Support Us

އެމްބާޕޭގެ ޗައިނާ ޒުވާބު- ކުޅިވަރު ޝަހުސިއްޔަތުތަކަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތީބާ؟

ކުޅިވަރުގެ ތަރިންނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ލިބިގެންވޭހެއްޔެވެ؟

ފްރާންސްގެ ފުޓްބޯޅަ ސުޕަސްޓާރު ކީލީއަން އެމްބާޕޭ (ފޮޓޯ)އަށް ދާދި ފަހުންވަނީ މީމްއަކާ ގުޅޭ މަޖާ ކަމަކާ ހުރެ ބައިނަލްއަގްވާމީ ބޮޑު ހައިޖާނުގަނޑަކާ ކުރިމަތިލާންޖެހިފައެވެ. އެ ފޮޓޯއިން ފެންނަނީ ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑޮންގްގެ މޫނުގެ ބަދަލުގައި އެމްބާޕޭގެ މޫނު ހިމަނައިފައިވައި ތަނެވެ. އެމްބާޕޭވަނީ އެ އަވަހާރަވެފައިވާ ލީޑަރަކީ ހުދުމުހުތާރު ވެރިއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޗައިނާގެ ސްޕޮންސަރުންވަނީ އެ މީހުންގެ އެހީތެރިކަން އަނބުރާ ގެންގޮސްފައެވެ. އަދި ދައުލަތުގެ ޓީވީންވަނީ ލާ ލީގާ ދެއްކުން ހުއްޓައިލައިފައެވެ. ފަހުން އެމްބާޕޭއާއި އޭނާގެ ކްލަބް ރޭއަލް މަޑްރިޑުންވަނީ މާފަށް އެދިފައެވެ. އަދި ސްޕެނިޝް ލީގުންވެސް ވަނީ ހިތާމަފާޅުކޮށްފައެވެ. އެމްބާޕޭ، ރޭއަލް މަޑްރިޑް އަދި ލާ ލީގާއިން ފާޅުގައި މާފަށް އެދުނަސް މި ކަމުގެ ނޭދެވޭ އަސަރުތައް އަދިވެސް ދަނީ ކުރިއަށެވެ.

"މާފަށް އެދުމަކީ ކޮންމެހެން މުޅި މައްސަލަ ނިމުނީކީ ނޫން،" ޗައިނާގެ ކުޅިވަރު ކޮމެންޓޭޓަރު ޔާން ޗިއަންގް އޭ.އެފް.ޕީއަށް ބުންޏެވެ.

އެމްބާޕޭގެ މި މައްސަލައިން ހާމަވަނީ ކުޅުންތެރިން ފާޅުގައިކުރައި އަމިއްލަ ކަންކަމާއި ދައްކައި ވާހަކަތައް ކޮންޓްރޯލްކުރަން އެތުލީޓުންނަށް ކުރިމަތިވަމުންދާ ބޮޑު ނުފޫޒެވެ. އޭނާގެ މައްސަލައިން ހާމަވެގެންދަނީ ކުޅިވަރުގެ ދާއިރާގައި އޮތް މާކެޓް ބާރުގެ ބޭނުންކޮށްގެން އެންމެން އެއްގޮތްތަކަކަށް އަމަލުކުރުމަށް ނުވަތަ ވަކި ގޮތަކަށް ތަބާވުމަށް މަޖުބޫރުކުރަމުންދާ ގޮތެވެ.

އެމެރިކަން ފުޓްބޯލް ތަރި ކޮލިން ކެޕާނިކަށް މީގެ 10 އަހަރު ކުރިން ވަނީ މި ފަދަ ހާލަތަކާ ކުރިމަތިލާންޖެހިފައެވެ. އޭނާވަނީ ނަސްލީ ތަފާތުކުރުންތަކާއި ފުލުހުން ކަޅު ނަސްލުގެ މީހުން މެރުމާ ދެކޮޅަށް އިހުތިޖާޖުކުރުމުގެ ގޮތުން އެމެރިކާގެ ގައުމީ ސަލާމް ކިޔަމުންދިޔައިރު ކަކޫޖައްސައިގެން އިށީނދެފައެވެ. މި ކަމުގެ ސަބަބުން ނޭޝަނަލް ފުޓްބޯޅަ ލީގް (އެން.އެފް.އެލް)ވަނީ އޭނާ އެއްކޮށް ބާކީކޮށްލައިފައެވެ.

މި ދިޔަ މޭގައި ސްޕެއިންގެ ފުޓްބޯޅަ ތަރި ލަމީން ޔަމާލްވަނީ ބާސެލޯނާއަށް ލަ ލީގާގެ ޗެމްޕިއަންކަން ލިބުމުން އުފާ ފާޅުކުރުމުގެ ތެރޭގައި ފަލަސްތީނުގެ ދިދަ ވިހުރުވައިފައެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒްވަނީ ޔަމާލް ނަފްރަތު އުފެއްދުމަށް މަސައްކަތްކުރިކަމަށް ތުހުމަތުކޮށްފައެވެ. އަދި ބާސެލޯނާއިން އެ އަމަލާ ދުރުހެލިވުމަށްވެސް ކަޓްޒް އެދުނެވެ.

މި ހާދިސާތަކުން އެނގިގެންދަނީ ސިޔާސީ އަދި ވިޔަފާރީގެ މަސްލަހަތުތަކުގެ ސަބަބުން ކުޅިވަރު ކުޅޭ މީހުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހުއްޓުވިދާނެ ގޮތެވެ.

އެމްބާޕޭގެ މަގުބޫލުކަމުގެ ސަބަބުން އޭނާއަށް ބޮޑު ނުފޫޒެއް ލިބިގެންވެއެވެ. ނަމަވެސް އޭނާގެ ވިޔަފާރީގެ އަގުގެ ސަބަބުން ސްޕޮންސަރުންނާއި ކްލަބްތަކާއި އަދި ސަރުކާރުތަކުގެ ޕްރެޝަރަށް އޭނާ ހުޅުވިގެންދެއެވެ.

ކުޅިވަރުގެ މުއައްސަސާތަކުން ގިނަ ފަހަރަށް އެދެނީ ކުޅުންތެރިން އެ މީހުންގެ ގައުމާއި ކްލަބްތަކާއި އަދި ސްޕޮންސަރުން ތަމްސީލުކުރުމަށެވެ. މީގެ ސަބަބުން ހިޔާލުތަފާތުވާ ފަދަ ހިޔާލުތަކުން ދުރުހެލިވުމަށް ޕްރެޝަރު އާދެއެވެ.

"ގިނަ ފަހަރަށް އެންމެ ރަނގަޅު ގޮތަކީ އަނގަ ބަންދުކޮށްގެން ހުރުން. ސަބަބަކީ ތިބާ ދައްކައި ނުވަތަ ކޮމެންޓްކުރައި އެތައް ކަމެއްގައި ނުރައްކާ ހުރުން،" ރޭއަލް މަޑްރިޑްގެ ކޯޗު ހޯޒޭ މޯރީނީޔޯ އެއްފަހަރަކު ބުންޏެވެ.

ކުޅިވަރު ވިޔަފާރިތަކުން ހިތްވަރާއި ތެދުވެރިކަމާއި އަދި ފަރުދީ އަމިއްލަވަންތަކަން ޕްރޮމޯޓްކުރެއެވެ. ނަމަވެސް އެ ވިޔަފާރިތަކުގެ މަސްލަހަތާ ފުށުއަރައި ހިޔާލެއް ފާޅުކޮށްފިނަމަ އެއްކަލަ ހިތްވަރާއި ތެދުވެރިކަމާއި ފަރުދީ އަމިއްލަވަންތަކަން ޕްރޮމޯޓްކުރުމަކީ ނެތް ކަމެއް ފަދަ ކަމެކެވެ.

ސަޕޯޓަރުން އުއްމީދުކުރަނީ ކުޅިވަރުގެ ތަރިން ސުލޫކީ އަދި ސިޔާސީ މައްސަލަތަކާމެދު ވާހަކަދެއްކުމަށެވެ. ނަމަވެސް ކުޅިވަރެއްގައި ހުނަރުގަދަވުމަކީ ސިޔާސީ ގޮތުން މައުލޫމާތު މުއްސަނދި މީހަކަށް އެ މީހާ ހަދައިދޭ ކަމެއް ނޫނެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ފާޑުކިޔުންތަކުން ކުޅުންތެރިން ރައްކާތެރިކޮށްދޭ ކަމެއް ނޫނެވެ. ސަޕޯޓަރުންނަށް އެ މީހުންގެ ހިޔާލުތަކާ ހިޔާލުތަފާތުވެވިދާނެއެވެ. އަދި ގެއްލުންހުރި ވާހަކަތަކަށް ކުޅުންތެރިން ޖަވާބުދާރީވެސްވާން ޖެހޭނެއެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވާން ޖެހޭނީ އެ މީހުންގެ ބަސްތަކުން ލިބުނު ގެއްލުމަށެވެ. ސަރުކާރުތަކަށް ލިބޭ ލަދުވެތިކަމަށް ނުވަތަ ވިޔަފާރިތަކަށް ލިބޭ މާލީ ގެއްލުންތަކަށް އަމާޒުވެގެންނުވާނެއެވެ.

ކުޅިވަރުގެ ކާމިޔާބީތަކަކީ ގައުމުތަކަށް އެ ގައުމުތަކުގެ ކުޅުންތެރިންގެ މިލްކުވެރިކަން ލިބޭ ކަމެއް ނޫނެވެ. ކްލަބްތަކަށް އެ މީހުން ވަޒީފާގައި ގެންގުޅެވިދާނެއެވެ. ސްޕޮންސަރުންނަށް އިޝްތިހާރު ގަނެވިދާނެއެވެ. ނަމަވެސް އެއިން އެއްވެސް ފަރާތަކަށް އެ މީހުންގެ އަމިއްލަ ވިސްނުމާއި ގަބޫލުކުރުންތައް ކޮންޓްރޯލްކުރުމުގެ ހައްގެއް ނޯންނާނެއެވެ.

ކުޅިވަރު މުއައްސަސާތަކުން ކުޅުންތެރިޔާގެ ހުނަރުގެ ފަހަތުގައިވާ އިންސާނާ އިޝްތިހާރުކޮށް ވިއްކަން ބޭނުންވާނަމަ އެ އިންސާނާގެ އަމިއްލަ އަޑެއްވާކަންވެސް އެ މުއައްސަސާތަކުން ގަބޫލުކުރަންޖެހޭނެއެވެ.

ނޯޓް: މިއީ އަލްޖަޒީރާގައި އިއްޔެ ޝާއިއުކުރި ކޮލަމަކަށް އިތުރު މައުލޫމާތު ލައިގެން، ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފައިވާ ލިޔުމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *