Support Us

ކްރިސް ބްރައުން

ކުރީގެ ރަހްމަތްތެރިއަކަށް ހަމަލާދިނުމުގެ ކުށުގައި ކްރިސް ބްރައުން ޖަލަށް ނުގޮސް ސަލާމަތްވެއްޖެ

ކުރީގެ ރަހްމަތްތެރިއަކަށް ހަމަލާދިން މައްސަލައިގައި އެމެރިކާގެ ރިދަމް އެންޑް ބްލޫސް ލަވަކިޔުންތެރިޔާ ކްރިސް ބްރައުން ޖަލަށް ދިއުމުން ސަލާމަތްވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ނައިޓް ކްލަބެއްގައި ބަނގުރާ ފުޅިއަކުން މިއުޒިކް ޕްރޮޑިއުސަރު އަބްރަހަމް ދިއާއޯއަށް ދިއާއޯގެ ނަފުސަށް ނުރައްކާވިކަން އިހްސާސްވި ކަހަލަ ގޮތަކަށް ހަމަލާދިންކަމަށް އުމުރުން 37 އަހަރުގެ ބްރައުން މި އަހަރު ކުރީކޮޅުވަނީ އިއުތިރާފުވެފައެވެ.

ސައުތުވާކް ކްރައުން ކޯޓުން ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްޔެ އިއްވައި، ކޯޓުންވަނީ އެ ހުކުމް އެއް އަހަރަށް ސަސްޕެންޑްކޮށްފައެވެ.

ބްރައުންގެ އަޑު ގެންގުޅޭނެ ގޮތުގެ ތަމްރީނު ދޭ، އުމުރުން 40 އަހަރުގެ އޮމޮލޮލޫ އަކިންލޮލޫވެސް ހަމަލާގައި ބައިވެރިވިއެވެ. އޭނާގެ މައްޗަށް ކޯޓުން އިއްވީ ހަތަރު މަހުގެ ސަސްޕެންޑްކޮށްފައިވާ ޖަލު ހުކުމެކެވެ.

ބްރައުންއާއި އަކިންލޮލޫއަށްވަނީ އެއިން ކޮންމެ މީހަކު 1،500 ޕައުންޑް (2،001.79 ޑޮލަރު ނުވަތަ 30،867.6ރ.) ޝަރީއަތުގެ ހަރަދަށް ކޯޓަށް ދެއްކުމަށްވެސް އަންގައިފައެވެ.

ފަނޑިޔާރު ޓޯނީ ބައުމްގާޓްނާ މި ހަމަލާ ސިފަކުރެއްވީ "ސާފުކޮށް ފެންނަން އޮތް ނުރައްކާތެރި" އަމަލެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ ބްރައުންގެ ވިޔަފާރީގެ ކާމިޔާބީއަކީ ވަކި ހާއްސަ އިނާޔަތްތަކެއް ކޯޓުން އޭނާއަށް ދޭނެ ސަބަބެއް ނޫންކަމަށެވެ.

އޮމޮލޮލޫ އަކިންލޮލޫ

"އެ ގޮތަށް ބިއްލޫރި ފުޅިއެއް ތަކުރާރުކޮށް، ހާއްސަކޮށް ބޮލަށް އަމާޒުކޮށް ބޭނުންކުރުމަކީ ކަނޑައެޅިގެން ނުރައްކާތެރި ކަމެއް. އެއީ ލިބުނު އަނިޔާއަށްވުރެ މާ ސީރިއަސް އަނިޔާއެއް ލިބުމުގެ ނުރައްކާ އޮތް ކަމެއް،" ބައުމްގާޓްނާ ވިދާޅުވިއެވެ.

ކޯޓުންވަނީ ހަމަލާގެ ސީސީޓީވީ ފުޓޭޖް ބަލައިފައެވެ. ބްރައުންވަނީ ދިއާއޯގެ ގައިގައި ފުޅިން ހަތަރު ފަހަރު ޖަހައިފައެވެ. ދެ ފަހަރު ޖެހީ ދިއާއޯގެ ބޮލުގައެވެ. އަނެއް ހަމަލާ އެރީ އޭނާގެ ކޮނޑަށެވެ.

ޕްރޮސެކިއުޓަރު ހައިޑީ ސްޓޯންކްލިފް ކޭސީ ބުނީ ބްރައުން "ބަރު، ހަތަރެސްކަން ބައްޓަމުގެ ޓެކީލާ ބާވަތުގެ ބަނގުރާ ފުޅިއެއް" ބޭނުންކޮށްގެން "ދިއާއޯގެ ބޮލުގެ ވާތް ފަރާތުގައި ދެ ފަހަރު ޖެހި"ކަމަށެވެ.

ދިއާއޯ ފަސްއެނބުރުމުން ބްރައުން ދެން "އިތުރު ހަމަލާތަކެއް"ދިނެވެ.

ސްޓޯންކްލިފް ބުނީ އަކިންލޮލޫވަނީ ދިއާއޯގެ ގައިގައި ފަހަތުން ބައްދައިގަނެ ހިފަހައްޓައިފައިކަމަށެވެ.

"ދިއާއޯ ބިންމައްޗަށް ވެއްޓެނު. އަދި ބްރައުންވެސް މުށްބާރުކޮށްފައި ދިއާއޯގެ ގައިގައި އަތުން ޖަހައިތަން ފެނޭ،" އޭނާ ބުންޏެވެ.

އެހެން ވީޑިއޯއަކުން ފެންނަނީ ބްރައުން ދިއާއޯއާ ދުރަށް "ދަމައިގަނެގެން ގެންދާ" ތަނެވެ.

ހަމަލާ ދެމިގެންދިޔައީ ގާތްގަނޑަކަށް 20 ސިކުންތަށެވެ. އެ ހަމަލާ ދިން ވަގުތަކީ މެންދަމު ގާތްގަނޑަކަށް ތިނެއް ޖެހިއިރުއެވެ. ހަމަލާދިން ސަބަބެއް ސާފެއް ނޫނެވެ. ބްރައުންގެ ރުޅި ކޮންޓްރޯލްނުކުރެވުމުގެ ހާދިސާތަކާ ގުޅިގެން ކޯޓަކުން ކުރިންވަނީ އޭނާ އެ ކަމަށް ފަރުވާ ހޯދަންވެސް އަމުރުކޮށްފައެވެ.

ބްރައުން 2009 ގައިވަނީ ބާބޭޑޮސްގެ އުމުރުން 38 އަހަރުގެ އެކި ބާވަތުގެ ލަވަކިޔާ ރިއާނާއަށްވެސް ހަމަލާދީފައެވެ. ރިއާނާއަށް ބޭވަފާތެރިވިކަމަށް އިއުތިރާފުވުމުން ރިއާނާ ބްރައުންގެ ގައިގައި ޖެހުމުން ބްރައުންވަނީ ރިއާނާގެ މޫނުމަތީގައި ޖަހައި ތުންފަތް ފަޅައިލައި އަދި ކަރުގައި ހިފައިފައެވެ. އެ ކުށުގައި ބްރައުނަށްވަނީ ފަސް އަހަރުގެ ޕްރޮބޭޝަނާއި އިޖުތިމާއީ ހިދުމަތްކުރުމާއި ގެވެށި އަނިޔާގެ ކައުންސެލިން ދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް