ނިއުކްލިއަ ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ، އިންޓަނޭޝަނަލް އެޓޮމިކް އެނަޖީ އެޖެންސީ (އައި.އޭ.އީ.އޭ)އިން އީރާންގެ ނިއުކްލިއަ ޕްރޮގްރާމް އެއްކޮށް ޗެކު ކުރަން އީރާނުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
"އީރާނުން އެ ކަމަށް އެއްބަސްވީ އެންމެ މަތީ ފެންވަރުގައި ދިގު މުއްދަތުގައި ވެސް އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ޗެކު ކުރަން،" ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.
"އީރާނުން އެ ކަމަށް އެއްބަސް ނުވެއްޖެނަމަ ދެ ގައުމުން ކުރާނެ މަޝްވަރާތަކެއް ނޯންނާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ޓްރަމްޕްގެ މި ވިދާޅުވުމާ ބެހޭ ގޮތުން އީރާނުން ބުނީ އީރާންގެ ނިއުކްލިއަ ޕްރޮގްރާމް އައި.އޭ.އީ.އޭއިން ޗެކު ކުރަން ވަކި އާ އެއްބަސްވުމަކަށް ނާންނަ ކަމަށާއި އެ ކަމާ ގުޅޭ ގޮތުން އެމެރިކާއާއެކު ތަފުސީލު ގޮތެއްގައި މަޝްވަރާތަކެއް ނުހިގާ ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލުމުގެ ފަހުމްނާމާގައި އެމެރިކާ އާއި އީރާނުން ސޮއި ކުރުމަށްފަހު، މެދުއިރުމައްޗަށް ދާއިމީ ހަމަޖެހުން ގެންނަން ދިގު މުއްދަތުގެ، އަދި ފަހު ޑީލެއް ހަދަން އެއްބަސްވި ދެ މަސް ދުވަހުގެ މަގުޗާޓުގެ ދަށުން އީރާނާއި އެމެރިކާއިން ކުރިއަށްގެންދާ ވާހަކަތަކުގައި ކުރިއެރުން ލިބިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އީރާންގެ ނިއުކްލިއަ ޕްރޮގްރާމަށް ހައްދުތަކެއް ކަނޑައަޅަން އެއްބަސްވުމުން އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭން އެއްބަސްވެފައެވެ.
ފަހުމްނާމާގެ ދަށުން އެމެރިކާ އާއި އީރާނުން ވަނީ ހަމަލާ ބަދަލު ކުރުން ހުއްޓައިލައިފައެވެ. އަދި އީރާނުން ވަނީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުޅުވައިލައިފައެވެ.



advertisment