އދ.ގެ އުއްތަމަ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އިން މިއަދު ނިންމީ 2017 ގައި އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި މިޔަންމާއިން އެ ގައުމުގެ އަގުލަބިއްޔަތު ނެތް ރޮހިންޔާ މުސްލިމް މީހުންނާ ދެކޮޅަށް ޖެނޮސައިޑް ނުވަތަ ނަސްލު ނައްތައިލުމުގެ ޖަރީމާއެއް ހިންގައިފައިވައިކަމަށެވެ. ތާރީހީ މި ނިޔާއާއެކު، ޖެނޮސައިޑުން ސަލާމަތްވެގެން ބަނގްލަދޭޝަށް ފިލައިގެން ދިޔަ އެތައް ހާސް ރޮހިންޔާ މީހުންގެ ހާލަތު މިވަނީ ބަލައިގަންފައެވެ.
އައި.ސީ.ޖޭއިން ހޯދި ހޯދުންތަކުން ދެއްކި ގޮތުގައި މިޔަންމާގެ ސިފައިންވަނީ އެތައް ހާސް ރޮހިންޔާ އާންމުން މަރައި، ފުޅާ ދާއިރާއެއްގައި އެ މީހުންނަށް ޖިންސީ އަނިޔާކޮށް، އަދި އެ މީހުން ދިރިއުޅުނު ބަސްތީތައް ސުންނާފަތިކޮށްލައިފައެވެ. ކޯޓުން ވަނީ މިޔަންމާގެ މައްޗަށް، މި ކަންތައްތަކުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތައް ތަހުގީގުކޮށް އެ ފަރާތްތަކަށް އަދަބު ދިނުމަށާއި، އަނިޔާ ލިބުނު ފަރާތްތަކަށް ބަދަލު ދިނުމަށާއި، އަދި ގެދޮރު ގެއްލިފައިވާ ރޮހިންޔާ މީހުން ރައްކާތެރިކަމާއެކު އަމިއްލަ އިހްތިޔާރުގައި އެނބުރި މިޔަންމާއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އަމުރުކޮށްފައެވެ.
އައި.ސީ.ޖޭގައި މި މައްސަލަ ފެށީ 2019 ގެ ނޮވެމްބަރުގައެވެ. މި މައްސަލަ އައި.ސީ.ޖޭއަށް ހުށަހެޅި ގެމްބިއާއިން ވަނީ 1948 ގެ ޖެނޮސައިޑް މުއާހަދާއާ މިޔަންމާއިން ހިލާފުވެފައިވާކަމަށް ތުހުމަތުކޮށްފައެވެ.
މިޔަންމާއިން އެ ތުހުމަތުތަކަށް އިންކާރުކުރިއެވެ. ޝަރީއަތުގެ މަރުހަލާތަކުގައި މިޔަންމާގެ މަންދޫބު ކޯ ކޯ ހްލައިންގްވަނީ އަސްކަރީ އޮޕަރޭޝަން ދިފާއުކޮށްފައެވެ.
"ޓެރަރިސްޓުންނަށް މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ދީފައި، ހިމޭނުން ތިބެން މިޔަންމާއަށް މަޖުބޫރެއް ނޫން،" ފަނޑިޔާރުންނަށް އޭނާ ބުންޏެވެ.
ނަމަވެސް ކޯޓުން ނިންމީ ނަސްލު ނައްތައިލުމުގެ ޖަރީމާގެ ޒިންމާ މިޔަންމާއިން އުފުލަންޖެހޭނެކަމަށެވެ.

މި ނިޔާގެ ސަބަބުން ބަނގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވައި ރޮހިންޔާ އާއިލާތަކަށް އުއްމީދެއް ލިބިގެންދެއެވެ.
ދިލް ހުސައިނާއި އޭނާގެ އަންހެނުން އަލިއްނިސާވަނީ އަލަށް އުފަންވި ދަރިފުޅު އިޝާރާ ގޮވައިގެން 2017 ގައި މިޔަންމާއިން ފިލައިގެން ގޮސްފައެވެ. އެ މީހުން އަސްކަރީ ހަމަލާތަކުން ސަލާމަތްވިޔަސް އެ މީހުންގެ ތިމާގެ މީހުންވަނީ މަރައިލައިފައެވެ.
"ޗަކައާއި ފަރުބަދަތަކާއި ފެނުގެ ތެރެއިން އަހަރެމެން ދުވީ ފުރާނަ ސަލާމަތްކުރަން. އެއީ ދަރިފުޅު އަހަރެމެންގެ ގައިގައި ބަނދެގެން،" އަލިއްނިސާ އަލްޖަޒީރާއަށް ކިޔައިދިނެވެ.
އިޝާރާގެ މުޅި އުމުރު ކަހަލަ ގޮތަކަށް މިހާރު ހޭދަވެފައިވަނީ އަމިއްލަ ގައުމުން ބޭރުގައި ރެފިއުޖީއެއްގެ ގޮތުގައެވެ. އޭނާގެ މައިންބަފައިން ބޭނުންވަނީ އެނބުރި މިޔަންމާއަށް ދާށެވެ.

އުމުރުން 23 އަހަރުގެ، ރޭޕްގެ ޝިކާރައަކަށްވި އަންހެނަކުވެސްވަނީ މިޔަންމާ ޒިންމާކުރުވަން ގޮވައިލައިފައެވެ.
"އަންހެނުން ރޭޕްކުރި މީހުންނަށް ހަރުކަށި އަދަބު އޮންނަން ޖެހޭނެ. އައި.ސީ.ޖޭއިން މި ކަމާމެދު ވަކިން އެއްޗެއް ބުނަން ޖެހޭނެ،" ހުކުމް އިއްވުމުގެ ކުރިން އޭ.އެފް.ޕީއަށް އޭނާ ބުންޏެވެ.
ރޮހިންޔާ ދަރިކޮޅުގެ 1.2 މިލިއަނަށްވުރެ ގިނަ ރެފިއުޖީން އަދިވެސް ތިބީ ބަނގްލަދޭޝްގައެވެ. މިޔަންމާގައި ކުރިއަށްދާ އަހުލީ ހަނގުރައިމައިގެ ސަބަބުން އެ މީހުން އެނބުރި މިޔަންމާއަށް ދިއުންވަނީ ނޭނގުމެއްގެ ތެރޭގައެވެ.
ރޮހިންޔާ ރެފިއުޖީންގެ ލީޑަރު ސައްޔިދުﷲ އައި.ސީ.ޖޭގެ ނިޔާއަށް މަރުހަބާ ކިޔެވެ. ބަނގްލަދޭޝްއަށާއި ގެމްބިއާއަށާއި އދ. ނަގައިފައި ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަމާއަތް، މުސްލިމުންގެ ހިމާޔަތަށް މަސައްކަތްކުރާ 57 ގައުމު ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޫޕަރޭޝަން (އޯ.އައި.ސީ)އަށް އޭނާ ޝުކުރު އަދާކުރިއެވެ. އެއީ ރޮހިންޔާ މުޖުތަމައަށް އެހީތެރިވެދިންކަމަށްޓަކައެވެ.

"އަހަރެމެންނަށް އެނބުރި ގައުމަށް ދެވެންދެން އެންމެންވެސް އަހަރެމެންނާއެކު ތިބުމަށް އެދެން،" އޭ.އެފް.ޕީއަށް އޭނާ ބުންޏެވެ.
އައި.ސީ.ޖޭގެ ނިޔާއަކީ ގާނޫނީ ގޮތުން އަމަލުކުރުން މަޖުބޫރު ނިޔާއެކެވެ. ނަމަވެސް އަމިއްލައަށް ހުކުމް ތަންފީޒުކުރުމުގެ ނިޒާމެއް އެ ކޯޓުގައި ނޯވެއެވެ. އޭގެ ސަބަބުން ސީދާ މަޖޫބޫރުކޮށްގެން އެ ކޯޓުގެ ނިޔާއަށް މިޔަންމާ އަމަލުކުރުވުމުގެ ބާރެއް އެ ކޯޓަކަށް ނެތެވެ.
ރޮހިންޔާ މީހުންނަށް މި ހުކުމަކީ ތާރީހީ ނަސްރެކެވެ. ނަމަވެސް ރައްކާތެރި ގެދޮރާއި ނަސްލު ނައްތައިލުން ހިންގި ފަރާތްތައް ޒިންމާކުރުވުމާއި އަމާން ކުރިމަގެއް ލިބުމަކީ އަދިވެސް ދުރު ރާސްތާގެ އުއްމީދުތަކެކެވެ.



advertisment