ކުފަރި ޕާޓީ ހަރަކާތުގެ މުޒާހަރާތަކުގެ ޕްރެޝަރަށް ވެއްޓި އިންޑިއާގެ ތައުލީމީ ވަޒީރު ދަރްމެންދްރާ ޕްރަދަން އެންމެ ފަހުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވީ ދަރިވަރުންގެ މަސްލަހަތާއި ރައްކާތެރިކަމަކީ އޭނާ އަބަދުވެސް އެންމެ ބޮޑަށް އިސްކަންދެއްވި ކަންތައްތައް ކަމަށެވެ.
"ގައުމާ ދެކޮޅު ފަރާތްތަކުން މި ހާލަތުގެ ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށާއި ގައުމުގެ އެއްބައިވަންތަކަން ދެމިއޮތުމަށް މަސައްކަތްކުރުމަށް، ބޮޑުވަޒީރަށް އަހަރެންގެ އިސްތިއުފާ ހުށަހަޅައިފިން،" އިސްތިއުފާ ސިޓީގައި ޕްރަދަން (ފޮޓޯ) ވިދާޅުވިއެވެ.
އިސްތިއުފާގެ ސިޓީ ހުށަހެޅުއްވި ނަމަވެސް ބޮޑުވަޒީރު ނަރެންދްރަ މޯދީ އިސްތިއުފާ ބަލައިގެންފި ކަމަށާއި އިންޑިއާގެ ރައީސް ޑްރޯޕަޑީ މާމޫއަށް އެ ސިޓީ ފޮނުއްވައިފިކަމަށް މޯދީގެ އޮފީހުން އަދި ނުބުނެއެވެ.
ޒުވާނުން ކަންނެތް ކަމަށް އިންޑިއާގެ އުއްތަމަ ފަނޑިޔާރު ސުރްޔަ ކާންތު ވިދާޅުވުމާއި އިންޑިއާގެ ސިއްހީ ދާއިރާއަށް ވަންނަ އިމްތިހާންގެ ކަރުދާސް ލީކުވުމުން ދަރިވަރުންތަކެއް އަމިއްލައަށް މަރުވުމުން، ކުރަތްޕަށް ނިސްބަތްކޮށް "ކޮކްރޯކް" ޖަންތާ ޕާޓީގެ ނަމުގައި ހަރަކާތެއް ފަށައި، ޕްރަދަންގެ އިސްތިއުފާއަށް ގޮވައިލައި ދަރިވަރުން ވަނީ ފުޅާ ދާއިރާއެއްގައި އެތައް ހަފުތާއެއް ވަންދެން މުޒާހަރާކޮށްފައެވެ.
މި މުޒާހަރާތަކުގައި ވެރިރަށް ނިއު ދިއްލީގައި ފުލުހުން ޕެލެޓް ގަން ވެސް ބޭނުންކުރުމުން ދާއިމީ ޖިސްމާނީ ގެއްލުން ވަނީ މުޒާހަރާކުރުންތެރިންނަށް ލިބިފައެވެ. ސަބަބަކީ ޕެލެޓް ގަންއަކީ ދޫނި ފަދަ ދިރޭ ތަކެތި ވެސް ޝިކާރަ ކުރަން ބޭނުންކުރާ ބަޑިއަކަށްވާތީއެވެ.
އިދިކޮޅު ކޮންގްރެސް ޕާޓީ އަދި ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅުގެ ލީޑަރު ރާހުލް ގާނދީ ވެސް މި ދިޔަ އަންގާރަ ދުވަހު މުޒާހަރާގައި ބައިވެރިވުމުން އެ ދުވަހު ހައްޔަރުކޮށްފައި ހަމަ އެ ދުވަހު ދޫކޮށްލިއެވެ.
ރާހުލް ވަނީ އުމުރުން 19 އަހަރުގެ ދަރިވަރެއް ކަމަށްވާ ސާހިލު ލޮޗަބު މީޑިއާގެ ކުރިމައްޗަށް ގެނެސް ޕެލެޓް ބަޑިން ހަމަލާދިނުމުން ސާހިލުގެ ކަނާތު ލޮލަށް ލިބުނު ގެއްލުން ދައްކައިލައި ޕްރަދަން ވަގުތުން މަގާމުން ވަކިކުރުމަށާއި މޯދީ މާފަށް އެދިވަޑައިގަތުމަށް ގޮވައިލައިފައެވެ.



advertisment