Support Us

(ކ-ވ): ޕާކިސްތާންގެ އަސްކަރީ ވެރިޔާ އާސިމު މުނީރު، އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވާންސް، ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒު ޝަރީފު އަދި އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް ވާހަކަތައް ފެއްޓުމުގެ ކުރިން ސަލާމް ކުރައްވަނީ

ފަހު ޑީލު އެކަށައަޅަން 60 ދުވަހުގެ މަގުޗާޓަކަށް އެމެރިކާ، އީރާން އެއްބަސް

ސަތޭކައަށްވުރެ ގިނަ ދުވަސްވެފައިވާ އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލުމަށް ދާދި ފަހުން އެމެރިކާ އާއި އީރާނުން ސޮއިކުރި ސުލްހައިގެ ފަހުމްނާމާގެ ދަށުން ފަހު ޑީލެއް އެކަށައަޅަން 60 ދުވަހުގެ މަގުޗާޓަކަށް އެމެރިކާ އާއި އީރާނުން މިއަދު އެއްބަސްވެއްޖެއެވެ.

މި ކަމާ ގުޅޭ ފަންނީ މަޝްވަރާތައް މި ހަފުތާގައި ކުރިއަށްގެންދާނެކަމަށް އެމެރިކާ އާއި އީރާންގެ ދެމެދުގައި ސުލްހަ ގާއިމުކޮށްދިން ގަތަރާއި ޕާކިސްތާނުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިއަދު ލިބުނު ކާމިޔާބު ބަލައިގަންނަކަމަށް އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވިއެވެ.

"މެދުވެރިންގެ އެހީގައި ބޮޑު ކުރިއެރުންތަކެއް ލިބިއްޖެ،" އޭނާ ވިދާޅުވިއެވެ.

މިއަދު ނިމުނު ވާހަކަތަކުގެ ފުރަތަމަ ބުރުން، އެމެރިކާ އާއި އީރާންގެ ސުލްހައަށް "ހިތްވަރު ލިބޭ ފަދަ ކުރިއެރުމެއް" ލިބުނުކަމަށް ޕާކިސްތާނާއި ގަތަރުން ބުންޏެވެ.

އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވައިލުމަށް ހުރުމުޒު ކަނޑުއޮޅީގެ ދަތުރުފަތުރަށް އީރާނުން އަލުން ހުރަސްތަކެއް އެޅުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އިންޒާރުތަކެއް ދެއްވުމުން އީރާންގެ ވަފުދުން ވާހަކަތައް މެދުކަނޑައިލިއެވެ. ނަމަވެސް އާހިރުގައި އީރާނާއި އެމެރިކާއިން މިއަދު ނިންމީ ލުބްނާންގެ މައްސަލަ މި ދަނޑިވަޅު ހައްލުނުކުރެވުނަސް އެމެރިކާ އާއި އީރާންގެ ދެމެދުގައި މުއާމަލާތް ކުރުން ކުރިއަށްގެންދާށެވެ. އެހެންކަމުން އީރާނުން އަލުން ވާހަކަތަކުގައި ބައިވެރިވެ އެ ގޮތަށް އެއްބަސްވެގެން ވާހަކަތަކުގެ ފުރަތަމަ ބުރު މިއަދު ނިންމައިލީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *