އެންމެ އަޑުގަދަކޮށް ހަޅޭއްލަވައިގެން އެ ކަމުގެ ރެކޯޑު އޮސްޓްރޭލިއާ މީހަކު މުގުރައިލައިފިއެވެ.
އުމުރުން 58 އަހަރުގެ، އޮސްޓްރޭލިއާގެ ވެރިރަށް ކެންބެރާގެ ޖޯސެފް މަގްރޭލް-ބޭޓަޕް (ފޮޓޯ) ދުނިޔޭގެ ރެކޯޑު މުގުރައިލީ "ނައު" (ލަފުޒީ މާނައިން "މިހާރު") ކަންފަތް ފަޅައިގެންދާ ވަރަށް 122.4 ޑެސިބަލްގެ ބާރުމިނުގައި ހަޅޭއްލަވައިގެންނެވެ.
މިއީ ގުގުރިއެއް ނުވަތަ ކަރަންޓު ކީހެއް ނުވަތަ ކޮންކްރީޓް ފޫދުއްވައިލައި ޑްރިލްއެއްގެ އަޑުހާ ވެސް ގަދަ އަޑެކެވެ.
ގާތްގަނޑަކަށް 130 ޑެސިބަލްއަކީ ޖެޓެއް 100 މީޓަރު ކައިރިން އުދުއްސައިލުމުން އެ އިވޭ އަޑު، އިވޭ އިންސާނެއްގެ ކަންފަތަށް ތަދު އިހުސާސްކުރެވޭ ބާރުމިނެވެ. އަދި ވަގުތުން ދާއިމީ ގެއްލުމެއް އެ އިންސާނެއްގެ އަޑުއެހުމުގެ ނިޒާމަށް ކުރިމަތިވާނެ ބާރުމިނުގެ އަޑެވެ.
މަގްރޭލް-ބޭޓަޕަކީ އޭސީ ސާފުކުރާ މީހެކެވެ. އަދި އޭނާއަކީ އޭނާގެ ޓައުންގެ ޝަރަފުވެރި ޓައުން ކްރަޔާ ނުވަތަ މަގުމަތީގައި މީހުންނަށް އިއުލާންތައް އިއްވައިދޭ މީހާއެވެ.
އޭނާ ބުނީ ދުނިޔޭގެ ރެކޯޑު މުގުރައިލަން އޭނާ ހަތް ފަހަރު މަސައްކަތްކުރަން ޖެހުނު ކަމަށެވެ. އަދި އޭގެ އެތައް ދުވަހެއް ފަހުން ވެސް އޭނާގެ އަޑު ހުރީ ހަލާކުވެފައި ކަމަށެވެ.
"އަސްލު އެ ކަމަށް ފަރިތަ ކުރެވޭނެ ގޮތެއް ނޯންނާނެ. އެ ދުވަހަށް މަޑުކޮށްގެން ހުންނަން ޖެހޭނީ. ހާއްސަކޮށް ދުނިޔޭގެ ރެކޯޑު މުގުރައިލަން ހިފާ ދުވަހަށް،" އޭނާ ބުންޏެވެ.
މަގްރޭލް-ބޭޓަޕް މުގުރައިލީ 1994 ގައި އުތުރު އަޔަލެންޑްގެ ޓީޗަރު އެނަލިސާ ފެލެނެގަން މުގުރައިލި ރެކޯޑެވެ. އެނަލިސާ ރެކޯޑު މުގުރައިލީ "ކުއަޔަޓް" (ލަފުޒީ މާނައިން "މަޑުން ހުރޭ") 121.7 ޑެސިބަލްގައި ހަޅޭއްލަވައިގެންނެވެ.
އަޑަކީ ލޮގަރިދްމިކް ސްކޭލެއް ހުންނަ އެއްޗެކެވެ. އެއީ ލީނިއާ ގޮތަކަށް އުފުލޭ އެއްޗެއް ނޫނެވެ. މިހެންވެ ކޮންމެ 10 ޑެސިބަލްގެ އިތުރުވުމަކީ އަޑުއިވޭ މިންވަރު ދެގުނަ ބޮޑުވާ ވަރަށް އިވޭ އިވުމެކެވެ.
މަގްރޭލް-ބޭޓަޕް ބުނީ "ނައު" އޭނާ ހިޔާރުކުރީ ބައެއް އެހެން ބަސްތައް ޓެސްޓްކޮށްފައި ކަމަށެވެ.
އޭނާ ރެކޯޑު މުގުރައިލީ ރޭޑިއޯ ސްޓޫޑިއޯއެއްގައި މޭ މަހުގެ ދެވަނަ ދުވަހުއެވެ. އެ އަޑު ރެކޯޑު ކޮށްދިނީ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ އެކޫސްޓިކް އިންޖިނޭރަކު ހެކިންގެ ވެސް ކުރިމަތީގައެވެ. އަދި ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ ގިނެސްއިން މަގްރޭލް-ބޭޓަޕްގެ ރެކޯޑު މުގުރައިލުން ކަށަވަރުކޮށްދިނީ ޖޫން 19 ގައެވެ.
ކެންބެރާގެ ޓައުން ކްރަޔާގެ މަގާމު އޭނާއަށް ލިބުނީ 2017 ގައެވެ. ޓައުންގައި ބާއްވާ އިވެންޓްތަކުގައި އޭނާ ކަންތައްތައް އިއުލާން ކޮށްދިނުމަކީ "މަޖާ ކަމެއް" ކަމަށް އޭނާ ބުންޏެވެ.
މަގްރޭލް-ބޭޓަޕް ވަނީ 2019 ގައި ވަރަށް ތަފާތު ރެކޯޑެއް ވެސް މުގުރައިލައިފައެވެ. އެއީ 60.03 ސިކުންތު ތެރޭގައި 10 ދުނި ޖަހައިގެންނެވެ. ނަމަވެސް އޭގެ ނުވަ މަސް ފަހުން އޭނާގެ ރެކޯޑު 11 ސިކުންތަށްވުރެ އަވަސްކޮށްގެން މުގުރައިލީ އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖެކެވެ.



advertisment