Support Us

އީރާނުން ވާގިވެރިވާ ޔަމަންގެ ހޫޘީން ވެރިރަށް ސަންއާގައި ހަތިޔާރު ހިފައިގެން

ހޫޘީންނަށް ކުރިއަށްވުރެ ވަރުގަދަ އަސްކަރީ ރައްދެއް ދޭނަން: ސައުދީ ކޯލިޝަން

ޔަމަންގެ ވެރިރަށް ސަންއާ ހިފައިގެން ތިބި، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިނުގަންނަ، އީރާނުން ވާގިވެރިވާ ހޫޘީންގެ ސަރުކާރާ ދެކޮޅަށް ކުރިއަށްވުރެ ވަރުގަދަ އަސްކަރީ ރައްދެއް ދޭނެ ކަމަށް ސައުދީ އަރަބިއްޔާއާ ގުޅިފައިވާ ކޯލިޝަނުން ބުނެފިއެވެ.

ކޯލިޝަނުން އިއްޔެ މިހެން ބުނީ، ހޫޘީންގެ ހުއްދަ ލިބިގެން އީރާންގެ މަދަނީ ފްލައިޓެއް، ވޭތުވެދިޔަ ދަހަރެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސަންއާގެ ބައިނަލްއަގުވާމީ އެއާޕޯޓަށް ޖެއްސުމުން، އެ ކަން ހުއްޓުވަން ކޯލިޝަނުން މަސައްކަތްކޮށްފައިވާތީ، އެ ކަމާ ގުޅިގެން ކޯލިޝަނަށް ހޫޘީން އިންޒާރު ދިނުމުންނެވެ.

ފްލައިޓަކީ ޔަމަންގެ ސުންނާފަތިވެފައިވާ ސިއްހީ ނިޒާމުން ފަރުވާދެވެން ނެތް 200 އަށްވުރެ ގިނަ ބަލިމީހުން އީރާނަށް ފަރުވާއަށް ފޮނުވާ ފްލައިޓެކެވެ.

މީގެ އިތުރުން، ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ހަމަ އެ ދުވަހުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އީރާންގެ ސުޕްރީމް ލީޑަރު އަލީ ހާމަނާއީގެ ޖަނާޒާ އާއި ފަސްދާންލުމުގެ ކަންތައްތަކުގައި ބައިވެރިވުމަށް ހޫޘީން ފޮނުވާ އެ ޖަމާއަތުގެ ވަފުދު ވެސް އީރާނަށް ދާ ފްލައިޓެވެ. ނަމަވެސް ސައުދީ ކޯލިޝަނުން މި ފަދަ ފްލައިޓްތައް ދެކެ ބިރުގަންނަނީ އޭގައި ސިފައިންނާއި އަސްކަރީ ސާމާނު އުފުލައިފައިނެތީއެވެ.

ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލްމާލިކީ ބުނީ ހޫޘީންގެ ހަރަކާތްތައް ހުރި ގޮތުން ޔަމަންގެ މައިގަނޑު މަދަނީ މަރުކަޒުތައް ނުރައްކަލަށް ހުށަހެޅެމުންދާ ކަމަށެވެ.

"ސައުދީ ބިމަށް އެއްވެސް ހަމަލާއެއްދީފިނަމަ ނުވަތަ ޔަމަންގެ ސިޔާދަތު ގެއްލޭ ފަދަ އަމަލުތައްކުރާނަމަ ކުރިއަށްވުރެ ވަރުގަދަ އަޒުމެއްގައި އަސްކަރީ ރައްދެއް ދޭނަން،" އޭނާ ބުންޏެވެ.

ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ބުނީ އެ ޖަމާއަތުން ދޭ ރައްދެއްގައި ސައުދީގެ އެއާޕޯޓްތަކާއި އިންފްރާސްޓްރަކްޗަރަށް އަމާޒުކުރާނެ ކަމަށެވެ. އޭނާ ބުނީ ފުޅާ ދާއިރާއެއްގެ އަސްކަރީ އޮޕަރޭޝަނެއްގައި 14 ޑްރޯނާއި އަށް ބެލިސްޓިކް މިސައިލް ފޮނުވައިލައިފައިވާ ކަމަށެވެ. ނަމަވެސް އެ ހަމަލާތައް އެރި ކަމެއް ނުވަތަ ނޫން ކަމެއް ސައުދީން އަދި ޔަގީންކޮށެއް ނުދެއެވެ.

ކޯލިޝަނުން ތަކުރާރުކޮށް ބުނަމުންދަނީ ރަތް ކަނޑުގެ ދެކުނު ސަރަހައްދާއި ބާބުލްމަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހޫޘީން ހަމަލާދޭ ކަމަށެވެ.

ޔަމަންގެ މަސްރަހަށް ސައުދީން އިސްވެ ހުރި ކޯލިޝަނުން ވަދެފައިވަނީ 2015 ގައި ހޫޘީން ސަންއާ ހިފައި، ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންފައިވާ ސަރުކާރު ވެރިކަމުން ދުރުކުރުމުންނެވެ. އެއާ ވިދިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ބައެއްގެ ގެދޮރު ގެއްލި، ތަންތަން ސުންނާފަތިވެފައިވެއެވެ. އަދި އދ.އިން ޔަމަންގެ މަސްރަހު ސިފަކޮށްފައިވަނީ މިހާރުގެ ދުނިޔޭގެ އެންމެ ސީރިއަސް އެއް އިންސާނީ ކާރިސާގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *