Support Us

ލުބްނާންގެ ދެކުނު ސަރަހައްދުގައި އޮންނަ ތޫލު ޓައުނަށް އިސްރާއީލުން މި ދިޔަ އަހަރު މެއި 22 ގައި ހަމަލާދީފައި

އިސްރާއީލުން ހަމަލާދީ ލުބްނާންގެ 18 މީހުން މަރައިލުމުން އެމެރިކާ-އީރާން ވާހަކަތައް ފަސްކޮށްފި

އިސްރާއީލުން ލުބްނާނަށް ހަމަލާދީ 18 މީހުން މަރައިލައި 33 މީހުން ޒަހަމްކޮށްލުމުން، އެމެރިކާ އާއި އީރާނުން ސޮއިކުރި ސުލްހައިގެ ފަހުމްނާމާގެ ދަށުން ސްވިޒަލެންޑްގައި މިއަދު އެމެރިކާ އާއި އީރާނުން ކުރިއަށްގެންދަން އޮތް ވާހަކަތައް ފަސްކޮށްފިއެވެ.

މެދުއިރުމައްޗަށް ދާއިމީ ހަމަޖެހުމެއް ގެންނަން އެމެރިކާ އާއި އީރާނުން ސޮއިކުރި ސުލްހައިގެ ފަހުމްނާމާގައި ބުނެފައިވަނީ އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓައިލަން ޖެހޭނެކަމަށެވެ. އެހެންކަމުން ސުލްހައިގެ ފަހުމްނާމާގައި އެމެރިކާ އާއި އީރާނުން ސޮއިކުރުމަށްފަހު ވެސް އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމައްޗަށް ދާއިމީ ހަމަޖެހުމެއް ގެންނަން ސުލްހައިގެ ފަހުމްނާމާއިން ދިން އުއްމީދު ފެނަށް ހިނގައިދާނެކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.

"އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދާނަމަ އެމެރިކާއާއެކު ވާހަކަތައް ކުރިއަކަށް ނުގެންދެވޭނެ. ފުޅާ ދާއިރާއެއްގައި ސުލްހައަށް އެއްބަސްވެވޭނީ ލުބްނާނަށް ހަމަޖެހުން ލިބިގެން،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވިއެވެ.

އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދާނަމަ އީރާނުން "ހަރުކަށި ރައްދެއް" ދޭނެކަމަށް އޭނާ ކުރިން ވިދާޅުވެފައިވެއެވެ.

ސްވިޒަލެންޑަށް ދާ އެމެރިކާގެ ޑެލިގޭޝަންގެ ވެރިޔާ، އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވާންސް މިހާރުވަނީ ސްވިޒަލެންޑް ދަތުރު ކެންސަލްކުރައްވައިފައެވެ. ނަމަވެސް އޭނާ ވިދާޅުވީ އެމެރިކާއިން އަދިވެސް އެދެނީ ޑިޕްލޮމެސީއަށްކަމަށާއި ހާލަތު ރަނގަޅުވުމުން އީރާނާއެކު އަލުން ވާހަކަތައް ކުރިއަށްގެންދާނެކަމަށެވެ.

އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި ލުބްނާން ރައްޔިތުން މަރުވަމުންދާތީ އެމެރިކާ އާއި އީރާނުން ކުރިއަށްގެންދަން އޮތް ވާހަކަތައް ފަސްކޮށްލުމާއެކު މެދުއިރުމައްޗަށް ދާއީމީ ހަމަޖެހުމެއް އައުމުގެ އުއްމީދުތަކަށް ހުރަސްއެޅިފައިވާކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.

އިސްރާއީލުން ލުބްނާނަށް ދިން އެންމެ ފަހުގެ ހަމަލާތަކަށްފަހު އިސްރާއީލުން ބުނީ ހަމަލާތައް އަމާޒުކުރީ އީރާނުން ވާގިވެރިވާ ހިޒްބުﷲގެ ހަނގުރާމަވެރިންނާއި އެ ޖަމާއަތުގެ އިންފްރާސްޓްރަކްޗަރަށްކަމަށެވެ. އެއީ ހިޒްބުﷲއިން ދިން ހަމަލާތަކެއްގައި އިސްރާއީލުގެ ހަތަރު ސިފައިން މަރުވުމުންކަމަށެވެ. ހިޒްބުﷲއިންވަނީ އެ ހަމަލާތަކުގެ ޒިންމާ ނަގައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *