކުރައްވައި ބަޔާންތަކެއް ނެރުއްވައިފައެވެ.
ހާއްސަ ނަތީޖާތަކާއި އެއްބަސްވެވަވަޑައިގަތް ކަންކަން:
ގުޅިފައިވާ ސުލްހައިގެ ގަރާރު: އޭޕެކް ސަމިޓުގެ ހަވާސާގައި ބޭއްވެވި މަޝްވަރާތަކަށްފަހު ނެރުއްވި ގަރާރުގައި، ދުނިޔޭގެ ސުލްހައަށް ތިން ވެރިން ދެއްވައި އަހަންމިއްޔަތު ކަށަވަރުކޮށްދެއްވައި، މުހިންމު ހަތަރު ކަމެއް ފާހަގަކުރެއްވިއެވެ. އެއީ:
- ނިއުކްލިއަ ނުރައްކާތައް: "ނިއުކްލިއަ ހަނގުރާމައެއް ކާމިޔާބެއް ނުކުރެވޭނެކަމަށާއި އެ ފަދަ ހަނގުރާމައެއްކޮށްގެންނުވާނެ"ކަމަށް ބަޔާންކުރައްވައި، ނިއުކްލިއަ ނުރައްކާތައް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރެއްވުމުގެ އަމާޒު ހާމަކުރެއްވި.
- ހަކަތައާއި ތެޔޮ: ހަކަތައިގެ ސަޕްލައި ހަމައަކަށް އަޅުއްވައި، ތެލާއި ސާފުކޮށްފައިވައި ޕެޓްރޯލިއަމް އުފެއްދުންތައް އުފައްދައި މިންވަރާއި ފޯރުކޮށްދޭ މިންވަރު އިތުރުކުރެއްވުމަށް އެއްބަސްވެވަޑައިގަތް.
- އދ. އިސްލާހުކުރެއްވުން: ދުނިޔެއަށް ކުރިމަތިވެފައިވައި ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމަށް އދ. އިސްލާހުކުރެއްވުމަށް ބާރުއެޅުއްވުމުގެ މުހިންމުކަމަށް އެއްބަސްވެވަޑައިގަތް. ނަމަވެސް ގެންނަވައިނެ ސީދާ ބަދަލުތަކުގެ ތަފްސީލެއް ނުދެއްވި.
- ބައިނަލްއަގުވާމީ ކޯޓުތައް: ދައުލަތްތަކުގެ ވެރިންނަށް ލިބިގެންވާ އިމްތިޔާޒުތަކަށް އިހުތިރާމްކުރުމަށް ގޮވައިލައްވައި، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ) އާއި އެ ފަދަ އެހެން އިދާރާތަކުން އެ ތަންތަނުގެ އިހްތިސާސް ނާޖާއިޒު ގޮތުގައި ބޭނުންނުކުރުމަށް އިންޒާރުދެއްވި.
ހައްލުނުވި ކަންކަން:
- ބޮޑެތި ހަނގުރާމަތަކާމެދު ފިޔަވަޅެއް ނޭޅުއްވި: ބައްދަލުކުރެއްވުމުގެ ކުރިންކުރެވުނު އުއްމީދުތަކާއި ސަރަހައްދީ ހަނގުރާމަތަކާމެދުކުރެއްވި މަޝްވަރާތަކަށް ބެލި ނަމަވެސް، ގުޅިފައިވާ ސުލްހައިގެ ގަރާރުގައި ރަޝިޔާއިން ޔުކްރެއިނާ ދެކޮޅަށްކުރާ ހަނގުރާމައަށް ނުވަތަ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމައަށް އަލިއަޅުއްވައިލައިފައެއްނުވޭ. އަދި އެ ހަނގުރާމަތައް ނިންމަވައިލެއްވުމަށް ސުލްހައިގެ އެއްބަސްވުމެއް ނުވަތަ ހަރުދަނާ ފިޔަވަޅުތަކެއް ހުށައެއްނޭޅުއްވި.
- ސިޔާސަތުތަކުގެ ތަފްސީލު މަދުވުން: މަސްރަހު ދިރާސާކުރާ ފަރާތްތަކުންނާއި ރިޕޯޓުތަކުން ފާހަގަކުރި ގޮތުގައި މި ބައްދަލުކުރެއްވުމަށް ދެވުނު ތާރީހީ މުހިންމުކަމާ އަޅާބަލާއިރު، ބައްދަލުކުރެއްވުން ބޮޑަށް ވެގެންދިޔައީ ރަމްޒީ ކަމަކަށް. އެއީ ތާރީހީ ބައްދަލުކުރެއްވުމެއް ނަމަވެސްމެ.
ބައްދަލުކުރެއްވުމަށްފަހު ޓްރަމްޕް ވިދާޅުވީ އެކަކާއި 10 އާ ދެމެދުގެ މިންގަނޑަކުން މި ބައްދަލުކުރެއްވުމަށް މާކްސް ދެއްވައިނަމަ އޭނާ ދެއްވައިނީ 12 ކަމަށެވެ.
"މި ދަތުރަކީ ވަރަށް ރަނގަޅު އަދި ވަރަށް މަތީ ނަތީޖާތަކެއް ނުކުމެގެންދިޔަ ދަތުރެއް،" އޭނާ ވިދާޅުވިއެވެ.
"މި ކަން އިންތިޒާމުކޮށްދެއްވީތީ ޝުކުރިއްޔާ. އެހާ ރަނގަޅަށް ކަންތައްތައް ދާނެކަމަށް އެކަކުވެސް އުއްމީދުކުރިކަމަކަށް އަހަރެންނަށް ހިއެއްނުވޭ،" ބައްދަލުކުރެއްވުން ނިންމަވައިލެއްވުމަށްފަހު ޕޫޓިން ޝީއަށް ވިދާޅުވިއެވެ.
"މަޝްވަރާތައް ހުއްޓިގެން ނުދާހާ ހިނދަކު ފުރުސަތުތައް އޮންނާނީ ހުޅުވިފައި. ސުލްހައަށް އުއްމީދު އޮންނާނެ. މިއަދުގެ ތިން ފަރާތުގެ ބައްދަލުވުމުގައި އިންދައިލެވުނު އޮށްތައް ޔަގީނުންވެސް މޫލައި، ފޯދި، މާފޮޅި އަދި މޭވާ ދޭނެ،" ޝީ ވިދާޅުވިއެވެ.



advertisment