ޗައިނާގެ ވެރިރަށް ބެއިޖިންގްގެ އެންމެ އުސް އިމާރާތްކަމަށްވާ 108 ބުރީގެ ސީ.އައި.ޓީ.އައި.ސީ ޓަވަރަށް މަތިންދާބޯޓެއް މުޑިއަރުވައިލީ އަމިއްލައަށް މަރުވާ ހިޔާލު ގެންގުޅުނު، ޕައިލެޓްކަމުގެ ލައިސަންސް އޮތް މީހެއް ކަމަށް އޮފިޝަލުން ބުނެފިއެވެ.
މި ކަމުގެ ސަބަބުން ޗައިނާގައި ނަފުސާނީ ބަލި (މެންޓަލް އިލްނަސް)ގެ މައްސަލައަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ (އެވިއޭޝަން)ގެ ސަލާމަތްތެރިކަމަށް އަނެއްކާވެސް ވަނީ ސަމާލުކަން ލިބިފައެވެ.
މި ދިޔަ މަހު 26 ގައި އޮރޯރާ އެސް.އޭ.60.އެލް މަރުކާގެ، ދެ މީހުންނަށް އިނދެވޭ ލުއި މަތިންދާބޯޓު 65 ވަނަ ބުރިއަށް ވައްދައިލުމުން، ދުއްވަން އިން އުމުރުން 66 އަހަރުގެ، ހަމައެކަނި ލިއުގެ ނަމުން ނަން ހާމަކޮށްފައިވާ މީހާ މަރުވިއެވެ. އޭނާގެ އިތުރުން އެ މަތިންދާބޯޓުގައި އިތުރު މީހަކު ނެތެވެ. އަދި ހާދިސާގައި 13 މީހުން ޒަހަމް ވިޔަސް އެ މީހުންނަށް ސީރިއަސް ޒަހަމްތަކެއް ނުލިބެއެވެ.
އިމާރާތުގެ 65 ވަނަ ބުރީގެ ބިއްލޫރިތައް ހަލާކުވި ނަމަވެސް އިމާރާތުގެ ސްޓްރަކްޗަރަށް ގެއްލުމެއް ނުލިބެއެވެ. ސަބަބަކީ އިމާރާތުގައި ޖެހިފައި މަތިންދާބޯޓު ބިންމައްޗަށް ވެއްޓުމުންނެވެ.
ލިއު އެ އިމާރާތަށް މަތިންދާބޯޓު މުޑިއަރުވައިލުމުގެ ކުރިން އެހެން މަތިންދާބޯޓަކާ 330 ފޫޓު ކައިރިން ދިޔައެވެ. މި ކަން ބެލެވުނީ ވެސް ސީރިއަސް ކަމެއްގެ ގޮތުގައެވެ. އެއީ އަނެއް މަތިންދާބޯޓާ ވެސް ލިއުގެ މަތިންދާބޯޓު މުޑިއެރުމަށް އެކަށީގެންވާތީއެވެ.
"ތަހުގީގުތަކުން އެނގުނީ ލިއުގެ ޑައިރީގައި އޭނާ ވަރަށް ގިނައިން އަމިއްލައަށް މަރުވާ ވާހަކަ ލިޔެފައިވާކަން،" އޮފިޝަލަކު ބުންޏެވެ.
ރަސްމީ އިދާރާތަކުން ބުނީ، އެހެންކަމުން، މި ހާދިސާ ހިނގަން ދިމާވީ "ޒާތީ ސަބަބުތަކަކާހުރެ" ކަމަށާއި މިއީ އާއްމުންގެ ރައްކާތެރިކަމަށް ނުރައްކާކުރި ހާދިސާއެއް ކަމަށެވެ.
"އިންސޮމްނިއާ (ނިދި ނުލިބުން) އާއި އެންޒައިޓީ (ހާސްވުން) އާއި ޑިޕްރެޝަންގެ އިތުރުން އެކަނިވެރިކޮށް ދިރިއުޅުނު ކަމަށް ލިއު ފާހަގަކުރެވިފައިވޭ،" އޮފިޝަލަކު ބުންޏެވެ.
އޭނާ ބުނީ ލިއު ދަތުރުކުރީ ހުއްދަ ދިން މަގަކުން ކަމަށާއި ނަމަވެސް ދެން ވަނީ ޓަވަރާ ދިމާއަށް މަތިންދާބޯޓު އަނބުރާލާފައި ކަމަށެވެ.
ބެއިޖިންގްގައި ވިޔަފާރި ފުޅާ އެ ސަރަހައްދަކީ ވައިގެ މަގުން ދަތުރުކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ހުންނަ ސަރަހައްދެކެވެ. އަދި މިއީ އާދައިގެ ޓަވަރަކަށް ނުވާތީ މި ހާދިސާގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން މި ކަމަށް ލިބިފައިވެއެވެ. މިހެންވެ ޗައިނާގެ ވައިގެ ސަރަހައްދުގެ ސަލާމަތްތެރިކަމާމެދު މިހާރު ވަނީ ކަންބޮޑުވުން އުފެދިފައެވެ. އަދި ސަލާމަތީ ފިޔަވަޅުތައް މުރާޖާކޮށް ނިމެންދެން ގިނަ އަމިއްލަ މަތިންދާބޯޓުތަކުގެ ހުއްދަ ވަނީ ސަސްޕެންޑްކޮށްފައެވެ.



advertisment