އިސްރާއީލުން ގައްޒާއަށް މިއަދު ދިން ހަމަލާތަކެއްގައި ދެ ކުޑަކުދިން ހިމެނޭ ގޮތަށް ހަތަރު މީހުން ޝަހީދުވެއްޖެއެވެ.
ޝަހީދުވި އެއް ކުއްޖަކީ ދޮޅު އަހަރުގެ ކުއްޖެކެވެ. އަނެއް ކުއްޖާގެ އުމުރަކީ އަށް އަހަރެވެ.
އިސްރާއީލުން ހަމަލާދިނީ ހާން ޔޫނިސް ސިޓީގައި، ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓްތައް ހުންނަ ސަރަހައްދަކަށާއި ބުރައިޖު މުނިސިޕަލިޓީގެ ގެއަކަށާއި ގައްޒާ ސިޓީގެ ސަރަހައްދަކަށެވެ.
އޮފިޝަލުން ބުނީ ހަމަލާތަކުގައި އެތައް ބަޔަކު ޒަހަމް ވެސް ވި ކަމަށެވެ.
ހަމަލާތައް ދިނީ، ގައްޒާ ހަނގުރާމަ ހުއްޓައިލަން މި ދިޔަ އަހަރު އޮކްޓޫބަރުގައި އެމެރިކާ މެދުވެރިވެގެން، ގައްޒާ ހިންގާ ހަމާސް އާއި އިސްރާއީލާ ދެމެދު ގާއިމުކުރި ސީޒްފަޔާގެ ދެވަނަ މަރުހަލާ ތަންފީޒުކުރާނެ ގޮތަކާ ބެހޭ ގޮތުން ހަމާސްގެ އޮފިޝަލުން މިސްރު، ގަތަރު އަދި ތުރްކިޔެއާއެކު މިސްރުގެ ވެރިރަށް ގާހިރާގައި ވާހަކަ ދައްކަމުން ދަނިކޮށެވެ.
"މީހުން މެރުމާއި ގައްޒާ ސުންނާފަތިކުރުން ހުއްޓައިލަން ޖެހޭނެ. ސީޒްފަޔާ އެއްބަސްވުމެއް ގާއިމުކުރަން ޖެހޭނެ،" ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބާސަމު ނައީމު ބުންޏެވެ.
އިސްރާއީލުން ބުނަނީ އިސްރާއީލުން ހަމަލާދެނީ ފަލަސްތީންގެ އާއްމު ރައްޔިތުންނަށް ނުރައްކާ ނުވާނެ ގޮތަށް ބަލައިގެން ހަމާސް ހަނގުރާމަވެރިންނަށް ކަމަށެވެ. ހަމާސްގެ ހަރަކާތްތައް ހިންގަނީ ގައްޒާގެ އާއްމުން ދިރިއުޅޭ ސަރަހައްދުތަކުން ކަމަށް އިސްރާއީލުން ތުހުމަތުކުރެއެވެ.
ސީޒްފަޔާއަށްފަހު އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ ގައްޒާ ރަށްވެހިން ޝަހީދުވެފައިވާތީ، ދެ އަހަރު ވީ ގައްޒާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 73،000 އަށްވުރެ އިތުރުވެފައެވެ.



advertisment