ތައިލެންޑްގެ ރިސޯޓު ޖަޒީރާ ފޫކެޓްގައި ހުރި ހަތަރު ބުރީގެ ވިޔަފާރި އިމާރާތެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި 11 މީހުން މަރުވެއްޖެއެވެ. އެހެން 16 މީހަކަށް އެކި ވަރުގެ އަނިޔާތައްވެސް ލިބުނެވެ.
މަރުވި މީހުންގެ ތެރޭގައި ތައިލެންޑާއި މިޔަންމާގެ ރައްޔިތުން ހިމެނެއެވެ. ފުލުހުން ބުނީ އެއްވެސް ފަތުރުވެރިއަކު މަރުވެފައިނުވާކަމަށާއި އެއްވެސް ފަތުރުވެރިއަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގީ ފަތިހު 3:17 އެހާކަންހާއިރު، މަޝްހޫރު ޕާތޮންގް ބީޗް ކައިރީގައިވާ ޕާތޮންގްގައެވެ. ރޯވި އިމާރާތުގައި ހިންގަމުން ދިޔައީ ސައިކަލު ކުއްޔަށް ދޭ ވިޔަފާރިއަކާއި މީހުން ދިރިއުޅެން ކޮޓަރި ކުއްޔަށް ދިނުމުގެ ވިޔަފާރިއެކެވެ.
އަލިފާންގަނޑުވަނީ ކައިރީގައި ހުރި އިމާރާތްތަކަށްވެސް ފެތުރިގެންގޮސްފައެވެ.
"އަލިފާން ނިއްވާ މުވައްޒަފުންނަށް އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ ދެ ގަޑިއިރުން. އަދި 11 މީހަކު މަރުވެފައިވަނިކޮށް ފެނުނު،" ނަން ހާމަކޮށްފައިނުވާ ޕާތޮންގްގެ ފުލުހުންގެ އޮފިޝަލަކު އޭ.އެފް.ޕީއަށް ބުންޏެވެ.
ފޫކެޓްގެ ގަވަރުނަރު ޗޮތުނަރިން ކޮއެޑްސޮމް ބުނީ ސައިކަލު ކުއްޔަށް ދޭ ފިހާރައިގައި ގާތްގަނޑަކަށް 100 ސައިކަލު ބަހައްޓައިފައި ހުރިކަމަށެވެ. އަދި އެ ތަނުގައި ގޭހާއި އިންޖީނު ތެލާއި ޕްލާސްޓިކް ސާމާނާއި އަދި ޓަޔަރުވެސް ހުއްޓެވެ. އޭނާ ބުނީ މި ތަކެތީގެ ސަބަބުން އަލިފާންގަނޑު އަވަހަށް ފެތުރުނީކަމަށްވެދާނެއެވެ. މި ކަމުގެ ސަބަބުން ބޯ އަދި ވިހަ ދުންގަނޑެއްވެސް ފެތުރުނެވެ.
ފޫކެޓްގެ ފުލުހުންގެ ކޮމާންޑަރު ސޫރަޗައި ސޫކްސައި ބުނީ ފުލުހުން ދަނީ އަލިފާން ރޯވާން ދިމާވި ސަބަބު ތަހުގީގުކުރަމުންކަމަށެވެ. ފުރަތަމަ ހޯދުންތަކުން ދެއްކި ގޮތުގައި އަލިފާން ރޯވުމުގެ ކުޑަ އިރުކޮޅެއް ކުރިން އިމާރާތް ކައިރީގައި ހުރި ކަރަންޓު ޓްރާންސްފޯމަރެއްވަނީ ގޮވައިފައެވެ. އަލިފާން ރޯވާން ދިމާވި ސީދާ ސަބަބު އަދިވެސް ދަނީ ތަހުގީގުކުރަމުންނެވެ.



advertisment