ފިނި މޫސުމުގެ ފުރަތަމަ ތޫފާނާއެކު ގައްޒާގެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.
ތޫފާން އައީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުން 70،000 އަށްވުރެ ގިނަ ފޭލިގޭގައި ފެންބޮޑުވެ، އެތައް ހާސް ބަޔަކު މިހާރު ތިބީ އެކަށީގެންވާ ހިޔާވަހިކަމެއް ނެތިއެވެ.
އެންމެ ފަހުގެ މި ތޫފާނުން ހާމަވެގެންދިޔައީ ގައްޒާ ރަށްވެހިންގެ ރައްކާތެރިކަން އޮތީ ކިހާ ނިކަމެތި މިންވަރެއްގައިކަމެވެ. އާއިލާތަކުން ވަރުގަދަކުރެވޭތޯ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ފޭލިގެތައް، މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ބޯ ވާރޭއާއި ގަދަ ވަޔާއެކުވަނީ ވީދައިގެން ގޮސް ހަލާކުވެފައެވެ. ބައެއް ހިޔާވަހިތަކުގެ ފާރުތައްވެސްވަނީ ވެއްޓިފައެވެ.
ގައްޒާގެ މަދަނީ ދިފާއަށް ކުއްލި ހާލަތުގެ މަދުވެގެން 1،500 ކޯލް ލިބުނެވެ. އެ އޭޖެންސީން ބުނި ގޮތުގައި 2،000 އަށްވުރެ ގިނަ އިމާރާތް ވެއްޓުމުގެ ނުރައްކާ އެބަ އޮތެވެ. އަދި ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް މަދުވެގެން 300،000 ފޭލިގެ ބޭނުންވާކަމަށްވެސް އެ އޭޖެންސީން ބުންޏެވެ.
"ގިނަ މީހުން ދިރިއުޅެމުންދަނީ ވަރަށް ނިކަމެތި، ނުރައްކާތެރި ހާލަތެއްގައި،" ފަލަސްތީނުގައި ހުންނަ، އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ، ޔުނިސެފްގެ ހާއްސަ މަންދޫބު ޖޮނަތަން ވީޗް ބުންޏެވެ.
އޭނާވަނީ ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިތުރު މާލީ އެހީއަށް އެދިފައެވެ.
ގައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން، ތޫފާނުގެ ސަބަބުން ލިބުނު ގެއްލުން ތިން މިލިއަން ޑޮލަރު (46.2 މިލިއަން ރުފިޔާ)އަށް އަރައިނެކަމަށް ލަފާކުރެއެވެ. އަދި ގެދޮރު ގެއްލިފައިވާ ގާތްގަނޑަކަށް 400،000 ފަލަސްތީނު ރައްޔިތުން ދިރިއުޅެނީ ފެންބޮޑުވުމުގެ ނުރައްކާ ބޮޑު ސަރަހައްދުތަކުގައިކަމަށްވެސް އެ އޮފީހުން ރިޕޯޓުކުރިއެވެ.
މި ކާރިސާ ކުރިމަތިވެފައި މި ވަނީ ގައްޒާއަށް އިންސާނީ އެހީއާއި ގައްޒާ އަލުން އާރާސްތުކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް އިސްރާއީލުން އަޅައިފައިވައި ހުރަސްތައް ނުނިމި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.



advertisment