ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން، އީރާނުން ހުއްދަ ނުދޭ މަގުތަކުން ދަތުރުނުކުރަން އުޅަނދުފަހަރަށް އީރާނުން އަނެއްކާވެސް އިންޒާރުދީފިއެވެ.
އެއްވެސް ޝަރުތެއް ނެތި، ހިލޭ އަދި މިނިވަންކަމާއެކު ހުރިހާ އުޅަނދަކަށް ދަތުރުކުރެވޭނެ މަގެއް، އުމާނުން އުމާންގެ އައްސޭރިފަށާ ކައިރިން ދާދި ފަހުން ވަނީ ހުޅުވައިލައިފައެވެ. އެއީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ކުރި ކަމެއް ކަމަށް އުމާނުން ބުންޏަސް މި ކަމާ ގުޅިގެން އީރާނުން ވަނީ އުމާނުން އެ މަގު ހުޅުވައިލި ދުވަސްވަރު އިންޒާރެއް ދީފައެވެ.
އީރާނުން އަލުން ބުރާސްފަތި ދުވަހު ބުނީ ހުރިހާ އުޅަނދެއް ވެސް ހުރުމުޒުން ދަތުރުކުރަން ޖެހޭނީ އީރާނުން ހުއްދަދީފައިވާ މަގުތަކުން ކަމަށެވެ.
"މި އެންގުމާ އަޅައިނުލައި ނުވަތަ މި އެންގުން މުގުރައިލައި އުޅަނދުތަކަށް ހަރުކަށި އަސްކަރީ ރައްދެއް ދެވިދާނެ،" އީރާންގެ އަސްކަރިއްޔާއިން ބުންޏެވެ.
ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމަށް އީރާނުން ހަމަޖައްސައިފައިވާ އުސޫލުތަކާ އެމެރިކާއިން ދެކޮޅުހެދިއެވެ. ހުރުމުޒުން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ބިރުނުދެއްކުމަށް އެމެރިކާއިން އީރާނަށް ގޮވައިލިއެވެ.
"ބައިނަލްއަގުވާމީ ކަނޑުއޮޅިތަކުން މިނިވަންކަމާއެކު ދަތުރުކުރުމުގެ ހައްގަށް އިހްތިރާމްކުރަން ޖެހޭނެ،" އެމެރިކާގެ ހާރިޖީ ވުޒާރާއިން ބުންޏެވެ.
އީރާންގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު އިންޒާރުގެ ބަޔާނެއް ނެރުނީ އީރާނާއި އެމެރިކާއާ ދެމެދު ނުސީދާ ވާހަކަތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އެއީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލަން މި ދިޔަ މަހު 17 ގައި އީރާނާއި އެމެރިކާއިން ސުލްހައިގެ ފަހުމްނާމާއެއްގައި ސޮއިކުރުމަށްފަހު ދާއިމީ ޑީލެއް ހަދަން މަސައްކަތް ކުރަމުންދަނިކޮށެވެ.



advertisment