ޗައިނާގެ ގިނަ ސަރަހައްދުތަކަށް އައި ތޫފާންތަކުގައި މިއަދުގެ މިހާތަނަށް 21 މީހުން މަރުވެއްޖެއެވެ.
ގާތްގަނޑަކަށް 330 މީހުން ޒަހަމްވެފައިވާއިރު، ބިންގަނޑު ކަނޑައިގެންދިއުމުންނާއި ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ގެއްލިފައެވެ.
މަރުވި މީހުންގެ ތެރޭގައި ގަންސޫ ޕްރޮވިންސްގައި ޖަންގަލިތައް ހިމާޔަތް ކުރުމުގައި މަސައްކަތްކުރި މީހުން ހިމެނެއެވެ.
ހުބައި ޕްރޮވިންސަށް ވަނީ ނަގޫރޯޅި ވެސް އަރައިފައެވެ.

ގުއަންގްޝީ ޕްރޮވިންސުން ވަނީ 130،000 މީހުން އެވަކުއޭޓްކުރަން ޖެހިފައެވެ.
"ގުއަންގްޝީގެ އައްސޭރިފަށާއި އިރުމަތީ ސަރަހައްދުތަކާއި ގުއަންގްޑޮންގް ޕްރޮވިންސްގެ ހުޅަނގުދެކުނު ސަރަހައްދަށް އަދިވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައި،" ފެނުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ލީ ގުއޮޔިންގް ވިދާޅުވިއެވެ.
މީހުން ސަލާމަތްކުރެވޭނެ ހުރިހާ މަސައްކަތެއް ކުރުމަށް ރައީސް ޝީ ޖިންޕިންގް ވަނީ އަމުރު ނެރުއްވައިފައެވެ.
ކުއްލި ހާލަތުގައި މީހުން ސަލާމަތްކުރުމުގެ ޓީމުތައް ހަރަކާތްތެރިވަމުންދާއިރު އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކަށް އެހީވުމުގެ ގޮތުން ރިލީފު ފަންޑު ވެސް މިހާރު ވަނީ ދީފައެވެ.



advertisment