ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާނުގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅީގެ މައްޗަށް ފުރިހަމަ ބާރު މި ވަގުތު އޮތީ އެމެރިކާ އަތުގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
"ހުރުމުޒުގެ މައްޗަށް 100 ޕަސެންޓް ކޮންޓްރޯލް އޮތީ އެމެރިކާގެ އަތުގައި. އަހަރެމެން މިހާރު ވަނީ މައިންތައް ނަގައި ސާފުކޮށްފައި. އަދި މި ދަނީ އެ ކަނޑުއޮޅި ހުރަސްކުރެވޭނީ ކޮންކޮން އުޅަނދުތަކަކަށްކަން ނިންމަމުން،" ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ، ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ އެމެރިކާއިން މެދުކަނޑައިލައިފައި އޮއްވައި، ހުރުމުޒު އަލުން ހުޅުވައިލުމާމެދު އެމެރިކާ އާއި އީރާނާދެމެދު ދެބަސްވުންތަކެއް އުފެދިފައިވަނިކޮށެވެ.
ޓްރަމްޕްގެ ވިދާޅުވުމާ އީރާނުން ދެކޮޅުހެދިއެވެ.
އީރާނުން ބުނީ ހުރުމުޒު ހުޅުވައިލުމަކީ އީރާނަށް އޮތް ކަމެއް ކަމަށެވެ. އަދި އެ ކަނޑުއޮޅި އެއްކޮށް ހުޅުވައިލާނީ އެމެރިކާއިން އީރާނުގެ ހުރިހާ ޝަރުތުތަކަށް އެއްބަސްވީމާ ކަމަށެވެ.
އެހެންކަމުން ޓްރަމްޕްގެ ވިދާޅުވުން ގުޅިފައިވަނީ ހުރުމުޒު ހިމެނޭ ގޮތަށް އީރާނުގެ ހުރިހާ ބަނދަރުތަކަށް އެމެރިކާއިން އަޅައިފައިވާ ހުރަސްތަކަށް ކަމަށް ބެލެވެއެވެ.
ހުރުމުޒު ރައްކާތެރި ތަނަކަށް ހަދަން އުމާނާއެކު އީރާނުން ކުރަމުންދާ މަޝްވަރާތަކުގައި އެމެރިކާއިން ބައިވެރިވާ ކަމަށް އެމެރިކާއިން ބުންޏަސް އީރާނުން ވަނީ އެއީ ދޮގެއް ކަމަށް ބުނެފައެވެ.
އީރާނުގެ އޮފިޝަލުން ބުނީ އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން އަޅައިފައިވާ ހުރަސްތަކާއި އެމެރިކާއިން އީރާނަށް ކުރަމުންދާ އަސްކަރީ ޕްރެޝަރުތަކަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
"އަހަރެމެން އެމެރިކާގެ ޕްރެޝަރަށް ނުވެއްޓުނީތީވެ އެމެރިކާއިން އަހަރެމެންނާއެކު ވާހަކަތައް ބާއްވަން ނިންމީ،" އީރާނުގެ އޮފިޝަލަކު ބުންޏެވެ.
އޭނާ އިޝާރާތްކުރީ އީރާނަށް 1979 ގައި ގެނައި އިސްލާމީ އިންގިލާބަށްފަހު އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ، ޓްރަމްޕް ވިދާޅުވާ "50 އަހަރުގެ ހަމަނުޖެހުންތަކަ"ށް ހައްލެއް ގެނައުމަށް ބާއްވާ ނުސީދާ ވާހަކަތަކަށް ކަމަށް ބެލެވެއެވެ.
އެމެރިކާ އާއި އީރާނާ ދެމެދު މި ވަގުތު ހަމަލާ ބަދަލުކުރަމުންނުދިޔަ ނަމަވެސް ހުރުމުޒު މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމުގެ ސަބަބަން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއް އަގު މިއަދުވެސް އުޅެނީ 90 ޑޮލަރު (1،387ރ.)އާ ކައިރިކުރާ މިންވަރެއްގައެވެ.



advertisment