Support Us

މަރައިލަން އުޅެފިނަމަ އީރާނަށް ބޮޑު ގެއްލުމެއް ދޭނަން: ޓްރަމްޕް

އީރާނުން އޭނާ އަވަހާރަކޮށްލަން އުޅެފިނަމަ އީރާނަށް ބޮޑު ގެއްލުމެއް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް (ފޮޓޯ) މިހެން ވިދާޅުވީ، ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ދުވަހުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އީރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީގެ ޖަނާޒާގައި ބައިވެރިވި މީހުން ޓްރަމްޕް އަވަހާރަކޮށްލަން ގޮވައިލުމުންނެވެ.

"އަހަރެންގެ ފުރާނަ ދުއްވައިލަން އެންމެ ހަރަކާތެއް ހިންގިޔަސް އީރާނަށް ބަރުދާސްތުނުކުރެވޭނެ އަސްކަރީ ރައްދެއް ދޭނަން،" ޓްރަމްޕް ވިދާޅުވިއެވެ.

"އެމެރިކާގެ އަސްކަރިއްޔާއިން އީރާންގެ ހުރިހާ ސަރަހައްދުތަކެއް އެއްކޮށް ހަލާކުކޮށްލާނެ،" އޭނާ ވިދާޅުވިއެވެ.

ހާމަނާއީގެ ދަރިކަލުން، މިހާރުގެ ސުޕްރީމް ލީޑަރު މުޖުތަބާ ހާމަނާއީ، ޓްރަމްޕްގެ ނަން ނުގަނެ ވިދާޅުވީ ބައްޕަ އަވަހާރަކޮށްލުމުން ބަދަލުހިފާނެ ކަމަށެވެ.

"ޝަހީދުކޮށްލައިފައިވާ ލީޑަރުގެ ލެއަށް ބަދަލުހިފަން ގައުމުން ގޮވައިލަނީ. އެ ކަން ގައިމު ވެސް ފުއްދައިދޭން ޖެހޭނެ،" މުޖުތަބާ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

ޓްރަމްޕާއި މުޖުތަބާގެ ބަހުގެ ހަމަލާތައް ބަދަލުކުރެއްވުން މި އައީ ހަނގުރާމަ ދާއިމީކޮށް ހުއްޓައިލަން، މި ދިޔަ މަހު 17 ގައި ސުލްހައިގެ ފަހުމްނާމާއެއްގައި އެމެރިކާ އާއި އީރާނުން ސޮއިކުރުމަށްފަހު، ދާއިމީ ޑީލެއް ހަދަން 60 ދުވަހުގެ ތެރޭގައި ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދަން މަސައްކަތްކުރާ ދަނޑިވަޅެއްގައެވެ. ވާހަކަތައް ކުރިއަށްގެންދަން ކުރިން ހަމަޖައްސައިފައިވަނީ ހާމަނާއީ މި ދިޔަ ބުރާސްފަތި ފަސްދާނުލުމަށްފަހުއެވެ.

ޓްރަމްޕް އިއްޔެ ވިދާޅުވީ ވާހަކަތައް ކުރިއަށްގެންދަން އީރާނުން އެދިފައިވާ ކަމަށާއި އެމެރިކާއިން އެ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ވާހަކަތައް ބާއްވާނެ ތަނަކާއި ބާއްވާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *