Support Us

މިހާރު އުމުރުން 19 އަހަރުގެ ރާޖާ ގޯޕޭ އޭނާގެ އާއިލާއާ ބައްދަލުކުރަނީ

އެރުނީ ނުބައި ރޭލަކަށް، އާއިލާއާ ބައްދަލުވީ 13 އަހަރު ފަހުން

އެޅިގާ ހަދާ ތަނަކަށް ދިޔަ މަގުމަތީގައި އުމުރުން ހަ އަހަރުގެ ރާޖާ ގޯޕޭ އޭނާގެ ބައްޕައާ ވަކިވުމަށް ދިމާވިއެވެ. އޭނާއަށް އެރުނީ ނުބައި ރޭލަކަށެވެ.

އެއީ 2012 އެވެ. އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓަށް ދާން އޮތަސް އޭނާއަށް އެރުނީ ކެރަލާ ސްޓޭޓަށް ދިޔަ ރޭލަކަށެވެ.

އޭނާއަށް ކެރަލާގެ އަރްނަކުލަމް ސިޓީއަށް ދެވުނުތަނާ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން އޭނާ ހިމާޔަތްކުރިއެވެ. އަދި ކުޑަކުދިން ބަލަހައްޓާ މަރުކަޒެއްގައި އޭނާ ބެހެއްޓިއެވެ.

މިހާރު ގޯޕޭގެ އުމުރަކީ 19 އެވެ. ވާހަކަދައްކަނީ ކެރަލާގެ މަލަޔާލަމް ބަހުންނެވެ. ހިންދީ ބަސް އެނގުނަސް އޭނާގެ އަސްލު ބަސްކަމަށްވާ ހޯ ބަސް މިހާރު އޭނާ ހަނދާނެއް ނެތެވެ.

ރާޖާގެ ހަނދާނުގައި ހުރީ ހަމައެކަނި އޭނާގެ މައިންބަފައިންގެ ފުރަތަމަ ނަމާއި އޭނާގެ ބަސްތީ ހުންނަނީ ކުޑަ ފަރުބަދައަކާއި ސްކޫލެއް ކައިރީގައިކަމެވެ.

ކެރަލާގެ ކުޑަކުދިންގެ ދުޅަހެޔޮކަމާ ގުޅޭ ކޮމިޓީން ހިންގާ ކުޑަކުދިން އާއްމު ދިރިއުޅުމަށް ގެނެސްދޭ ޕްރޮގްރާމެއްގެ ދަށުން ރާޖާ ކަންނޫރު ސިޓީއަށް ބަދަލުވިއެވެ. އެ ތާނގެ އެކްޓިވިސްޓުންނާއި ރޭލު ސްޓޭޝަންތައް ކައިރީގައި ދިރިއުޅޭ ކުޑަކުދިން ހިމާޔަތްކުރާ، ހިލޭސާބަހަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ރެއިލްވޭ ޗިލްރަންއިން އޭނާގެ ވީޑިއޯއެއް ދައުރުކުރިއެވެ. ޖާކަންދް ސްޓޭޓްގެ ހަރިމަރާ ބަސްތީގައި ދިރިއުޅެމުންދިޔަ އޭނާގެ އާއިލާ ހޯދުނީ ދެނެވެ.

ޖާކަންދްގެ ފުލުހުންގެ ހާއްސަ ޓީމަކުން މި ދިޔަ މާޗްގެ 10 ގައި އޭނާގެ އާއިލީ ގެއަށް އޭނާ ގެންދިޔައެވެ. އެއީ އޭނާގެ އައިޑެންޓިޓީ ކަށަވަރުކުރުމަށްފަހުއެވެ.

ޖާކަންދްގެ ނޭބަހުޑެއްކަމަށްވާ ސޮނުއާގެ ފުލުސް އޮފިސަރެއްކަމަށްވާ ޝަޝީ ބާލާ ބެންގްރާ ބުނީ ރަސްމީ އިދާރާތަކުން ހުރިހާ ލިޔެކިޔުމެއް ފުރިހަމަކުރިކަމަށެވެ. އަދި ރާޖާގެ ބައްޕަ މީގެ ހަތަރު އަހަރުކުރިން މަރުވެފައިވާތީ މަންމަ މާނީގެ ބަޔާނެއްވެސް ނެގިކަމަށެވެ.

ޖާކަންދްގެ ވެސްޓް ސިންގްބަމް އަވަށުގެ ފުލުހުންގެ ސުޕަރިންޓެންޑެންޓް އަމިތް ރޭނޫ ބުނީ ރާޖާގެ ބަސްތީ ހޯދުމަށް އެހީވީ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ރަސްމީ އިދާރާތަކަށް ގުޅައިގެންކަމަށެވެ.

ކުޑަކުދިންގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްކަމަށްވާ މުހައްމަދު ޝަމީމް ބުނީ އާއްމު ދިރިއުޅުމަށް ރާޖާ ގެނައުމަށާއި ހުނަރުތައް އޭނާއަށް ދަސްކޮށްދިނުމަށް އެހީތެރިވާނެކަމަށެވެ.

ރާޖާގެ އާއިލާއާ އޭނާ އަލުން ބައްދަލުކުރުމަށް ހަރިމަރާއަށް ދިއުމުން އެ ބަސްތީގެ މީހުންވަނީ ބެރު ޖަހައި، ސަގާފީ ނެށުމެއް ބާއްވައިފައެވެ.

ރާޖާ އޭނާގެ މަންމަ އާއި އެއްބަނޑު އެއްބަފާ ހަތަރު އަންހެންކުދިންގެ ގައިގައި ބައްދައިލިއެވެ.

"އެންމެ ކުޑަމިނުން މިހާރު އަހަރެމެންނަށް އެނގިއްޖެ އޭނާ (ރާޖާ) ދިރިހުރިކަމާއި ހުރީ ދުޅަހެޔޮކޮށްކަން،" މާނީ ބުންޏެވެ.

ރާޖާއަކީ މިހާރު ފުޓުބޯޅަ ކުޅުންތެރިއެކެވެ.

އޭނާ ބުނީ އޭނާ އޭނާގެ އާއިލާ ބަލަހައްޓާނެކަމަށެވެ.

"ރަނގަޅު ވަޒީފާއެއް ލިބުމުން އަހަރެން އެ މީހުން ގޮވައިގެން ބަދަލުވާނީ ކެރަލާއަށް،" ރާޖާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *