އުމުރުން 18 މަހާއި 18 އަހަރާ ދޭތެރޭ ކުދިންތަކެއް އާއިލާއިން ބަންދުކޮށްގެން ގެންގުޅެނިކޮށް އެމެރިކާގެ އޮހަޔޯ ސްޓޭޓްގެ ވިންޓަން ކައުންޓީގެ ރަށްފުށު ހެމްޑަން ވިލެޖުގެ ގެއަކުން ސަލާމަތްކޮށްފިއެވެ.
މި ދިޔަ އަންގާރަ ދުވަހު އެ ކުދިން ސަލާމަތްކުރިއިރު އެ ކުދިން ގެންގުޅެފައިވަނީ 12 ފޫޓު 12 ފޫޓުގެ ކޮޓަރިއެއްގައި ކަމަށް ރަސްމީ އިދާރާތަކުން ބުންޏެވެ.
"މިއީ މި ސްޓޭޓްގެ ތާރީހުގައި ކުޑަކުދިންނަށް ދިގު މުއްދަތެއްގައި އިހުމާލުވި އަދި ހައްދުފަހަނަޅާވަރަށް އެބިއުސްކުރި އެންމެ ސީރިއަސް އެއް ކޭސް،" އޮފިޝަލަކު ބުންޏެވެ.
އެ ކޮޓަރީގައި އެ ކުދިން ގެންގުޅޭތާ ހަތަރު އަހަރުވެފައިވާއިރު ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އެ ކުދިން ބަންދުކޮށްގެން ގެންގުޅޭކަން ފަޅާއަރައިފައިނުވަނީ އާއިލާއިން ގިނަގިނައިން އޮހަޔޯގެ އެކި ސަރަހައްދުތަކަށް ދިރިއުޅުން ބަދަލުކުރަމުންދިއުމުންނެވެ.
މިހެންވެ، އެ ކުދިންނަށް ސިއްހީ ފަރުވާ އާއި ތައުލީމު ލިބުމުން މަހްރޫމުކުރުމުގެ އިތުރުން ސަރުކާރުގެ ރެކޯޑުތަކަށް ވެސް އެ ފަދަ މައުލޫމާތު އަރައިފައެއް ނުވެއެވެ. އަދި އަވަށްޓެރިންނަށް ވެސް މި ކަހަލަ ކަމެއް ހިނގާކަން ޝައްކެއް ނުކުރެވެއެވެ.
މި ފަހަރު އެ ކުދިން ގެންގުޅެފައިވަނީ ނާމުސޫފި ގެންގުޅޭ ތަނަކަށް ވުރެވެސް ހާލަތު ގޯސް ކޮޓަރިއެއްގައި ކަމަށް ތަހުގީގުކުރާ ފަރާތްތަކުން ބުންޏެވެ.
"އަހަރެމެންގެ ގިނަ ނާމުސޫފި ގެންގުޅެނީ ވެސް އެ ކުދިން ބައިތިއްބައިފައި ތިބި ގޮތަށްވުރެ ރަނގަޅަށް،" ވިންޓަން ކައުންޓީގެ އެންމެ އިސް އޮފިޝަލް ނުވަތަ ޝެރިފް، ރަޔަން ކެއިން ބުންޏެވެ.
"އިންސާނުންގެ ނަޖިހާއި ފަނިފަކުސާއިން ފުރިފައިވާ ކޮޓަރިއެއް އެއީ. އެންމެ އަސާސީ ހިދުމަތްތައް ވެސް އެ ކޮޓަރީގައި ނެތް،" އޮފިޝަލަކު ބުންޏެވެ.
ކާބޯތަކެތި އެކަށީގެންވާ މިންވަރަށް ކުދިންނަށް ނުދިނުމުން ސިއްހީ ގޮތުން ބަލިކަށިކަމަށާއި އެ ކުދިންގެ ހަރަކާތްތައް ވެސް ހުރީ ހައިވާނުންހެން ކަމަށް އޮފިޝަލުން ބުންޏެވެ.
އެއިން ކުއްޖަކު ދުވަހަކު ވެސް ސްކޫލަކަށް ފޮނުވައިފައެއްނުވެއެވެ. ބައިވަރު ކުދިންނަށް ވާހަކަ ނުދެއްކެއެވެ. އަށާރަ އަހަރުގެ ކުއްޖާއަށް ނުކުޅެދުންތެރިކަން ލިބިފައިވާއިރު އޭނާއަށް އަމިއްލަ ނަން ވެސް ލިޔަން ނޭނގެއެވެ.
ސަލާމަތް ކުރުމަށްފަހު ހަތް ކުދިން ވަނީ ކޮލަމްބަސް ސިޓީގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައެވެ. ދެ ކުދިން ވަނީ ފުރާނައަށް ނުރައްކާވެފައިވާ ހާލުގައި ކަމަށްވާތީ އެއާ އެމްބިއުލެންސްގައި ހާއްސަ ފަރުވާ އާއި ޖިސްމާނީ އަދި ނަފުސާނީ ފަރުވާ ދޭ މަރުކަޒަކަށް ގެންގޮސްފައެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސްއެވެ.
ފުލުހުން ވަނީ ކުދިންގެ ބައްޕަ ގެރީ ސައިޑާސް ޖޫނިއާ، މަންމަ އެލިޒަބަތު ސައިޑާސް، ކާފަ ގެރީ ސައިޑާސް ސީނިއާ އަދި މާމަ ކްރިސްޓީނާ ސައިޑާސް ހައްޔަރުކޮށްފައެވެ.
ހަތަރު މީހުންގެ މައްޗަށް 16 ދައުވާ އުފުލައިފައިވެއެވެ. އެއީ ކުޑަކުދިން ނުރައްކަލަށް ހުށަހެޅުމާ ގުޅޭ ދައުވާއެވެ.
ހަތަރު މީހުން އެ ދައުވާއަށް އިންކާރުކުރިއެވެ. އެ މީހުންގެ ބޮންޑްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ކޮންމެ މީހަކަށް 300،000 ޑޮލަރު (4.62 މިލިއަން ރުފިޔާ)އެވެ.
ވިންޓަން ކައުންޓީގެ ޕްރޮސެކިއުޓިން ވަކީލު ވިލިއަމް އާޗާ ބުނީ ދައުވާއިން ދައްކައިދެނީ ކުދިންނަށް ކުރިމަތިކުރި "ސީރިއަސް ޖިސްމާނީ ނުރައްކާ" ކަމަށެވެ.
ކުދިން މިހާރު ތިބީ އޮހަޔޯގެ ވަޒީފާ އާއި އާއިލީ ހިދުމަތްތަކާ ބެހޭ ޑިޕާޓްމަންޓްގެ ވަގުތީ ހިމާޔަތުގައެވެ.
ވިންޓަން ކައުންޓީގެ ޕްރޮސެކިއުޓަރުގެ އޮފީހާއި އޮހަޔޯގެ ބަންޑާރަ ނައިބުގެ އޮފީހުން ދަނީ ވަކި ދެ ތަހުގީގު އެކުއެކީގައި ހިންގަމުންނެވެ.
އޮހަޔޯގެ ބަންޑާރަ ނައިބު އެންޑީ ވިލްސަން މައްސަލަ ސިފައިކޮށްފައިވަނީ "ޝައިތާނީ" ކޭސްއެއްގެ ގޮތުގައެވެ.
"އެ ގެއަށް އެންމެ ދުވަހެއް ލަހުން އޮފިޝަލުންނަށް ދެވުނު ނަމަވެސް ބައެއް ކުދިން ސަލާމަތްނުވީސް،" އޭނާ ބުންޏެވެ.
އެ ކުދިން ހޯދުނީ ކަމާ ނުގުޅޭ އެހެން މައްސަލައެއްގައި ބަލާފާސްކުރުމުގެ ވޮރެންޓެއްގެ ދަށުންނެވެ.
ޝަރީއަތް ނިމެންދެން ހައްޔަރުކުރި ހަތަރު މީހުންނާމެދު ނުރަނގަޅު ގޮތަކަށް ނުދެކުމަށާއި ހުކުމް އިއްވުމުގެ ކުރިން އެ މީހުންނަކީ ކުށެއް ނެތް ބައެއްކަން ގަބޫލުކުރަން އެ މީހުންގެ ގާނޫނީ ވަކީލުން އާއްމުންނަށް ގޮވައިލިއެވެ.



advertisment