އެމެރިކާގެ ކެންޓަކީ ސްޓޭޓަށް އުފަން ބްރުކްލިކް ޑޮޓްސަންގައި މޭގެ ނާދިރު ހާލަތެއް ހުރިކަން ޑޮކްޓަރުންނަށް ޑައެގްނޯސް ކުރެވުނީ އޭނާގެ ޅަފަތުގައި 2003 ގައެވެ.
"ޑޮކްޓަރުން މަންމަ ގާތުގައި ބުނީ އަހަރެން ދިރިހުންނާނީ ތިން ދުވަހު ކަމަށް. އަދި ބުނީ ޖަނާޒާ ކަންތައްތައް ރާވައިދޭ ފަރާތަށް ގުޅައިގެން ތައްޔާރުވުމަށް،" މިހާރު އުމުރުން 24 އަހަރުގެ ބްރުކްލިން ބުންޏެވެ.
އޭނާގެ މަންމަ އުއްމީދު ކަނޑައެއް ނުލިއެވެ. އަދި ވަގުތު އޮއްވާ މޭ ހަދިޔާކުރި ޑޮނާއެއް ލިބި، ބްރުކްލިންގެ ޓްރާންސްޕްލާންޓް އޮޕަރޭޝަންކުރިއެވެ.
މޭ ހަދިޔާކުރި އޮހައިއޯ ސްޓޭޓަށް އުފަން މައިކަލް ވޯޓާސްއަކީ ކުޑައިރުވެސް "ވަރަށް ރަނގަޅު ކުއްޖެއް" ކަމަށާއި "ކޮންމެ މީހަކަށްވެސް ކޮންމެ ފަދަ ކަމެއްވެސް ކޮށްދީފާނެ ކުއްޖެއް" ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ. އަދި ގުނަވަން ހަދިޔާކުރާ ޑޮނާއަކަށް ވާން ބޭނުންވި ކަމަށް ވަރަށް ޅައިރު ބުނި ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ.

އޭނާގެ އެ އެދުން އޭނާއަށް އޭނާގެ މައިންބަފައިން ފުރިހަމަކޮށްދިނެވެ. އެއީ އޭނާގެ އުމުރުން 10 އަހަރުގައި ކާރު އެކްސިޑެންޓެއްގައި މަރުވުމުންނެވެ. އެ ގޮތުން އޭނާގެ ދެ އަތާއި ދެ ފަޔާއި ހިތާއި ދެ ލޮލާއި ފުއްޕާމެއާއި އަދި ދެ ގުރުދާވެސް ޓްރާންސްޕްލާންޓް ސާޖަރީތަކަށް ހަދިޔާކުރިއެވެ. އޭނާގެ މޭ ހަދިޔާކުރީ ބްރުކްލިންއަށެވެ.
އޮހައިއޯގެ ސިންސަނަޓީ ސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލުގައި މައިކަލްގެ މޭ ޓްރާންސްޕްލާންޓް ކުރުމުން ބްރުކްލިންއަށް ދިރިހުރުމަށް ދެވަނަ ފުރުސަތެއް ލިބުނެވެ. އަދި ފަހުން ވަނީ މައިކަލްގެ ކޮއްކޮ ނޮއާއާ ބައްދަލުވެ، ރަހްމަތްތެރިކަމުގެ ގުޅުން އުފެދިއެވެ.

އޭގެ އެތައް އަހަރެއް ފަހުން ބްރުކްލިން އާއި ނޮއާ ޑޭޓްކުރަން ފެށިއެވެ. އަދި ލޯބީގެ ގޮތުން ގުޅުނެވެ. މިހާރު، މައިކަލްގެ މޭ ޓްރާންސްޕްލާންޓްކުރިތާ 23 އަހަރު ފަހުން ބްރުކްލިން ދަނީ އަންނަ މަހު 26 ގައި ނޮއާއާ ކައިވެނިކުރަން ތައްޔާރުވަމުންނެވެ.
"ވިއްސަކަށް އަހަރު ފަހުން އަހަރެންގެ އަންތްބަށް ވާނެ މީހާގެ ފުރާނަ ސަލާމަތްކުރާނީ އަހަރެންގެ ބޭބެކަން އަހަރެންގެ ހިތަކަށްވެސް ނައިރައި،" ނޮއާ ބުންޏެވެ.

"އަހަރެންނަށް ހަޔާތުގެ އުފާވެރިކަން ތަޖުރިބާކޮށްލަން ފުރުސަތު މި ލިބުނީ މައިކަލްގެ ސަބަބުން،" މައިކަލްގެ ހަނދާންތައް ދަމަހައްޓާނެ ކަމަށް ބުނަމުން ބްރުކްލިން ބުންޏެވެ.
ނޮއާގެ ދެބެއިންގެދެދަރި ބެތު ޕޮޓީޓް ބުނީ އޭނާއަށް ވިސްނޭ ގޮތުގައި އޭނާގެ އާއިލާގެ ލެގަސީ ދެމެހެއްޓުމުގެ ފުރުސަތު މި ލިބުނީ މައިކަލްގެ ސަބަބުންނެވެ.



advertisment