ގައުމީ ސަލާމަތާ ގުޅިގެން ކަމަށް ބުނެ، ޗައިނާއިން އަލަށް އުފައްދާ ރޮބޮޓްތައް އެމެރިކާއަށް އެތެރެކުރުން މަނާކޮށްފިއެވެ.
އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފް.ސީ.ސީ)އިން އިއްޔެ ބުނީ އެމެރިކާއަށް އެތެރެކުރުން މަނާ ޗައިނާގެ އާ ރޮބޮޓްތަކުގެ ތެރޭގައި އިންސާނުން ގޮތަށް ބައްޓަން ކޮށްފައިވާ ރޮބޮޓްތަކާއި ކުއްތާ ގޮތަށް ބައްޓަން ކޮށްފައިވާ ރޮބޮޓްތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން ބައެއް ކަނެކްޓަޑް ޕަވާ އިންވާޓަރު ހިމެނެއެވެ.
"މިއީ ކޮންމެހެން މުހިންމު އިންފްރާސްޓްރަކްޗަރަށް ގެއްލުން ދީފާނެ ތަކެތި،" އެ އިދާރާއިން ބުންޏެވެ.
މިއީ ޗައިނާގެ ޓެކްނޮލޮޖީއަށް އެމެރިކާއިން ބަރޯސާވެފައި އޮތްއޮތުން ކުޑަކޮށްލަން އެޅި ފިޔަވަޅެއް ކަމަށް ވެސް ބެލެވެއެވެ.
އެފް.ސީ.ސީގެ ޗެއާމަން ބްރެންޑަން ކާ ބުނީ ބަލައިނުގަނެވޭ ކަހަލަ ނުރައްކާތައް މި އާލާތްތަކުން ކުރިމަތިކުރާ ކަމަށެވެ.
"ސާވޭލަންސް ކުރުމާއި ސައިބާ ހަމަލާތަކަށް ވެސް ބޭނުންކުރެވިދާނެ،" އޭނާ ބުންޏެވެ.
ޗައިނާއިން އެ ކަމާ ދެކޮޅުހެދިއެވެ. އެމެރިކާގައި ހުންނަ ޗައިނާގެ އެމްބަސީގެ ތަރުޖަމާނު ލީއޫ ޕަންގްޔޫ ބުނީ "ގައުމީ ސަލާމަތުގެ މާނަ އެކަށީގެންނުވާ މިންވަރަކަށް އެމެރިކާއިން ފުޅާކުރާތީ ޗައިނާއިން އެ ކަމާ ދެކޮޅުހަދާ" ކަމަށެވެ.
"ވިޔަފާރި އާއި ޓެކްނޮލޮޖީ ސިޔާސީ ކުރުން ހުއްޓައިލަން އެމެރިކާއަށް ގޮވައިލަން،" އޭނާ ބުންޏެވެ.
އެމެރިކާގެ މި ނިންމުމާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ދެ އިގުތިސާދާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވާނެ ކަމަށް ބެލެވެއެވެ.



advertisment