Support Us

އީރާނު-އެމެރިކާ ސުލްހައިގެ ޑީލު ހެދުމުގެ ޝަރުތަކީ އިސްރާއީލު ސިފައިން ލުބްނާނުން ބޭލުން: ހާމަނާއީ

އީރާނާއި އެމެރިކާއާ ދެމެދު ދާއިމީ ސުލްހައެއް ގާއިމުކުރަން ޑީލެއް ހެދުމުގެ ޝަރުތަކީ އިސްރާއީލު ސިފައިން ލުބްނާނުން ބޭލުން ކަމަށް އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ މުޖުތުބާ ހާމަނާއީ ވިދާޅުވެއްޖެއެވެ.

ހާމަނާއީ (ފޮޓޯ) އިއްޔެ ވިދާޅުވީ ލުބްނާނުގެ ބިމުގައި އިސްރާއީލު ސިފައިން ތިއްބާ އެމެރިކާއާއެކު އީރާނަށް ސުލްހަވެވެން ނެތް ކަމަށެވެ.

"އީރާނާއި އެމެރިކާއާ ދެމެދު އޮތް ހަމަނުޖެހުން ހަގީގަތުގައި ނިމުމަކަށް ނުގެނެވޭނެ އިސްރާއީލު ސިފައިން ލުބްނާނުގެ ދެކުނު ސަރަހައްދު ހިފައިގެން ތިއްބާ،" އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ "މުޅިން ނުނިމޭ" ކަމަށާއި ލުބްނާނުގެ ދެކުނު ސަރަހައްދުން އިސްރާއީލު ސިފައިން ފައިބަން ޖެހޭނެ ކަމަށް ހާމަނާއީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ޝަރުތަކީ އެމެރިކާއާއެކު އީރާނުން ދާއިމީ ސުލްހަ ގާއިމުކުރަން "ކޮންމެހެން މުހިންމު" ޝަރުތެއް ކަމަށެވެ.

ލުބްނާނުގެ ދެކުނު ސަރަހައްދުން ފައިބަން އިސްރާއީލުން ވަނީ ދެކޮޅުހަދައިފައެވެ. އިސްރާއީލުން ބުނީ އީރާނުން ވާގިވެރިވާ، ލުބްނާނުގެ ސަރުކާރުން ޓެރަރިސްޓުން ކަމަށް ކަނޑައަޅައިފައިވާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގައި ހުރި ހުރިހާ ހަތިޔާރެއް ހިޒްބުﷲއިން ދޫކޮށްލަންދެން އިސްރާއީލު ސިފައިން ލުބްނާނުގެ ދެކުނު ސަރަހައްދުގައި ބައިތިއްބާނެ ކަމަށެވެ. އެއީ އެ ސަރަހައްދުން ހިޒްބުﷲ ހަނގުރާމަވެރިން ދުރުކޮށް، އިސްރާއީލުގެ އުތުރު ސަރަހައްދަށް ހިޒްބުﷲއިން ހަމަލާ ނުދެވޭނެ ގޮތް ހެދުމަށެވެ.

ލުބްނާނުގެ ދެކުނު ސަރަހައްދުން އިސްރާއީލުގެ ސިފައިން އެއްކޮށް ބޭލުމަށް އެހީތެރިވެދިނުމަށް ލުބްނާނުގެ ރައީސް ޖޯސެފް އައުން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވައިލައްވައިފައެވެ.

ރަސްމީ ގުޅުމެއް ނެތް ނަމަވެސް އިސްރާއީލާއި ލުބްނާނާ ދެމެދު ސުލްހައިގެ އޮނިގަނޑެއް އެމެރިކާއިން ވަނީ ގާއިމުކޮށްދީފައެވެ. އަދި އޭގައިވާ ކަންތައްތައް ތަންފީޒުކުރާނެ ގޮތަކާމެދު ލުބްނާނާއި އިސްރާއީލާ ދެމެދު ހިޔާލުތަފާތުވެފައިވާ ނަމަވެސް އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކުރަމުން އިސްރާއީލާއި ލުބްނާނާ ދެމެދު ވާހަކަތައް އަދިވެސް ކުރިއަށްދެއެވެ.

އެމެރިކާ އާއި އީރާނުން ހަމަލާ ބަދަލުނުކުރާތާ މިހާރު ދެ ދުވަސް ވެއްޖެއެވެ. އެމެރިކާއިން ބުނީ 13 ދުވަސް ވަންދެން އީރާނަށް ހަމަލާދީފައި ހުއްޓައިލީ އީރާނާއެކު ދާއިމީ ސުލްހައިގެ ޑީލެއް ގާއިމުކުރަން ޑިޕްލޮމެޓިކް ހައްލަކަށް ފުރުސަތު ދިނުމަށް ކަމަށެވެ.

އުމާން ފަދަ މެދުވެރިންގެ ދައުރު އަދާކުރަމުންދާ ގައުމުތަކުން ދަނީ އެމެރިކާ އާއި އީރާނާ ދެމެދު ހުއްޓިފައިވާ ވާހަކަތައް އަލުން ފަށައި، އެމެރިކާ އާއި އީރާނުން ގާއިމުކުރި ސީޒްފަޔާ އަލުން ނަގަހައްޓާނެ ގޮތެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

އެމެރިކާ އާއި އީރާނުން ހަމަލާ ބަދަލު ނުކުރާތާ ދެ ދުވަސްވުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ ދަށަށް ގޮސްފައެވެ. އިއްޔެ 91 ޑޮލަރު (1،403ރ.)އަށް ހުރި ތެޔޮ ފީފާއެއްގެ އަގު މިއަދު ވަނީ 87 ޑޮލަރު (1،341ރ.)އަށް ދަށަށް ގޮސްފައެވެ. ނަމަވެސް ހުރުމުޒު ކަނޑުއޮޅި އާއި ރަތް ކަނޑުގައި ބޯޓުފަހަރު ދަތުރުކުރުމަށް ހުރަސްއެޅިފައިވާތީ ހަނގުރާމަ ފެށުމުގެ ކުރިން ހުރި އަގު ކަމަށްވާ 71 ޑޮލަރު (1،094ރ.)އަށްވުރެ ދަށަށް ދިޔައީ ދާއިމީ ސުލްހައިގެ ޑީލެއް ހަދަން އެމެރިކާ އާއި އީރާނުން މި ދިޔަ މަހު ސުލްހައިގެ ފަހުމްނާމާއެއްގައި ސޮއިކުރުމުންނެވެ. އެއީ 68 ޑޮލަރު (1،048ރ.)އެވެ.

ނަމަވެސް ހުރުމުޒުން ދަތުރުކުރާ އުޅަނދުފަހަރު އީރާންގެ ގަވައިދުތަކާ ހިލާފުވުމުން އީރާނުން އެ އުޅަނދުތަކަށް ހަމަލާދޭން ފެށުމުން އެމެރިކާއިން އީރާނަށް އަލުން ހަމަލާދޭން ފެށުމުން އެ ފަހުމްނާމާއަށް އަމަލުނުކުރާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި އުމާނާއެކު މެނޭޖްކުރާނެ ގޮތަކާމެދު އީރާނުން ދަނީ މަޝްވަރާކުރަމުންނެވެ. މަޝްވަރާތައް ކުރިއަށްދަނީ ރަނގަޅަށް ކަމަށް ވިޔަސް، ހުރުމުޒަކީ ބައިނަލްއަގުވާމީ ކަނޑުއޮޅިއެއް ކަމަށް ބުނެ އެ ތަނަށް ވަކި ގައުމެއްގެ ބާރު ހިންގައިގެންނުވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އަދި ހުރުމުޒު އުމާނާއެކު އީރާނުން ހިންގުމާމެދު ގަލްފު ގައުމުތަކުން ވެސް ދެކޮޅެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *