ސޫރިޔާގެ ވެރިރަށް ދިމަޝްގްގެ ކޯޓުތައް ހުންނަ ޕެލަސް އޮފް ޖަސްޓިސް ކައިރީގައި ހުރި ކެފޭއެއްގައި މިއަދު ބޮމެއް ގޮއްވައިލުމުން ހަ މީހުން މަރުވެއްޖެއެވެ.
ބާވީސް މީހުން ޒަހަމް ވެސް ވި މި ހާދިސާގެ ސަބަބުން ދިމަޝްގްގެ ސަލާމަތްތެރިކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ބޮން ގޮއްވައިލި ކެފޭ ހުންނަނީ ތާރީހީ ހަމީދިޔާ މާރުކޭޓު ކައިރީގައެވެ.
ބޮންގޮއްވިކަމުގެ އިލްޒާމް ދާހިލީ ވުޒާރާއިން އެޅުވީ އިސްލާމިކް ސްޓޭޓް (އައި.އެސް) ޖަމާއަތުގެ ބޮލުގައެވެ.
"މި ކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތްތައް ރަސްމީ އިދާރާތަކުން ދަނީ ހޯދަމުން. ޓެރަރިސްޓް ގްރޫޕްތަކުން ސޫރިޔާގެ ހަމަޖެހުން ގެއްލުވައިލިޔަކަ ނުދޭނަން،" އެ ވުޒާރާގެ ތަރުޖަމާނު ނޫރައްދީނުލްބާބާ ބުންޏެވެ.
ބޮންގޮއްވައިލިކަމުގެ ޒިންމާ އައި.އެސްއަކުން ނުނަގައެވެ. ނަމަވެސް އިންތިގާލީ ރައީސް އަހްމަދުއްޝަރާއަކީ މުރުތައްދު ވެފައިވާ މީހެއް ކަމަށް ބުނެ ސޫރިޔާގެ އާ ސަރުކާރަށް ހަމަލާދޭން އައި.އެސްއިން ދަނީ އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް ގޮވައިލަމުންނެވެ.
ކުރީގެ ރައީސް ބަޝާރުލްއަސަދު ވެރިކަމުން ދުރުކުރަން ސޫރިޔާގެ ތެރޭގައި ހިނގި ހަނގުރާމަ ނިމި، ގައުމު އަލުން ހަމައަކަށް އެޅުވުމުގެ މި މަރުހަލާގެ ނާޖާއިޒު ފައިދަ ނަގަމުން އައި.އެސްއިން ދާކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އެއީ، ކުރިން ހަރަކާތްތެރިނުވާ ސެލްތައް އަލުން ހަރަކާތްތެރިކުރުވައި، ހަމަލާތައް ދެމުންނެވެ.



advertisment