ކަޝްމީރުގެ ޕާކިސްތާން ފަޅީގައި ހިނގަމުންދާ އަނިޔާވެރި މުޒާހަރާތަކުގައި ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި 24 މީހުން މަރުވެއްޖެކަމަށް އޮފިޝަލުން ބުނެފިއެވެ.
"އާއްމުންގެ 20 މީހުންނާއި ހަތަރު ފުލުހުން މަރުވެ، 97 މީހުން ޒަހަމްވެއްޖެ. އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށްފިން،" ސަރަހައްދީ ފުލުހުންގެ ވެރިޔާ ލިއާގަތު އަލީ މާލިކު ބުންޏެވެ.
މުޒާހަރާތައް ކުރިއަށްދަނީ ޕާކިސްތާންގެ މައި ސަރުކާރާއި ކަޝްމީރުގެ ޕާކިސްތާން ފަޅިން ޕާކިސްތާންގެ މައި ސަރުކާރާ ކަންތައްތައް ވިލަރެސްކުރާ ސަރަހައްދީ އެސެމްބްލީއަށް އަންނަ މަހު 27 ގައި އިންތިހާބުކުރާ މެންބަރުންތަކެއްގެ މައްސަލައިގައެވެ.
މައްސަލަ ޖެހުނީ ކަޝްމީރުގެ އިންޑިއާ ފަޅިން ޕާކިސްތާނަށް އައި ރެފިއުޖީންގެ ތެރެއިން ކަޝްމީރުގެ ޕާކިސްތާން ފަޅީގައި ނޫޅެ، ޕާކިސްތާންގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ އެ ފަދަ ރެފިއުޖީންނަށް ސަރަހައްދީ އެސެމްބްލީގައި 12 ގޮނޑި ހާއްސަކުރުމުންނެވެ.
މުޒާހަރާތައް ފެށީ މިހާރު މަނާކޮށްފައިވާ ސިވިލް ސޮސައިޓީ ގްރޫޕް، ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ (ޖޭ.އޭ.އޭ.ސީ)އިން މި މައްސަލައިގައި މުޒާހަރާކުރުމަށް ގޮވައިލުމުންނެވެ. އެ ކޮމިޓީން ބުނީ ޕާކިސްތާންގެ އެހެން ހިސާބުތަކުގައި ދިރިއުޅޭ ކަޝްމީރުގެ އިންޑިއާ ފަޅީގެ ރެފިއުޖީންނަށް ކަޝްމީރުގެ ޕާކިސްތާން ފަޅީގެ ސަރަހައްދީ އެސެމްބްލީން ޖާގަ ދިނުމުން ކަޝްމީރުގެ ޕާކިސްތާން ފަޅީގައި ދިރިއުޅޭ މީހުންގެ ސިޔާސީ ނުފޫޒު ނިކަމެތިވާނެކަމަށެވެ.
ޕާކިސްތާންގެ މައި ސަރުކާރުން ބުނީ ކަޝްމީރުގެ އިންޑިއާ ފަޅީގެ ރެފިއުޖީންނަށް ސަރަހައްދީ އެސެމްބްލީގައި ދުސްތޫރީ ގޮތުން ގޮނޑި ރިޒާވްކޮށްފައިވާތީ އެ ކަން ބަދަލުނުކުރާނެ ކަމަށެވެ.



advertisment