އަމިއްލަ ދަނޑެއްގައި ޓިކްޓޮކް ވީޑިއޯއެއް ނަގަން އުޅުމުގެ ތެރޭގައި އަންހެން ސިންގާއެއް ހަމަލާދިނުމުގެ ސަބަބުން ޕާކިސްތާނުގެ ފުރާވަރު އުމުރުގެ ފިރިހެން ކުއްޖަކު މަރުވެއްޖެއެވެ.
މި ދިޔަ ބުދަ ދުވަހު ލާހޯރު ސިޓީގައި ހިނގި މި ހާދިސާގައި މަރުވި އުމުރުން 19 އަހަރުގެ ތަލްހާއަކީ ކާނާ ޓައުންގައި ހުރި އެ ދަނޑުގައި މަސައްކަތްކުރާ ކުއްޖެކެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކް ހަދާ ނައުމާން ހަސަންވަނީ ވީޑިއޯ ނެގުމަށްޓަކައި ކޮށިން ސިންގާ ދޫކޮށްލައިފައެވެ. އެއަށްފަހު އެ ސިންގާވަނީ ތަލްހާއަށް ހަމަލާދީފައެވެ. އޭނާ މަރުވީ ފަހުން ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
ހަސަނާއި އެ ދަނޑުގެ ވެރިޔާ ފަޔާޒް އަހްމަދު ހައްޔަރުކުރިއެވެ. ތަހުގީގުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ތުހުމަތުކުރެވޭ މީހުންވަނީ މި ހާދިސާއަކީ ކުއްތާއެއް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކުރަން މަސައްކަތްކޮށްފައެވެ.
ތަލްހާގެ އާއިލާއިންވަނީ ތުހުމަތުކުރެވޭ ދެ މީހުންނަށް މާފު ދީ، އެ މީހުން ދޫކޮށްލުމާމެދު އިއުތިރާޒެއް ނެތްކަމަށް ބުނެ އިގްރާރު ހުށަހަޅައިފައެވެ. ޖުޑީޝަލް މެޖިސްޓްރޭޓް ގައިސަރު ރިޔާޒްވަނީ ކޮންމެ މީހަކު 50,000 ރުޕީސް (180.51 ޑޮލަރު ނުވަތަ 2،783.46ރ.)ގެ ކަފާލާތުގެ ދަށުން ޒިންމާ ނަގާނެ މީހުންގެ ބެލުމުގެ ދަށުން ދޫކޮށްލައިފައެވެ.
"ޓިކްޓޮކަށް އޮންނަ ފޯރިއަކީ އިންސާނެއްގެ ފުރާނައަށްވުރެ މުހިންމު އެއްޗަކަށް ނުވެވޭނެ،" ލާހޯރު ފުލުހުން ބުންޏެވެ.
އިންސްޕެކްޓަރު ޖެނެރަލް އޮފް ޕޮލިސްގެ ނައިބު ފައިސަލް ކާމްރާން ބުނީ އިހުމާލުވުމާއި ހަގީގަތް އޮޅުވައިލަންކުރި މަސައްކަތްތައް ރަސްމީ އިދާރާތަކުން ތަހުގީގުކުރާނެކަމަށެވެ.
ފުލުހުން ދަނީ އެ ދަނޑުގެ ހުއްދަތަކާއި ރައްކާތެރިކަމުގެ އިންތިޒާމުތައްވެސް ބަލައި ފާސްކުރަމުންނެވެ.



advertisment