Support Us

ޕުޖިތު ޖަޔަސުންދަރަ (ވ) އަދި ހެމަސިރި ފެނާންޑޯ

ކުރީގެ ފުލުހުންގެ ވެރިޔާ އާއި ދިފާއީ ވުޒާރާގެ ސެކްރެޓެރީއަށް މަރުގެ ހުކުމް

ސްރީ ލަންކާގައި 2019 ގައި، ނަސޯރާއިން ފާހަގަކުރާ އީސްޓާ ސަންޑޭ ދުވަހު ދިން ބޮމުގެ ހަމަލާތަކުގެ މައްސަލައިގައި ކުރީގެ ފުލުހުންގެ ވެރިޔާ ޕުޖިތު ޖަޔަސުންދަރައަށާއި ދިފާއީ ވުޒާރާގެ ކުރީގެ ސެކްރެޓެރީ ހެމަސިރި ފެނާންޑޯއަށް މަރުގެ ހުކުމް އިއްވައިފިއެވެ.

ވެރިރަށް ކޮޅުނބުގެ ހާއްސަ، ކޮލޮމްބޯ ޕާމަނަންޓް ހައި ކޯޓު ޓްރައިލް-އެޓް-ބާގެ ތިން ފަނޑިޔާރުންގެ ބެންޗެއްގެ 2-1 އަގުލަބިއްޔަތުން ދެ މީހުންނަށް އިއްޔެ ހުކުމް އިއްވީ ހަމަލާތައް ހުއްޓުވައިލުމަށް އެ މީހުންނަށް ޒިންމާ އަދާނުކުރެވުނު ކަމަށެވެ.

ނަސޯރާ ފައްޅިތަކަކާއި ހޮޓެލްތަކެއްގައި ނުވަ މީހުން އަމިއްލައަށް މަރުވެގެން ދިން ހަމަލާތަކުގައި ވަނީ 279 މީހުން މަރުވެފައެވެ. އޭގެ ތެރޭގައި 45 ބިދޭސީން ހިމެނެއެވެ.

މި މައްސަލައިގައި މި ދިޔަ ފެބްރުއަރީގައި ވަނީ ލަންކާގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރީގެ އިންޓެލިޖެންސްގެ ވެރިޔާ ސުރޭޝް ސައްލޭ ހައްޔަރުކޮށްފައެވެ. އޭނާއަށް ދެކޮޅަށްކުރާ، އީސްޓާ ސަންޑޭ ހަމަލާތައް ރޭވުމާއި އެ ކަން ހިންގުމަށް ހިތްވަރުދިނުމާއި އެހީތެރިވުމުގެ ދައުވާގައި އަދި ހުކުމެއް ނީއްވައެވެ.

އީސްޓާ ސަންޑޭ ދުވަހު 2019 ގެ އެޕްރިލް 21 ގައި ނަސޯރާ ތިން ފައްޅިއަށާއި ތިން ހޮޓެލަށް ހަމަލާދީފައިވެއެވެ. އެ ހަމަލާތަކުގައި 500 އަށްވުރެ ގިނަ މީހުން ޒަހަމް ވެސް ވިއެވެ.

ޖަޔަސުންދަރަ އާއި ފެނާންޑޯ ހައްޔަރުކުރީ 2019 ގައެވެ. އެއަށްފަހު ހަތަރު މަސް ބަންދުގައި ބަހައްޓައިފައި ކަފާލާތުގެ ދަށުން ދޫކޮށްލިއެވެ.

އެ މީހުންނާ ދެކޮޅަށް ހިންގި މަދަނީ ޝަރީއަތުގައި އެ މީހުންނަށް ވަނީ ހަމަލާތަކުގައި ސަލާމަތްވި މީހުންނަށް ބަދަލެއްގެ ގޮތުން 125 މިލިއަން ރުޕީ (372،464 ޑޮލަރު ނުވަތަ 5.74 މިލިއަން ރުފިޔާ) ދޭން ޖެހިފައެވެ.

"ޖަޔަސުންދަރަ އާއި ފެނާންޑޯ އިހުމާލުވުމަކީ އިންސާނީ ޖަރީމާއެއް،" މީހުން މެރުމުގެ ދައުވާ އެ ދެ މީހުންނާ ދެކޮޅަށް އުފުލަމުން ޕްރޮސެކިއުޓަރުން ކުރިން ހައި ކޯޓުގައި ބުނެފައިވެއެވެ.

ޖަޔަސުންދަރަ އާއި ފެނާންޑޯ ކުރިން ގާނޫނު ހަދާ މަޖިލީހުގައި ބުނެފައިވަނީ ވަނީ އީސްޓާ ސަންޑޭ ބޮންތައް ގޮއްވައިލުމުގެ ކުރިން ގައުމީ ސަލާމަތަށް ހުރި ނުރައްކާތައް އަންދާޒާ ކުރުމުގައި، ގާއިމުކޮށްފައި ހުރި ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލު ކުރައްވަން ކުރީގެ ރައީސް މައިތުރިޕާލަ ސިރިސޭނަ ފޭލިވެވަޑައިގެންފައިވާ ކަމަށެވެ.

ތަހުގީގުކުރާ ފަރާތްތަކުން ދަނީ ގައުމުގެ ސަލާމަތީ އިދާރާތަކުން އީސްޓާ ސަންޑޭ ބޮންގޮއްވުންތައް ހިންގުމުގައި ދައުރެއް އަދާކުރިތޯ ނުވަތަ އެ ކަން ހުއްޓުވަން ފޭލިވިތޯ ޗެކުކުރަމުންނެވެ.

ވިސްލްބްލޯވާއެއް ބުނެފައިވަނީ ބޮންގޮއްވުންތައް ކުރިއަށްދިޔަދިނީ ސައްލޭ 2019 ގެ ރިޔާސީ އިންތިހާބު ގޮތަބަޔަ ރާޖަޕަކްސައަށް ފުރޮޅައިލުމަށްޓަކައި ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވިކަން ރާޖަޕަކްސަ އިއުލާން ކުރެއްވީ ބޮންގޮއްވުންތައް ހިނގިތާ ދެ ދުވަސް ފަހުންނެވެ. އަދި ގައުމީ ސަލާމަތްތެރިކަން ކަށަވަރު ކޮށްދެއްވާނެކަމުގެ ވައުދުގައި އެ އިންތިހާބު އެ އަހަރުގެ ނޮވެމްބަރުގައި ކާމިޔާބު ކުރެއްވިއެވެ.

ލަންކާގައި މަރުގެ ހުކުމް އެންމެ ފަހުން ތަންފީޒުކުރީ 1976 ގައެވެ. މަރުގެ ހުކުމް ތަންފީޒު ނުކުރާ ގޮތަށް މިހާރު މޮރެޓޮރިއަމްއެއް އޮވެއެވެ. އެހެންވެ މަރުގެ ހުކުމް ބަދަލުކުރަނީ އުމުރުށް ޖަލަށް ލުމަށެވެ.

ޖަޔަސުންދަރަ އާއި ފެނާންޑޯ މިހާތަނަށް ބުނަމުން ދިޔައީ އެ މީހުންގެ ކުށެއް ނެތް ކަމަށެވެ. އަދި ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު ބުނެފައިވަނީ އެ ދެ މީހުންގެ ކުށެއް ނެތް ކަމަށެވެ. އެހެންވެ، ދެ މީހުން ވެސް ސުޕްރީމް ކޯޓުގައި އެ މީހުންގެ މަރުގެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *