ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގެންފައިނުވާ މިޔަންމާގެ އާ ރައީސް މީން އާންގް ހްލައިންގްއަށް ތާއީދު އޮތްކަން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ހާމަކުރައްވައިފިއެވެ.
ޝީ މި ގޮތަށް ހާމަކުރެއްވީ ހްލައިންގް ޗައިނާއަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ޒިޔާރަތެއް އިއްޔެ ނިންމަވައިލެއްވިއިރުއެވެ.
"(އަހުލީ ހަނގުރާމައެއް ކުރިއަށްދާ) މިޔަންމާގެ ގައުމީ ހާލަތަށް ތަންދޭ ތަރައްގީގެ މަގަކަށް މިޔަންމާއަށް އެހީތެރިވެދޭނަން،" ޝީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިޔަންމާއާއެކު ވިޔަފާރި އާއި އިންފްރާސްޓްރަކްޗަރާއި ސަލާމަތީ ދާއިރާ ތަރައްގީކުރުމުގައި ވަރަށް ބޮޑަށް އެއްބާރުލައްވާނެކަމަށެވެ.

ޝީ އާއި ހްލައިންގް ވަނީ 18 އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. އޭގެ ތެރޭގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި ސިއްހަތާއި ގުދުރަތީ ކާރިސާތަކުން އަރައިގަތުމާއި ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް ކުރިއަށްގެންދާ މަޝްރޫއުތައް ހިމެނެއެވެ.
މައްސަލަ ބޮޑު އިންތިހާބަކަށްފަހު މިޔަންމާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތް ހްލައިންގް ވިދާޅުވީ ޗައިނާއާއެކު އެއްބާރުލުން ފުޅާކުރަން އޭނާ ތައްޔާރުކަމަށެވެ. އަދި ވަނީ މިޔަންމާއަށް ޒިޔާރަތް ކުރެއްވުމަށް ޝީއަށް ދައުވަތު ދެއްވައިފައެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނީ ހްލައިންގް ޗައިނާއަށް ދަތުރުކުރެއްވުމުގެ މާނައަކީ މިޔަންމާއަށް 2021 ގައި ގެނައި ބަޣާވާތަކުން ގާއިމުކުރި އަސްކަރީ ވެރިކަމުގައި ގާނޫނީ ސިފަ ޖައްސަން ޗައިނާއިން ތާއީދުކުރުންކަމަށެވެ.
ޗައިނާއަކީ މިޔަންމާގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ. ޗައިނާއިން ދަނީ އެ ގައުމުގެ "ބެލްޓް އެންޑް ރޯޑް" މަޝްރޫއުތަކާއި "ޗައިނާ-މިޔަންމާ އިކޮނޮމިކް ކޮރިޑޯ" މަޝްރޫއު ތަރައްގީކުރަން މަސައްކަތް ކުރަމުންނެވެ.
ހްލައިންގް ވަނީ މޭ 30 އިން މި މަހު ތިނަކަށް އިންޑިއާއަށް ވެސް ދަތުރެއް ކުރައްވައިފައެވެ. އެއީ ރައީސްކަމާ ހަވާލުވެވަޑައިގެންފައި ބޭރު ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރެވެ. އެ ދަތުރުގައި އޭނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސާ ޑްރޯޕަޑީ މޫރްމޫއާ ބައްދަލުކުރައްވައި ވާހަކަތައް ބާއްވަވައިފައެވެ. މީގެ އިތުރުން ހްލައިންގް ވަނީ މުމްބާއީއަށް ވަޑައިގެން އިންޑިއާގެ ވިޔަފާރި ލީޑަރުންނާ ބައްދަލުކުރައްވައިފައެވެ.
ފާޑުކިޔުން އަމާޒުވި ހްލައިންގްގެ އިންޑިއާ ދަތުރަކީ ދެ ގައުމުގެ ބައިލެޓްރަލް ގުޅުން ހަރުދަނާކޮށް، މިޔަންމާއަށް އިންވެސްޓްމެންޓް ހޯއްދަވަން ކުރެއްވި ޒިޔާރަތެކެވެ. ދަތުރުގައި ވަނީ ދެ ގައުމުގެ ބޯޑަރުގެ ސަލާމަތާއި ގުޅުންތައް ގާއިމުކޮށްދޭ މަޝްރޫއުތަކާއި ވިޔަފާރި އާއި މައުދަން ވިޔަފާރީގައި ވެސް ގުޅުން ބަދަހިކުރަން އެއްބަސްވެފައެވެ. އެ ދަތުރުގައި މޯދީ ވަނީ ދެ ގައުމުގެ ބޯޑަރުގައި އޮތް ނުތަނަވަސްކަމާއި އޭގެ ސަބަބުން އިންޑިއާ ރައްޔިތުންނަށް ކުރާ ނޭދެވޭ އަސަރުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.



advertisment