Support Us

މި ދިޔަ މަހު 14 ގައި އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އިރާގުގެ ބޮޑުވަޒީރު އަލީ އަލްޒައިދީއާ ބައްދަލުކުރައްވަނީ

އެމެރިކާ ކޯލިޝަން ފައުޖު އިރާގުން ފައިބަނީކަން ކަށަވަރު: އަލްޒައިދީ

އިރާގުން ޓެރަރިޒަމް ނައްތައިލަން އެ ގައުމަށް ދިޔަ އެމެރިކާއާ ގުޅިފައިވާ ކޯލިޝަން ފައުޖު އަންނަ މަހު އެ ގައުމުން ފައިބަނީކަން ކަށަވަރު ކަމަށް އިރާގުން ބުނެފިއެވެ.

"ސެޕްޓެމްބަރު 30 އަކީ ކަނޑައެޅިފައިވާ އެންމެ ފަހު ތާރީހު،" އިރާގުގެ ބޮޑުވަޒީރު އަލީ އަލްޒައިދީ އިއްޔެ ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ވެރިޔާ، އެޑަމަރަލް ބްރެޑް ކޫޕާއާ އިރާގުގެ ވެރިރަށް ބަގްދާދުގައި ބައްދަލުކުރެއްވުމަށްފަހުއެވެ.

"ޓެރަރިޒަމާ ދެކޮޅަށް އިރާގުގައި ދެން ހަރަކާތްތެރިވާނީ އިރާގާއި ކުރުދީންގެ ބާރުތަކުން،" އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.

އެމެރިކާއާ ގުޅިފައިވާ ކޯލިޝަން އެންމެ ފުރަތަމަ އިރާގަށް އެރީ 2003 ގައި ސައްދާމް ހުސައިންގެ ވެރިކަން ވައްޓައިލުމަށެވެ. އެއީ އެމެރިކާއަށް 2001 ގެ ސެޕްޓެމްބަރު 11 ގައި ދިން ހަމަލާއާ އޭނާއާ ގުޅުން ހުރި ކަމަށާއި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ބުނެފައެވެ. ނަމަވެސް ފަހުން އެނގުނީ ސެޕްޓެމްބަރު 11 ގެ ހަމަލާ ހިންގި އަލްގައިދާ ޖަމާއަތާ ސައްދާމާ ގުޅުމެއް ނެތްކަމާއި އިރާގުގައި ފަނާކުރަނިވި ހަތިޔާރުވެސް ނެތްކަމެވެ.

ސައްދާމް އަވަހާރަކޮށްލަން 1982 ގައި ކުރި މަސައްކަތާ ގުޅިގެން އިރާގުގެ ޝީއައި 148 މީހުންނާއި ކުޑަ ފިރިހެން ކުދިންތަކެއް މަރައިލުމުގެ ކުށް ސާބިތުވެ، ސައްދާމްގެ މައްޗަށް 2006 ގައި މަރުގެ ހުކުމް ތަންފީޒުކުރިއެވެ.

އެއާ ވިދިގެން އެމެރިކާގެ ކޯލިޝަން ސިފައިން 2011 ގައި އިރާގުން ފޭބިއެވެ. ނަމަވެސް އައިސިސް ޖަމާއަތް އުފެދި، އިރާގުގެ ބޮޑު ސަރަހައްދެއް ހިފުމުން އިރާގުގެ ސަރުކާރުގެ އެދުމަކަށް އެމެރިކާ ކޯލިޝަން އެނބުރި 2014 ގައި އިރާގަށް ގޮސް މިހާރު ވަނީ އިރާގު ސަރުކާރު އަސްކަރީ ގޮތުން އަލުން ބާރުވެރި ކުރުވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *