އެނިމޭޝަނާއި ގޭމިން ދަސްކޮށްދޭ ކޯޗިން ސެންޓަރެއްގައި ރޯވެ އިންޑިއާގައި 15 މީހުން މަރުވެއްޖެއެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ވެރިރަށް ލަކްނޯގައި ހޯމަ ދުވަހު ހިނގި ހާދިސާގައި މަރުވި ގިނަ މީހުންނަކީ ޒުވާން ދަރިވަރުންނެވެ.
މި ސެންޓަރު ހުރީ ވިޔަފާރި އިމާރާތެއްގައި ކަމަށާއި އިމާރާތުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން މަތީ ފެންވަރުގެ ތަހުގީގެއް މިހާރު ވަނީ ފަށައިފައެވެ.
ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ މި ހާދިސާގެ ސަބަބުން "ފުން ހިތާމައެއް" ލިބިވަޑައިގަތް ކަމަށެވެ. އޭނާ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައިފައެވެ.
"ޒަހަމްވި މީހުން އަވަހަށް ރަނގަޅުވާނެ ކަމަށް އެދެން،" އޭނާ ވިދާޅުވިއެވެ.
ބޮޑުވަޒީރުގެ ގައުމީ ރިލީފު ފަންޑުން މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 200،000 ރުޕީސް (2،111 ޑޮލަރު ނުވަތަ 32،658ރ.) އަދި ޒަހަމްވި ކޮންމެ މީހެއްގެ އާއިލާއަށް 50،000 ރުޕީސް (528 ޑޮލަރު ނުވަތަ 8،162ރ.) ދެއްވަން މޯދީ ހަމަޖެއްސެވިއެވެ.
ރަސްމީ އިދާރާތަކުން ބުނީ އަލިފާނުގެ ޝިކާރައަކަށްވި ގިނަ މީހުން ބޯ ދުމުގެ ތެރޭގައި ތާށިވި ކަމަށާއި އަލިފާނުން ސަލާމަތް ވާން ބައެއް މީހުން މަތީ ބުރިތަކުން ފުންމައިލި ކަމަށެވެ.
އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔަނާތު ބުނީ މި ހިތާމަވެރި ހާދިސާއަކީ ލިބުނު "ބޮޑު ފިލާވަޅެއް" ކަމަށެވެ. އަދި ވަނީ މުޅި ސްޓޭޓްގައި އަލިފާނުން ރައްކާތެރިވުމުގެ ނިޒާމުތައް ހުރި ގޮތް އޯޑިޓު ކުރަން ގޮވައިލައިފައެވެ.



advertisment