Support Us

ޕާކިސްތާންގެ އައްސޭރިފަށާ ކައިރިން ގެއްލުނު ކާގޯ ފްލައިޓެއް ހޯދަނީ

ޕާކިސްތާންގައި ރަޖިސްޓްރީކޮށްފައިވާ ކޭ2 އެއާވޭސްގެ ކާގޯ ފްލައިޓެއް ޕާކިސްތާންގެ އައްސޭރިފަށާ ކައިރިން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ބޮއިންގް 737-400 މަރުކާގެ މަތިންދާބޯޓު ގެއްލުނީ ފަސް ފަޅުވެރިންނާއެކު ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ޝާރްޖާއިން ޕާކިސްތާންގެ ކަރާޗީއަށް އިއްޔެ ދަތުރުކުރަނިކޮށެވެ.

އަރަބި ކަނޑު މަތިން ކަރާޗީއާ 155 ނޯޓިކަލް މޭލު ކައިރިން އެއް ފަހަރު ތިރިއަށް ގޮސްފައި އަނެއް ފަހަރު މައްޗަށް އަރައިފައި ކަރާޗީގެ އެއާ ޓްރެފިކް ކޮންޓްރޯލަށް "ނެވިގޭޝަނަލް ސިސްޓަމް އިޝޫ" (ދަތުރުކުރުމުގެ ނިޒާމުގެ މައްސަލަ)އެއް އުޅޭ ކަމަށް ރިޕޯޓްކުރުމަށްފަހު ދެން ހަލުވި ދުވެއްޔެއްގައި ފްލައިޓް ތިރިވުމަށްފަހު ރާޑަރުން ގެއްލި މުވާސަލާތީ ގުޅުން ކެނޑުނެވެ.

"ރާޑަރުން ފެނުނީ މަތިންދާބޯޓު ވަރަށް ހަލުއިކޮށް ތިރިވަމުން ދިޔަކަން. އެއަށްފަހު ރާޑަރުގެ ގުޅުމާއި މުވާސަލާތްކުރުން ގެއްލުނު،" ޕާކިސްތާންގެ އެއާޕޯޓްތަކާ ބެހޭ އިދާރާ، ޕާކިސްތާން އެއާޕޯޓްސް އޮތޯރިޓީ (ޕީ.އޭ.އޭ)އިން ބުންޏެވެ.

ކޭ2 އެއާވޭސްއިން ބުނީ ފްލައިޓް ގެއްލުމުން "ވަރަށް ކަންބޮޑުވާ" ކަމަށާއި ތަހުގީގުކުރާ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.

"އަހަރެމެންނާއެކު މަސައްކަތްކުރާ އަހަރެމެންގެ ކޮލީގުންގެ ރައްކާތެރިކަމަށް ދުއާކުރުން ކުރިއަށްގެންދަން،" އެއާލައިނުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒު ޝަރީފު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ހާދިސާގެ ސަބަބުން ހިތާމަކުރައްވާ ކަމަށާއި ގެއްލުނު ފަސް ފަޅުވެރިންގެ އާއިލާތަކަށް ހަމްދަރުދީވެވަޑައިގަންނަވާ ކަމަށެވެ.

މިއީ ކަރާޗީއަށް ނިސްބަތްވާ އަމިއްލަ ކާގޯ އެއާލައިންގައި މި ވަގުތު އޮތް ހަމައެކަނި މަތިންދާބޯޓެވެ. މަތިންދާބޯޓަށް މިހާރު 27 އަހަރު ވެއްޖެއެވެ.

މަތިންދާބޯޓު ހޯދުމުގައި ޕާކިސްތާންގެ ކަނޑުގެ ސިފައިންގެ މަނަވަރަކާއި ޕާކިސްތާންގެ ގައުމީ ޝިޕިން ކުންފުނީގެ ވިޔަފާރި އުޅަނދަކާއި އަދި ކަނޑުގެ ސިފައިންގެ ދެ މަތިންދާބޯޓު މަސައްކަތް ކުރަމުންދިޔަ ނަމަވެސް މިހާތަނަށް މަތިންދާބޯޓުގެ ހަލާކުވެފައިވާ ބައެއް އަދި ފަސް ފަޅުވެރިންކުރެ އެކަކު ވެސް ކަނޑުމަތިން ފެނިފައެއްނުވެއެވެ.

މި ހާދިސާ މި ކުރިމަތިވީ އެމެރިކާގެ ބޮއިންގް ކުންފުނީގެ ބޮއިންގް 737 މެކްސް މަރުކާގެ ފްލައިޓެއް 2018 ގައި ވެއްޓި 181 ފަސިންޖަރުންނާއި އަށް ފަޅުވެރިން މަރުވެ، އަދި ޖެހިގެން އައި އަހަރު ހަމަ އެ މަރުކާގެ ފްލައިޓެއް ވެއްޓި 149 ފަސިންޖަރުންނާއި އަށް ފަޅުވެރިން މަރުވި ހާދިސާގައި ޝަރީއަތާ ހިސާބަށް ނުދާން ބޮއިންގް ކުންފުނިން އެމެރިކާގެ ޖަސްޓިސް ވުޒާރާއާއެކު ހެދި 1.1 ބިލިއަން ޑޮލަރު (17 ބިލިއަން ރުފިޔާ)ގެ ޑީލަށް މަރުވި މީހުންގެ އާއިލާތަކުގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

އެއް މަތިންދާބޯޓު 2018 ގައި ވެއްޓުމާއި އަދި ދެވަނަ މަތިންދާބޯޓެއް 2019 ގައި ވެއްޓުމުން، ފަހުގެ މޮޑެލް އޮޕަރޭޓްކުރުން މިހާރު ވަނީ ދުނިޔޭގައި މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *