Support Us

ހޮނުއެޅުމުން އެއް ދުވަސް ތެރޭ 14 މަރު

ހޮނުއެޅުމުގެ ސަބަބުން އެއް ދުވަސް ތެރޭ 14 މީހުން އިންޑިއާގައި މަރުވެއްޖެއެވެ.

"ޖާކަންޑް ސްޓޭޓްގައި ގިނައިން މަރުވީ އިއްޔެ މެންދުރުފަހު ދަނޑުތަކުގައި މަސައްކަތްކުރަން އުޅުނު ދަނޑުވެރިން. އަށް މީހުން ޒަހަމްވެސް ވި،" ފުލުހުންގެ އޮފިޝަލަކު ބުންޏެވެ.

ޖޫންއިން ސެޕްޓެމްބަރަށް އިންޑިއާއަށް އަންނަ މޫސުމީ ވިއްސައިރައިގައި އެކި ސްޓޭޓްތަކުން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އެއީ ހޮނުއެޅުމުގެ އިތުރުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުންނެވެ.

އިންޑިއާގެ ހަތަރުބައިކުޅަ ތިންބައި އަހަރީ ވިއްސާރަ ކުރަނީ އެ ހަތަރު މަހުގައެވެ. އަދި މިހެންވެ، އެ މުއްދަތަކީ ދަނޑުތަކުގައި ދަނޑުވެރިން އެންމެ ބުރަކޮށް މަސައްކަތްކުރާ ދުވަސްވަރެވެ. އެހެންކަމުން އެ ދުވަސްވަރު ތޫފާންތައް އަންނަނީ އެންމެ ގިނަ މީހުން ބޭރުގައި އުޅެ، ހިޔަލަށް ދާނެ ފުރުސަތު ނުލިބޭ ދަނޑިވަޅުގައެވެ.

ގާތްގަނޑަކަށް 40 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖާކަންޑް ސްޓޭޓްގައި ތޫފާންތަކުން ހޮނުއެޅުމުގެ ސަބަބުން މި ދިޔަ އަހަރު 200 އަށްވުރެ ގިނަ މީހުން މަރުވިއެވެ.

މޫސުން ލަފާކުރާ އިދާރާއިން މޫސުމީ އަލާޓްތައް ފޮނުވަނީ މެސެޖުންނާއި މޮބައިލް އެޕުންނެވެ. ނަމަވެސް ރަށްފުށު ހިސާބުގައި މުވާސަލާތީ ކަވަރެޖް ދަށެވެ. އަދި އިންޒާރުތައް ދިނަސް ދަނޑުތަކާއި ޖިފުޓިތަކާއި ގަސްތަކުން ހޮނުއެޅުމުން ރައްކާތެރިކަމެއް ނުލިބެއެވެ.

އޮފިޝަލުން އިރުޝާދު ދެމުންދަނީ ތޫފާންތަކުގައި ގޭތެރޭގައި ތިބުމަށެވެ.

އިންޑިއާގެ ގުދުރަތީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ގުޅިގެން ކުރި ދިރާސާއެއްގައި ހާމަވީ ހޮނުއަޅައިގެން އިންޑިއާގައި މަރުވާ ހުރިހާ އެންމެންހެން މަރުވަނީ ވިލެޖްތަކުގައިކަމެވެ. އަދި ހޮނުއަޅައިގެން މަރުވާ މީހުންގެ ތެރެއިން 38 ޕަސެންޓަކީ ކުޑަކުދިންކަމެވެ.

ސައިންސްވެރިން ބުނީ ހޮނުއަޅައިގެން އިންޑިއާގައި މީހުން މަރުވުން އިތުރުވަމުންދަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކަމަށެވެ. އަދި ހޮނުއެޅުން ކުރިއަށް ކިޔަން މިހާރު އުނދަގޫ ކަމަށެވެ.

އޮޑިޝާ ސްޓޭޓްގެ ޔުނިވާސިޓީއަކުން ކުރި ދިރާސާއެއްގައި ބުނީ 1967 އިން 2002 އާ ދޭތެރޭ ހޮނުއަޅައިގެން ކޮންމެ ސްޓޭޓަކުން އަހަރަކު މަރުވީ ނިސްބަތުން 38 މީހުން ކަމަށާއި ނަމަވެސް 2003 އާއި 2020 އާ ދޭތެރޭގެ އެ އަދަދު 61 އަށް އެރި ކަމަށެވެ.

ހޮނުއެޅުމަކީ އިންޑިއާގައި މީހުން މަރުވާ އެންމެ ބޮޑު މޫސުމީ ނުރައްކަލެވެ. އެ ގޮތުން ހޮނުއެޅުމުގެ ސަބަބުން 2024 ގައި 2،825 މީހުން މަރުވިއެވެ. އެއީ އެ އަހަރު ގުދުރަތީ ހާދިސާތަކުން މަރުވި މީހުންގެ ތިންބައިކުޅަ އެއްބަޔަށްވުރެ ވެސް މަތީ އަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހޮނުއެޅުމުގެ ސަބަބުން 1967 އިން ފެށިގެން މިހާތަނަށް އިންޑިއާގައި 100،000 މީހުން މަރުވެއްޖެއެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މަރުވީ 2005 އަށްފަހުއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *