Support Us

2007 ގައި މެސީ ޔަމާލް އުރައިލައިގެން (ފޮޓޯ: އެސޯސިއޭޓަޑް ޕްރެސްގެ ޝްއޯން މޮންފޯޓް)

ޅަފަތުގެ ޔަމާލްއާއެކު މެސީ ނެގި މި ފޮޓޯގެ ފަހަތުގައިވާ ކުލަތައް

އެއީ 2007 އެވެ. އުމުރުން 20 އަހަރުގެ، ބާސަލޯނާ ސުޕަސްޓާރު، ލިއޮނަލް މެސީ ކޭމްޕް ނޯ ސްޓޭޑިއަމްގެ ކުޅުންތެރިން ހެދުން ބަދަލުކުރާ ކޮޓަރިތަކުން މަޑުމަޑުން ނިކުމެ، ޖެހިގެން ހުރި ކޮޓަރިއަކަށް ވަނެވެ.

ކޮނޑާ ހިސާބަށް އިސްތަށިގަނޑު ހުރި މެސީ ލައިގެން ހުރީ ހުދު ކުލައިގެ ހުޑީއެކެވެ. އޭނާ ވެގެންދާނީ، ދެބަސްވުމެއް ނެތް ގޮތުގައި، ފުޓުބޯޅަ ދުނިޔޭގައި ދުށް އެންމެ މޮޅު ކުޅުންތެރިޔާއަށެވެ.

އެ ކޮޓަރިއަށް މެސީ ވައްދައިދިނީ އޭނާގެ ރައްކާތެރިކަން ބަލަހައްޓާ މީހުންނެވެ. އޭނާގެ ކުރިމަތީ ފޮޓޯގްރާފަރެއް އެނބުރުނެވެ. ހުރިހާ އެންމެންގެ ލޯ އާޖަންޓީނާގެ ސުޕަސްޓާރަށް އަމާޒުވިއިރު ޓެސްޓް ކޮށްލަން ކެމެރާއިން ފްލޭޝް ކުރަމުންދިޔައެވެ.

އެހެނަސް މެސީގެ ލޯ އަމާޒުވެފައި ހުރީ ޒުވާން މަންމައަކާއި އެ މަންމަގެ ޅަފަތުގެ ފިރިހެން ކުއްޖަކަށެވެ.

2007 ގެ ފޮޓޯ ޝޫޓްގައި މެސީ (ވ)، ޔަމާލްގެ މަންމަ ޝީލާ އެބާނާ (މ) އަދި ޔަމާލް (ފޮޓޯ: އެސޯސިއޭޓަޑް ޕްރެސްގެ ޝްއޯން މޮންފޯޓް)

ޝީލާ އެބާނާގެ އުމުރުން އެންމެ 16 އަހަރެވެ. އޭނާގެ ގައުމަކީ އިކުއަޓޯރީއަލް ގިނީއެވެ. ވެއިޓަރެއްގެ ވަޒީފާ، ސްޕެއިންގައި އަމިއްލަ ވެރިކަމެއް ކުރާ ކޮމިއުނިޓީއެއް ކަމަށްވާ ކެޓަލޯނީއާގައި އަދާކުރަމުންދިޔަ އިރު، މަޣްރިބް ކަރައިގެ މުނީރު ނަސްރާވީއަށް ޝީލާ ބަލިވެއިނެވެ. ދެ މީހުން ދެން ދިރިއުޅުން ބަދަލުކުރީ ސްޕެއިންގެ ޓައުނެއް ކަމަށްވާ މަޓަރޯއަށެވެ.

ޝީލާ އާއި މުނީރު އެ މީހުންގެ ކުޑަ ފިރިހެން ދަރިފުޅު ބޮޑުކުރީ އެ ތަނުގައެވެ. އެހެން އުޅެނިކޮށް، ހައިރާތު އެއްކުރުމަށް އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ، ޔުނިސެފުން ހިންގި ރެފްލްއެއްގައި ނަސީބު ނަންބަރު ދިމާވެގެން، ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ފުޓުބޯޅަ ސްޓޭޑިއަމްގައި މެސީއާއެކު ފޮޓޯ ނަގަން ފުރުސަތު ލިބުނީއެވެ.

އެ ކުޑަ ފިރިހެން ކުއްޖާއަކީ ލަމީން ޔަމާލްއެވެ. ޒުވާން އުމުރުގައި އާދަޔާހިލާފު މޮޅުކަމެއް ދައްކަމުން އަންނަ ސްޕެއިންގެ އުމުރުން 19 އަހަރުގެ ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އަންނަ ހޯމަ ދުވަހު އޭނާ ކުރިމަތިލާނީ ފީފާ ވޯލްޑް ކަޕް ފައިނަލްގައި މެސީއާއެވެ.

"އެ މީހުން (ޔަމާލްގެ އާއިލާ) ރެފްލްގައި ބައިވެރިވީ ކޭމްޕް ނޯގައި ބާސާގެ ކުޅުންތެރިޔަކާއެކު ފޮޓޯއެއް ނަގަން. އެ މީހުންނަށް ނަސީބު ނަންބަރު ދިމާވި،" ޅަފަތުގެ ޔަމާލްއާއެކު މެސީގެ ފޮޓޯތައް ނެގި، ހަބަރު ފަތުރާ އެޖެންސީއެއް ކަމަށްވާ އެސޯސިއޭޓަޑް ޕްރެސްގެ ފޮޓޯގްރާފަރު ޝްއޯން މޮންފޯޓް ބުންޏެވެ.

ދުނިޔޭގެ ފުޓުބޯޅައިގައި ޔަމާލްއަކީ މިހާރު އެންމެންގެ ޝައުގުވެރިކަން ހުއްޓިފައިވާ އެއް ކުޅުންތެރިޔާ (ފޮޓޯ: ގެޓީ އިމެޖަސް)

އެއީ ކަލަންޑަރަކަށް ނެގި ފޮޓޯތަކެކެވެ. މިހާރު ތިން ކުދިންގެ ބައްޕައެއް ކަމަށްވާ މެސީއަކަށް އެ އިރު އެ ފޮޓޯތައް ނެގީ ކީއްކުރަން ކަމެއް މާކަ ރަނގަޅަކަށް ނޭނގެއެވެ.

"މެސީއަކީ ވަރަށް މަޑުން ހުންނަ މީހެއް. އޭނާ އަކީ ލަދުރަކި މީހެއް،" މޮންފޯޓް ބުންޏެވެ.

ހެދުން ބަދަލުކުރާ ކޮޓަރިން މެސީ ނިކުތުމުން ދެން އޭނާ ވައްދައިދިން ކޮޓަރީގައި ފެން ފުރައިލައިފައިވާ ޓަބެއް ހުއްޓެވެ.

"އޭގައި ޅަފަތުގެ ކުއްޖެއް ހުރި. އެއީ ވަރަށް އުނދަގޫ ކަމަށް ފެނުނު ދަނޑިވަޅެއް. އެންމެ ކުރިއަކުން މެސީއަކަށް ނޭނގޭ އެ ކުއްޖާ އުރައިލައިކަށް ވެސް،" މޮންފޯޓް ބުންޏެވެ.

އެ ފޮޓޯތަކުގެ މަތިން މީހުންގެ ހަނދާން ނެތުނެވެ. އެއީ 2024 ގައި އިންސްޓަގްރާމަށް އެ ފޮޓޯތައް ޔަމާލްގެ ބައްޕަ ލަންދެނެވެ. ފޮޓޯތައް ލީ ޔޫރޯގައި އޭނާގެ ދަރިފުޅުގެ ފުރަތަމަ ފެނިލުން ފާހަގަ ކުރުމަށެވެ. ފޮޓޯގެ ކެޕްޝަންގައި ލިޔުނު އިބާރާތްކޮޅަކީ "މިއީ ދެ ލެޖެންޑުންގެ ފެށުން" ކަމަށެވެ.

މޮންފޯޓް ބުނީ ޔަމާލްގެ ބައްޕަ ފޮޓޯތައް އިންސްޓަގްރާމަށް ލިއިރު އެ ޅަފަތުގެ ކުއްޖާ ވެފައިވަނީ ކޮން ކަހަލަ ކުއްޖަކަށް ކަމެއް މޮންފޯޓަށް ނޭނގޭ ކަމަށެވެ.

"އާއްމުންނަށް އުފާވެރިކަމާއި ޝައުގުވެރިކަން ގެނެސްދިން ކަމަކާ އަހަރެންނާ ވެސް ގުޅުން ހުރުމުން ވަރަށް އުފާވި. ހަގީގަތަށް ބުނާނަމަ، އެއީ ވަރަށް ހިތްހަމަޖެހޭ އިހްސާސެއް،" މޮންފޯޓް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *