Support Us

ކޭޕް ވާޑްގެ ގޯލްކީޕަރަށް ޝަރަފު ދޭން ފިނިހަކައަކަށް "ވޮޒީންޔާ" ކިޔައިފި

ވޯލްޑްކަޕުގައި އާދަޔާހިލާފު ކުޅުމެއް ދައްކައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި ކޭޕް ވާޑްގެ ކުޅަދާނަ ގޯލްކީޕަރުގެ ނަން ކެރިބިއަން ކަނޑުން އަލަށް ފެނުނު ފިނިހަކައަކަށް ދީފިއެވެ.

ފިނިހަކަ ހޯދި ސްޕެއިންގެ މެރިން ބަޔޮލޮޖިސްޓް، ސްޕެއިންގެ އޮވިޔެޑޯ ޔުނިވާސިޓީގެ ޝަރަފުވެރި ޕްރޮފެސަރު، ހެސޫސް އޯޓެއާ އެ ފިނިހަކައަށް "އަލްޑިސާ ވޮޒީންޔާ"ގެ ނަން ދިނީ މި ފަހަރުގެ ވޯލްޑްކަޕްގައި ވޮޒީންޔާ، ނުވަތަ އަސްލު ނަމުންނަމަ ހޮސީމާ ހޯސޭ އެވޯރާ ޑީއަސް ދެއްކި "އާދަޔާ ހިލާފު" ހުނަރު ފާހަގަކުރަން ކަމަށް، ފުޓުބޯޅައަށް ވަރަށް ބޮޑަށް ލޯބިކުރާ އޯޓެއާ ބުންޏެވެ.

"އަދި މި ފިނިހަކައަކީ ރަތް ކުލައިގެ އެއްޗަކަށްވާތީ، ކާމިޔާބީއާ ރަތް ކުލައާ ވެސް ގުޅުވައިލައިގެން އޭނާގެ ނަން ދިނީ،" އޯޓެއާ ބުންޏެވެ.

އުމުރުން 40 އަހަރުގެ ވޮޒީންޔާއަކީ މި ފަހަރުގެ ވޯލްޑް ކަޕް "ސަޕްރައިޒް"ކޮށްލި އެއް ތަރިއެވެ. އޭނާ ވަނީ 32 ޓީމުގެ ރައުންޑަށް ކޭޕް ވާޑް ގެންގޮސްދީފައެވެ. އޭނާގެ ފުރަތަމަ ވޯލްޑް ކަޕް ފެނިލުމުގައި މި ފަހަރު ސްޕެއިނުން ގޯލް ޖަހަން އުޅުނު ހުރިހާ ފުރުސަތެއް މަތަކޮށްލިއެވެ. ނަމަވެސް ކޭޕް ވާޑް ވަނީ އިތުރު ވަގުތުގައި، ޗެމްޕިއަންކަން ދިފާއު ކުރަމުންދާ އާޖަންޓީނާގެ އަތުން ބަލިވެފައެވެ.

ވޯލްޑްކަޕް ފެށުނު އިރު އިންސްޓަގްރާމްގައި ވޮޒީންޔާ ފޮލޯކުރީ 50 ހާސް މީހުންނެވެ. ނަމަވެސް މުބާރާތާ ވަކިވިއިރު ވަނީ 28 މިލިއަނަށް އަރައިފައެވެ.

އުމުރުން 75 އަހަރުގެ އޯޓެއާއަކީ ކޭޕް ވާޑްގައި ކަނޑުތަކުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އެ ގައުމުގެ ސަރުކާރުން އޭނާއަށް 2023 ގައި މެޑަލް އޮފް މެރިޓްގެ ޝަރަފު އެރުވިއެވެ.

އޯޓެއާ ވަނީ ކޮސްޓަ ރިކާގެ، ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުނު ގޯލްކީޕަރު، ކޭލޯ ނަވަސް އާއި ސްޕެއިންގެ ސްޕޯޓިން ޑެ ހީހޯން އާއި ބާސެލޯނާގެ ސްޓްރައިކަރު، އެންރީކޭ ކާސްޓްރޯ ގޮންޒާލެސް ނުވަތަ އާއްމު ނަމުންނަމަ ކީނީގެ ނަން ވެސް ކަނޑުން އަލަށް ފެނުނު ދިރުންތަކަށް ދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *