އަންހެނަކާ ކުރި "މުއާމަލާތް"ތަކުގެ މައްސަލައެއްގައި ސިންގަޕޫރުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަގުތީ ވަޒީރު މުހައްމަދު ފައިޝަލް އިބްރާހީމް އިސްތިއުފާދެއްވައިފިއެވެ.
"އެ ދެ މީހުން ގިނައިން މުއާމަލާތްކޮށްފައި ހުރީ އޮންލައިން މެސެޖުން. އާއްމު ރަސްމިއްޔާތުތަކުގެ ހަވާސާއިން ވެސް އެ ދެ މީހުން ބައްދަލުކޮށްފައި ހުރި،" ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރަންސް ވޮންގް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
ދެ މީހުން ފަހުން ވަނީ އެކަކު އަނެކަކަށް ގޯނާކުރިކަމުގެ ތުހުމަތު އެކަކު އަނެކަކާ ދެކޮޅަށް ކޮށްފައި ކަމަށާއި ފުލުހުން މިހާރު އަންނަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށް ވެސް ބަޔާނުގައި ވޮންގް އިތުރަށް ވިދާޅުވިއެވެ.
އަންހެން މީހާއަކީ އާއްމު މީހެއްކަމުގެ އިތުރުން އޭނާގެ އައިޑެންޓިޓީ އާއި އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.
ވޮންގް ވިދާޅުވީ ފައިޝަލް (ފޮޓޯ) އާއި އަންހެންމީހާ ވެސް ޖިނާއީ ކުށެއް ނުކުރާ ކަމަށާއި ޖިނާއީ ފިޔަވަޅެއް އެ ދެ މީހުންނާ ދެކޮޅަށް ނާޅާނެ ކަމަށެވެ. ނަމަވެސް ވޮންގް ސުވާލު އުފެއްދެވީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި ސިޔާސީ މަގާމެއްގައި ހުންނެވި މީހެއްގެ ގޮތުން އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ ފައިޝަލްގެ އަހުލާގީ މިންގަނޑުތަކާމެދުއެވެ.
ވެރިކަންކުރާ ޕީޕްލްސް އެކްޝަން ޕާޓީން ވެސް ފައިޝަލް ވަނީ އިސްތިއުފާދެއްވައިފައެވެ. އޭނާ ޕާލަމަންޓަށް އިންތިހާބުވެވަޑައިގަތީ 2006 ގައެވެ. އަދި އިސްލާމީ ކަންތައްތަކާ ބެހޭ ވަގުތީ ވަޒީރަށް ވެވަޑައިގަތީ މި ދިޔަ އަހަރުއެވެ.
ބޮޑުވަޒީރުގެ އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އިސްތިއުފާގެ ސިޓީގައި ފައިޝަލް ވިދާޅުވެފައިވަނީ އަންހެންމީހާ އާއި އޭނާއާ ދެމެދު ޖިސްމާނީ ގުޅުމެއް ނުހިނގާ ކަމަށެވެ. އަދި އޭނާ އާއި އަންހެންމީހާއާ ދެމެދު ކުރި މުއާމަލާތްތައް ޖިސްމާނީ ގުޅުމަކަށް ބަދަލުކުރުމަށް ނިޔަތެއް ނެތް ކަމަށެވެ.
"ނަމަވެސް އަހަރެންނާ އޭނާއާ ކުރި މުއާމަލާތްތައް ހިންގުނު ގޮތަށް ރަނގަޅު ނޫން ނިންމުމެއް އަހަރެންނަށް ނިންމުނު. އަދި އަހަރެންނާއި އޭނާއާ ދެމެދު މުއާމަލާތްކުރުމުގެ ފުރަތަމަކޮޅު ދެ މީހުންގެ ދެމެދުގައި އިންތަކެއް ކަނޑައަޅަން އަހަރެން ފޭލިވި،" ފައިޝަލް ވިދާޅުވެފައިވެއެވެ.
މި ފަދަ ހާލަތްތަކެއްގައި ފައިޝަލް ސިޔާސީ މައިދާން ދޫކޮށްލެއްވުމުން ހިތާމަކުރައްވާ ކަމަށް ވޮންގް ވިދާޅުވިއެވެ.
ރީތި ނަމެއް ލިބިގެންވާ ޕާޓީއެއް ކަމަށް ބުނާ ޕީޕްލްސް އެކްޝަން ޕާޓީ ފަހުގެ އަހަރުތަކުގައި ވަނީ ސިޔާސީ މައްސަލަތަކާއި ސްކޭންޑަލްތަކާ ކުރިމަތިލައިފައެވެ.
ކުރީގެ ދަތުރުފަތުރާ ބެހޭ ވަޒީރު ސ. އިސްވަރަންއާ ދެކޮޅަށް، މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ކޮރަޕްޝަން ހިންގިކަމުގެ ތަހުގީގެއް 2023 ގައި ކޮށްފައިވެއެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ނަހަމަ ގުޅުން ހިންގުމުގެ ސްކޭންޑަލްތަކުގައި އިސްތިއުފާދެއްވައިފައިވެއެވެ. މި ކަމުގެ ސަބަބުން ކުރީގެ ބޮޑުވަޒީރު ލީ ސީއަން ލޯންގް ވިދާޅުވެފައިވަނީ ސްކޭންޑަލްތަކުގެ ސަބަބުން އޭނާގެ ޕާޓީއަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އިސްވަރަންގެ މައްސަލައަށް ބަލާއިރު، 2024 ގައި އޭނާ ވަނީ އިންސާފަށް ހުރަސްއެޅިކަމަށް އިއުތިރާފުވެވަޑައިގަންފައެވެ. އަދި 300،000 ޑޮލަރު (4.62 މިލިއަން ރުފިޔާ)ގެ ހަދިޔާ ވެސް ލިބިވަޑައިގަތްކަމަށް އެއްބަސްވެވަޑައިގަތެވެ. އޭނާއަށް 12 މަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
ހުކުމް އިއްވައިފައިވާ މަނީ ލޯންޑާ ކުރި މީހަކާއެކު ރޭގަނޑުގެ ކެއުންތަކުގައި ސިންގަޕޫރުގެ ވަޒީރުންތަކަކާއި ޕާލަމަންޓް މެންބަރެއް ބައިވެރިވި މައްސަލައެއް މި ދިޔަ އަހަރު ފެންމަތިވިއެވެ.
ދައުލަތުގެ ޕްރޮޕަޓީތަކެއް ކުއްޔަށް ހިފިކަމުގެ ތުހުމަތުގައި 2023 ގައި ދެ ވަޒީރެއްގެ މައްޗަށް ތަހުގީގެއް ހިންގިއެވެ. ނަމަވެސް އެ މީހުން ކުށެއް ނުކުރައްވާ ކަމަށް ނިންމިއެވެ.



advertisment