Support Us

ގާތްގަނޑަކަށް ތިން ދަހަރުގެ ދުނިޔެ ވަށައި ހިނގުމުގެ ދަތުރު ފުރިހަމަކޮށް ކާލް ބުޝްބީ (މ) ހޯމަ ދުވަހު އޭނާ އުފަން ރަށަށް އައުމުން މީހުން މަރުހަބާ ކިޔަނީ

ދުނިޔެ ވަށައި ހިނގި 28 އަހަރުގެ ދަތުރު އިނގިރޭސި މީހަކު ފުރިހަމަކޮށްފި

އިނގިރޭސި ވިލާތުގެ މީހަކު ދުނިޔެ ވަށައި ހިނގި ގާތްގަނޑަކަށް ތިން ދަހަރުގެ ދަތުރު ފުރިހަމަކޮށްފިއެވެ.

އުމުރުން 57 އަހަރުގެ ކާލް ބުޝްބީވަނީ 31،000 މޭލު (50،000 ކިލޯމީޓަރު) ހިނގައިފައެވެ. އޭނާ މި ދަތުރު ނިންމައިލީ ހޯމަ ދުވަހު އޭނާ ކުޑައިރު ދިރިއުޅުނު ގެއާ ހިސާބުންނެވެ.

ބުޝްބީ ބީބީސީއަށް ބުނި ގޮތުގައި 28 އަހަރުގެ ތެރެއިން ހިނގުމުގައި ހޭދަވީ ގާތްގަނޑަކަށް 15 އަހަރެވެ.

އޭނާ ބުނި ގޮތުގައި އިދާރީ އަދި ސިޔާސީ މައްސަލަތަކުގެ ސަބަބުން އޭނާގެ އެތައް ވަގުތެއް ބޭކާރުވިއެވެ. އަދި ތިމާވެށީގެ ގޮންޖެހުންތަކާވެސް އޭނާއަށް ކުރިމަތިވިއެވެ. ބައެއް ފަހަރު އޮތް ހަމައެކަނި ހައްލަކީ އިންތިޒާރުކުރުންކަމަށް އޭނާ ބުންޏެވެ. އޭނާ ގަވާއިދުން މެކްސިކޯއަށް އަނބުރާ ދިޔައެވެ. އެއީ ވިސާގެ ކަންކަމާއި ދަތުރުގެ އިންތިޒާމުތަކާއި އަދި ސްޕޮންސަޝިޕް އެއްބަސްވުންތައް ހަމަޖެއްސުމަށެވެ.

ފުރަތަމަކޮޅު ބުޝްބީ އުއްމީދުކުރީ މި ދަތުރަށް ގާތްގަނޑަކަށް 10 އަހަރު ހޭދަވާނެކަމަށެވެ. ނަމަވެސް އޭނާއަށް ހީނުކުރާ އެތައް ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ. ޕެނަމާގައި އޭނާ ވަގުތީ ގޮތުން ޖަލަށް ލިއެވެ. މެކްސިކޯގައި ހަތިޔާރުއެޅި މީހުން އޭނާއަށް ބަޑިން އިންޒާރު ދީ ހިފެހެއްޓިއެވެ. އަދި ގަވާއިދާ ހިލާފަށް ބޯޑަރު ހުރަސްކުރުމުން ރަޝިޔާގެ ރަސްމީ އިދާރާތަކުން އޭނާ ހިފެހެއްޓިއެވެ.

ދުނިޔެއަށް ކުރިމަތިވި 2008 ގެ މާލީ ކާރިސާގެ ސަބަބުން ދަތުރަށް އިތުރު ލަސްތަކެއް ކުރިމަތިވިއެވެ. އަދި ކޮވިޑް-19 ގެ ޕެންޑެމިކްގެ ސަބަބުންވެސް އޭނާގެ ދަތުރަށް ހުރަސްއެޅުނެވެ.

އޭނާ ދަ ޓެލެގްރާފަށް ބުނީ 21 ވަނަ ގަރުނުގެ އެޑްވެންޗާ ދަތުރެއް (ސާހަސިކަ ނުވަތަ ނުރައްކާތެރި ދަތުރެއް) ސިފަވަނީ އޭނާއަށް ކުރިމަތިވި ދަތިތަކުން ފުރިފައިވައި ފަދަ ދަތުރެއްގެ ގޮތުގައެވެ.

ބުޝްބީވަނީ މެދުތެރޭ އެމެރިކާ ބައްރުގެ ޖަންގަލިތައް ހުރަސްކޮށްފައެވެ. އަދި އެމެރިކާގެ އަލަސްކާއާއި ރަޝިޔާއާ ދެމެދު އޮތް ގަނޑުވެފައިވާ ސަރަހައްދުވެސް އޭނާ ހުރަސްކުރިއެވެ. މި ދިޔަ މަހު އޭނާވަނީ ފަތައިފައި އިނގިރޭސި ކަނޑުއޮޅި ހުރަސްކޮށްފައެވެ. މިއީ އޭނާގެ ދަތުރުގެ އެންމެ ފަހު ބައެވެ. އޭނާ މުޅި މި ދަތުރު ފުރިހަމަކުރީ އަމިއްލަ ޖިސްމާނީ ބާރު ބޭނުންކޮށްގެންނެވެ.

ހޯމަ ދުވަހުގެ ހެނދުނު ބުޝްބީއަށް އޭނާގެ އުފަން ރަށްކަމަށްވާ ހަލްއިންވަނީ ސަތޭކައިން ގުނާލެވޭ އަދަދެއްގެ އާންމުން ސާބަސްދެމުން މަރުހަބާ ކިޔައިފައެވެ.

"އަށާވީސް އަހަރަށްފަހު މިއަށްވުރެ ވަކި ބޮޑު އުފަލަކަށް އެދެވޭކަށް ނެތް،" އެއްވެފައިވާ މީހުންނާ މުހާތަބުކޮށް އޭނާ ބުންޏެވެ.

އޭނާ ދެން މިސްރާބުޖެހީ އޭނާގެ އާއިލީ ގެއާ ދިމާއަށެވެ. އޭނާ ދިޔައީ އޭނާގެ މަދު ތަކެތި އަރުވައިފައިވައި ޓްރޯލީއެއް ކޮއްޕަމުންނެވެ. އެ ޓްރޯލީގައި އިތުރު ފުރޮޅެއްވެސް އޮތެވެ. ނަމަވެސް މިހާރު އޭނާއަށް އެ ޓަޔަރުގެ ބޭނުމެއް ނެތެވެ.

"އަހަރެމެން އަދި ބައްދަލުވާނެކަމަށް އުއްމީދުކުރަން،" އެއްވެފައި ތިބި މީހުންނަށް އޭނާ އިތުރަށް ބުންޏެވެ.

އޭނާގެ މަންމައާއި އުމުރުން 36 އަހަރުގެ ފިރިހެން ދަރިފުޅާއި އަދި 12 އަހަރުގެ އަންހެން ކާފަދަރިފުޅު ތިބީ ގޭގައި އޭނާގެ އިންތިޒާރުގައެވެ.

އުމުރުން ވިހީގެ އަހަރުތަކުގައި ބުޝްބީވަނީ އިނގިރޭސި އަސްކަރިއްޔާގެ ޕެރަޝޫޓް ރެޖިމެންޓުގައި ހިދުމަތްކޮށްފައެވެ. އޭނާގެ ކައިވެނި ފަހުންވަނީ ރޫޅިފައެވެ. އެއަށްފަހު އޭނާ ދުނިޔޭގެ ޗާޓެއްގައި ރޮނގެއް ދަމައިލުމަށްފަހު ދުނިޔެ ވަށައި ހިނގުމަށް ނިންމިއެވެ. މި ހިޔާލު އޭނާއަށް ލިބުނީ އޭނާގެ ބައްޕަގެ ކިބައިންނެވެ. އޭނާގެ ބައްޕަ އެއްފަހަރަކު ސުވާލު އުފެއްދީ އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުން އެމެރިކާގެ އެންމެ ބޮޑު ސިޓީކަމަށްވާ ނިއު ޔޯކަށް މީހަކަށް ހިނގައިފައި ދެވިދާނެތޯއެވެ.

ބުޝްބީ އޭނާގެ ދަތުރު ފެށީ ދެކުނު އެމެރިކާ ބައްރުގެ ޗިލީންނެވެ. އޭނާގެ އަތުގައި އޮތީ ފޭލިގެއަކާއި މަދު އަދަދެއްގެ ސަތޭކަ ޑޮލަރުގެ ނޫޓުތަކަކާއި އަދި އަގުހެޔޮ ޕްލާސްޓިކް ކެމެރާއެކެވެ. އޭނާ އެމެރިކާ ބައްރުގެ އުތުރަށް ދަތުރުކުރިއެވެ. އަދި އެމެރިކާގެ އަލަސްކާއިން ރަޝިޔާއަށް ހުރަސްކުރިއެވެ. އެއަށްފަހު މޮންގޯލިއާއާއި ޗައިނާ ހުރަސްކުރިއެވެ. ފަހުން ޔޫރަޕްގެ އެކި ގައުމުތައް ހުރަސްކުރިއެވެ. އަދި ކެސްޕިއަން ކަނޑުވެސް އޭނާ ފަތައިފައި ހުރަސްކުރިއެވެ.

"ބައެއް ފަހަރު ކަންކަން އެއްގޮތަކަށް ތަކުރާރުވުން ވަރަށް ބޮޑު،" މި ދިޔަ އަހަރު ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބައެއް ފަހަރު ދުވަސްތަކެއް ނުވަތަ ހަފުތާތަކެއް ވަންދެން ސަހަރާގެ ތެރެއިން ހިނގަންޖެހެއެވެ. ވަށައިގެންވާ މަންޒަރަށް އެއްވެސް ބަދަލެއް ނާދެއެވެ.

އޭނާ ބުނީ މި ތަޖުރިބާގެ ސަބަބުން ނަފްސާނީ އަސަރުތަކެއްކޮށްފާނެކަމަށެވެ. އަދި އާކްޓިކް ސަރަހައްދުގައިވެސް އޭނާއަށް ކުރިމަތިވީ އެ ފަދަ ހާލަތްތަކެކެވެ.

އޭނާގެ މި ދަތުރާ ބެހޭ ޑޮކިއުމެންޓްރީއެއް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގައި އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއްކަމަށްވާ އިންގްލަންޑުގެ އެކި ކަންކޮޅުތަކުގައި ވާހަކަދެއްކުމުގެ ޓުއާއެއް ފެށުމަށްވެސް ބުޝްބީ ރައިވަމުންދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *