ސޫރިޔާއަށް މިހާރު ކުރައްވަމުންދާ ދަތުރުގައި، ވެރިރަށް ދިމަޝްގްގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންގެ މޮޓޯކޭޑް މިއަދު ދިޔަތަނާ ދެ އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ) ގޮއްވައިލައިފިއެވެ.
މި ހާދިސާގައި މީހަކު މަރުނުވިޔަސް ހަތަރު ފުލުހުންނާއެކު 18 މީހުން ވަނީ ޒަހަމްވެފައެވެ.
އައި.އީ.ޑީތައް ގޮއްވައިލި އަޑު މެކްރޮންއަށް އިވިވަޑައިނުގަންނަވާ ކަމަށާއި ޒިޔާރަތުގެ ރަސްމީ ޕްރޮގްރާމް އޭނާ ކުރިއަށްގެންދަވަން ނިންމަވައިފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.
އެއް އައި.އީ.ޑީ ލައިފައިވަނީ ޕާކްކޮށްފައިވާ ކާރަކަށް ކަމަށްވާއިރު އަނެއް އައި.އީ.ޑީ ލައިފައިވަނީ ކުނި ޓައްޕަކަށެވެ. އެއީ ޓޫރިޒަމް މިނިސްޓްރީ އާއި މެކްރޮން ރޭގައި ހުންނެވި ފޯ ސީޒަންސް ހޮޓެލް ކައިރީގައެވެ. އައި.އީ.ޑީތައް ގޮއްވައިލައިފައިވަނީ ސޫރިޔާގެ އިންތިގާލީ ރައީސް އަހްމަދުއްޝަރާއާ ބައްދަލުކުރައްވަން މެކްރޮން ވަޑައިގަތުމުގެ މަގުމަތީގައެވެ.
އާއްމުން ގިނަ އަދަދަކަށް އުޅޭ، ދިމަޝްގްގެ މެދުތެރޭ ސަރަހައްދުގައި ހުންނަ ފޯ ސީޒަންސްއަކީ ޑިޕްލޮމެޓުންނާއި އދ.ގެ އޮފިޝަލުންނާއި އަދި ނޫސްވެރިން އާއްމުކޮށް ތިބޭ ހޮޓެލް ކަމަށްވާތީ އެއީ ސަލާމަތީ ގޮތުން އަބަދުވެސް ވަރުގަދަކޮށް ސަރުކާރުން ބަލަހައްޓާ ސަރަހައްދެކެވެ. ނަމަވެސް މިއަދު އައި.އީ.ޑީތައް ގޮއްވައިލުމުން ދިމަޝްގްގެ ސަލާމަތްތެރިކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.
ދާހިލީ ވުޒާރާއިން ބުނީ އައި.އީ.ޑީތައް ގޮއްވައިލައިފައިވަނީ މެކްރޮން ހުންނަވާ ތަނުގެ ސެކިއުރިޓީ ސަރަހައްދުން ބޭރުގައި ކަމަށެވެ. އެހެންކަމުން އެ ތަނަށާއި މެކްރޮންގެ ޕްރޮގްރާމަށް ސީދާ ނުރައްކަލެއް ނެތް ކަމަށެވެ.
އެ ވުޒާރާއިން ބުނީ އައި.އީ.ޑީތައް ގޮއްވައިލައިފައިވަނީ ސަލާމަތީ ބާރުތަކަށް އެ ތަކެތި ފެނިފައިވަނިކޮށް ކަމަށާއި އެ ތަކެތި ރޫޅައިލަން ސްޕެޝަލިސްޓުން ފޮނުވައިފައިވަނިކޮށް ކަމަށެވެ.
އައި.އީ.ޑީތައް ގޮއްވައިލުމުގެ ޒިންމާ އަދި އެއްވެސް ގްރޫޕަކުން ނުނަގައެވެ.
ރަސްމީ އިދާރާތަކުން ވަނީ ތަހުގީގެއް ފަށައިފައެވެ.
"ސޫރިޔާއާއެކު ފްރާންސް ބާއްވާ ގުޅުން ކުރިއަށްގެންދާނަން،" މެކްރޮން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ސަލާމަތީ ދާއިރާއިން އެއްބާރުލާނެ ކަމަށާއި ސޫރިޔާ އަލުން އާރާސްތުކުރަން އެހީވާނެ ކަމަށެވެ.
އަހްމަދުއްޝަރާ ވިދާޅުވީ އައި.އީ.ޑީތައް ގޮއްވައިލުމަކުން ސޫރިޔާގެ ހަމަޖެހުމާ ދިމާއަށް ކުރަމުންދާ ދަތުރަށް ބުރޫއެރިޔަނުދެއްވާނެ ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމައާ ވެސް ގުޅުން ގާއިމުކުރައްވާނެ ކަމަށެވެ.
ކުރީގެ ރައީސް ބަޝާރުލްއަސަދުގެ ވެރިކަން ވެއްޓުނު ފަހުން ވެރިކަމަށް ވަޑައިގަތް އަހްމަދުއްޝަރާއަކީ މުރުތައްދެއް ކަމަށް ބުނެ އިސްލާމިކް ސްޓޭޓް (އައި.އެސް)އިން ދަނީ އޭނާގެ ވެރިކަން ވައްޓައިލަން އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް ގޮވައިލަމުންނެވެ.
އަހްމަދުއްޝަރާ ފުރަތަމަ ރަސްމީ ދަތުރެއް ޔޫރަޕަށް ކުރެއްވީ މި ދިޔަ އަހަރުގެ މެއި މަހު ފްރާންސްއަށެވެ. އެއަށްފަހު މި ދިޔަ އަހަރު ނޮވެމްބަރުގައި އޭނާ ވަނީ އެމެރިކާއަށް ވަޑައިގަންފައެވެ. ފްރާންސަށް ކުރެއްވި ދަތުރުގައި މެކްރޮންއާ ބައްދަލުކުރެއްވިއިރު އެމެރިކާގެ ދަތުރުގައި ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރެއްވިއެވެ.
މެކްރޮން މިހާރު ސޫރިޔާއަށް ކުރައްވާ ދަތުރަކީ ބަޝާރުލްއަސަދުގެ ވެރިކަން 2024 ގައި ވެއްޓުމަށްފަހު ޔޫރަޕްގެ ދައުލަތެއްގެ ވެރިޔަކު ސޫރިޔާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އޭނާ ސޫރިޔާއަށް ވަޑައިގަތީ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށް، ސަލާމަތީ ކަންކަމުގައި އެއްބާރުލައި އަދި އިގުތިސާދީ ދާއިރާއިން ވެސް ދެ ގައުމުގެ ދެމެދުގައި ގުޅުންތައް ވަރުގަދަ ކުރުމަށެވެ.
އައި.އީ.ޑީތައް ގޮއްވައިލުމުން ހާމަވަނީ ސޫރިޔާގައި ސަލާމަތީ ކަންތައްތައް އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް ދިރާސާވެރިން ބުންޏެވެ.
މި ދިޔަ ހަފުތާގައި ދިމަޝްގްގެ މެދުތެރޭގައި ކޯޓުތައް ހުންނަ ސަރަހައްދުގައި ހުރި ކެފޭއެއްގައި ބޮމެއް ގޮއްވައިލުމުން 10 މީހުން މަރުވެ، 20 މީހުން ޒަހަމްވިއެވެ.



advertisment