އެމެރިކާ އާއި އީރާނު އަލުން ހަމަލާ ބަދަލުކުރަން ފަށައިފިއެވެ.
މި ހަމަލާތައް ފެށީ އެމެރިކާއިން ދެ ހަފުތާ ވަންދެން ހަމަލާތައް ދީފައި ހަމަލާތައް ފަސް ދުވަސް ވަންދެން މެދުކަނޑައިލައިފައި އަލުން ރެއާއި މިއަދު އަނެއްކާވެސް އީރާނަށް ހަމަލާތަކެއް ދިނުމުންނެވެ.
އެމެރިކާއިން ބުނީ އީރާނަށް ހަމަލާތައް ދިނީ އުރުދުންގައި ތިބޭ އެމެރިކާގެ ސިފައިންނަށް އީރާނުން ހަމަލާދިނުމުން އެ ކަމުގެ ރައްދެއްގެ ގޮތުން ކަމަށެވެ.
"ހަމަލާދިނީ އީރާނާއި އީރާނުން ވާގިވެރިވާ ހަނގުރާމަވެރި ގްރޫޕްތަކުގެ ނުރައްކާ އިތުރަށް ކުޑަކޮށްލަން،" އެމެރިކާގެ އަސްކަރިއްޔާއިން ބުންޏެވެ.
އީރާނުން ބުނީ އުރުދުންގައި ތިބި އެމެރިކާގެ ސިފައިންނަށް ހަމަލާދިނީ ފުރަތަމަ އެމެރިކާއިން އީރާނަށް ހަމަލާދިނުމުން ކަމަށެވެ.
"އަހަރެމެން ހަމަލާދިނީ އަހަރެމެންގެ އަމިއްލަ ނަފުސު ރައްކާތެރިކުރުމުގެ ހައްގުގެ ދަށުން،" އީރާނުން ބުންޏެވެ.
އީރާނުން ބުނީ އެމެރިކާގެ ހަމަލާއެއްގައި ގަޝްމު ޖަޒީރާއިން ދެމަފިރިންނާއި އެ މީހުންގެ އުމުރުން ދެ އަހަރު ވީ ދަރިފުޅު މަރުވި ކަމަށެވެ.
ކުވައިތުން ބުނީ އީރާނުން މިއަދު ވަނީ ކުވައިތުގައި ހުރި ޗައިނާގެ ކުންފުންޏަކަށް ހަމަލާދީފައި ކަމަށާއި އެ ހަމަލާގައި މަސައްކަތްތެރިއަކު މަރުވި ކަމަށެވެ.
ފެބްރުއަރީގައި ފެށި ހަނގުރާމައިގައި މިހާތަނަށް އީރާނުން މަރުވި މީހުންގެ އަދަދު 3،468 އަށް އަރައިފިއެވެ. އެމެރިކާގެ 14 ސިފައިން މަރުވެފައިވާއިރު، ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ދިން ހަމަލާތަކުގައި މިހާތަނަށް 29 މީހުން މަރުވެއްޖެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 89 ޑޮލަރު (1،372ރ.)ގައި ހުރެފައި މިއަދު ހުރީ 91 ޑޮލަރު (1،403ރ.)އަށް މައްޗަށް ޖެހިފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން މި ދިޔަ މަހު ސުލްހައިގެ ފަހުމްނާމާއެއް ގާއިމުކުރުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 68 ޑޮލަރު (1،048ރ.)އަށް ވެސް ދަށަށް ދިޔައެވެ. ނަމަވެސް އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ. އެއީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާނުގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން، އީރާނުގެ ގަވައިދުތަކާ ހިލާފަށް ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމުން އެއީ އެމެރިކާއިން ފަހުމްނާމާއާ ހިލާފުވީ ކަމަށް ބުނެފައެވެ.
ހުރުމުޒު މެނޭޖުކުރާނެ ގޮތަކާމެދު އީރާނުން މިހާރު ދަނީ އުމާނާއެކު މަޝްވަރާކުރަމުންނެވެ. ހުރުމުޒަކީ ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކަމަށް ބުނެ ވަކި ގައުމެއްގެ ބާރު އެ ތަނަށް ހިންގައިގެންނުވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. ސައުދީ އަރަބިއްޔާއިން ބޭނުންވަނީ ހުރިހާ ގައުމަކަށް ވެސް ތެޔޮ ބޭރު ކުރެވޭނެ ގޮތަށް އެ ތަން ބާއްވާ ގޮތަށް ޑިޕްލޮމެޓިކް ހައްލެކެވެ. އެހެން ގަލްފު ގައުމުތަކުގެ ހިޔާލު އެމެރިކާއާ އެއްގޮތެވެ.



advertisment