ހައިހޫނުކަން ބަރުދާސްތުކުރަމުންދާ ދުނިޔޭގެ މަދުވެގެން 37 ގައުމުގެ 38 މިލިއަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އެމެރިކާއިން 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ އެހީއެއް އދ.ގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕްރޮގްރާމް، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔު.އެފް.ޕީ)އަށް ދީފިއެވެ.
އިއްޔެ ދިން މި އެހީގެ ސަބަބުން ވަރަށް ސީރިއަސް ހާލަތަކަށް ވެއްޓިފައިވާ 13 ސަރަހައްދަކަށް ކާބޯތަކެތި ފޯރުކޮށްދޭން މަގުފަހިވެގެންދާނެކަމަށް ޑަބްލިޔު.އެފް.ޕީން ބުންޏެވެ.
"މި ވަގުތަކީ ކާބޯތަކެތި ބޭނުންވާވަރަށްވުރެ މަދުން ވަސީލަތްތައް ހުރި ދަނޑިވަޅެއް. އެމެރިކާއިން މި އެހީ ދިނީ ވަރަށް ސީރިއަސް ވަގުތެއްގައި،" އެ އިދާރާގެ ވަގުތީ އެގްޒެކެޓިވް ޑިރެކްޓަރު ކާލް ސްކައު ބުންޏެވެ.
ޑަބްލިޔު.އެފް.ޕީ އާއި އދ.ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ އިދާރާ، ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފް.އޭ.އޯ)އިން ގުޅިގެން ނެރުނު ރިޕޯޓެއްގައި އިންޒާރުދިނީ މި މަހާއި އަންނަ ނޮވެމްބަރާ ދޭތެރޭ ހައިހޫނުކަން އިތުރަށް ސީރިއަސްވާނެކަމަށެވެ. އެ ގޮތުން ކާބޯތަކެތީގެ ސަލާމަތްތެރިކަން ސީރިއަސް ގޮތެއްގައި ނުލިބޭ 266 މިލިއަން މީހުން އެބަތިބިކަމަށެވެ.
"މި ރިޕޯޓްގައި ދީފައިވާ އިންޒާރުތަކާމެދު އަޅާނުލައި ތިބެވޭކަށް ނެތް. އަވަސް ފިޔަވަޅެއް ނާޅައިފިނަމަ އެތައް މިލިއަން މީހުން ބަނޑަށްޖެހުމާ ކައިރިވެދާނެ،" ސްކައު ބުންޏެވެ.
އެމެރިކާއިން މި އެހީ ދިނީ އެ ގައުމާއި ޔޫރަޕުން ފައިސާގެ އެހީ ދޭ މިންވަރު މަދުކޮށްފައިވަނިކޮށެވެ. އެމެރިކާއިން ދިން މި އެހީއަށް މަރުހަބާ ކިޔަމުން ޑަބްލިޔު.އެފް.ޕީން ބުނީ ދުނިޔޭގައި އެންމެ ސީރިއަސް ހާލަތަކަށް ހައިހޫނުކަމާ ކުރިމަތިލާންޖެހިފައިވާ 110 މިލިއަން މީހުންނަށް އެހީވުމަށް 12 ބިލިއަން ޑޮލަރު (185 ބިލިއަން ރުފިޔާ) ބޭނުންވާކަމަށެވެ.



advertisment