ވެނެޒުއެލާއަށް މިއަދު އައި ދެ ބިންހެލުމުގައި 164 މީހުން މަރުވެ، 971 މީހުން ޒަހަމްވެއްޖެވެ.
ދެ ބިންހެލުން އައީ ދާދި އެކުއެކީގައެވެ. އެއް ބިންހެލުމަކީ 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް ކަމަށްވާއިރު ދެވަނަ ބިންހެލުމުގެ މެގްނިޓިއުޑަކީ 7.5 އެވެ.
ދެ ބިންހެލުން ވެސް އައީ ވެރިރަށް ކަރަކަސްގެ ހުޅަނގުން 104 މޭލު ކައިރިއަށެވެ. ދެވަނަ ބިންހެލުން އައީ ފުރަތަމަ ބިންހެލުމުގެ ސިކުންތުކޮޅެއް ފަހުންނެވެ.
ދެ ބިންހެލުމުގެ ސަބަބުން ވެރިރަށް ކަރަކަސް އާއި އައްސޭރިފަށުގައި އޮންނަ ލަ ގުއޭރާ ސްޓޭޓަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.
ވެއްޓުނު އިމާރާތްތައް ދަށުން މީހުން ހޯދައި ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ މަރުވި އަދި ޒަހަމްވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ބުންޏެވެ.
ދެ ބިންހެލުން އައުމުގެ ސަބަބުން ވަގުތީ ރައީސް ޑެލްސީ ރޮޑްރީގެސް ވަނީ ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރައްވައިފައެވެ.
"އެތައް ދޮޅަހެއްގެ އިމާރާތް ވަނީ ވެއްޓިފައި. ލަ ގުއޭރާއަކީ ކާރިސާއެއް ހިނގައިފައިވާ ސަރަހައްދެއް. މީހުން ސަލާމަތް ކުރުމުގެ ބޮޑު އޮޕަރޭޝަންތައް އެ ތަނުގައި ދަނީ ކުރިއަށް،" އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރު މަރީއާ ކޮރީނާ މަޗާޑޯ ވަނީ ގައުމީ އެއްބައިވަންތަކަމަށް ގޮވައިލައިފައެވެ. މީހުން ސަލާމަތް ކުރުމަށާއި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އަވަސް ކުރުމަށާއި ގެދޮރު ދޫކޮށް ދާން ޖެހިފައިވާ މީހުންނަށް އެހީވުމަށް އޭނާ ގޮވައިލިއެވެ.
ބިމުގެ ކަންތައްތައް ދިރާސާ ކުރާ އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ ދެ ބިންހެލުމަށްފަހު އާފްޓަޝޮކްތަކާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ކަންތައްތައް އަދިވެސް ކުރިމަތިވެދާނެ ކަމަށެވެ.
ވެނެޒުއެލާއަށް އެހީވުމަށް އެމެރިކާ ބައްރުގެ ގައުމުތަކުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ މަސައްކަތް ކުރަމުންނެވެ.



advertisment