Support Us

ކ-ވ: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ، ޔޫކްރެއިންގެ ދިފާއީ ވަޒީރު ރޫސްދެމް އޫމެރޮފް އަދި އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ ފްރާންސްގައި ޖީ7 ސަމިޓުގައި

ރަޝިޔާއަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ޖީ7 ގައުމުތަކުން ނިންމައިފި

ޔޫކްރެއިން އެއްކޮށް ހިފަން ރަޝިޔާއިން ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން ރަޝިޔާއަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ނިންމައި ގްރޫޕް އޮފް ސެވަން ނުވަތަ ޖީ7 ގައުމުތަކުގެ އިސްވެރިންގެ ސަމިޓް މިއަދު ނިންމައިލައިފިއެވެ.

ފްރާންސްގައި ކެނެޑާ، ފްރާންސް، ޖަރުމަނީ، އިޓަލީ، ޖަޕާން، އިނގިރޭސި ވިލާތް އަދި އެމެރިކާގެ އިސްވެރިންގެ މެދުގައި ބޭއްވި ތިން ދުވަހުގެ ސަމިޓުގައި އެ ހުރިހާ ގައުމުތަކުން ނިންމީ ރަޝިޔާގެ ތެލާއި ގޭހުގެ ވިޔަފާރިއަށް އަޅައިފައިވާ ހުރަސްތައް އިތުރަށް ވަރުގަދަކުރާށެވެ.

މީގެ އިތުރުން ޖީ7ގެ ގައުމުތަކުން ނިންމީ ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމުތައް ވަރުގަދަކުރަން އެހީވުމަށެވެ.

ޔޫކްރެއިން ހަނގުރާމަ މިހާރު ފަސްވަނަ އަހަރަށް އެޅިފައިވާއިރު، ހަތް ގައުމުގެ ވެރިން ދިން ގުޅިފައިވާ ބަޔާނެއްގައި ބުނީ ޔޫކްރެއިންގެ ސިޔާދަތަށް ތާއީދުކުރާކަމަށެވެ.

"އަހަރެމެން މި ތިބީ ޔޫކްރެއިނަށް ދެ ގޮތެއްނުވެ އަހަރެމެން ދެމުންދާ ތާއީދުގެ މަތީގައި އެއްބައިވަންތަކަމާއެކު،" ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ބުނީ ޔޫކްރެއިނަށް ރަޝިޔާއިން އަމާޒުކުރާ ޑްރޯނާއި މިސައިލް އިންޓަސެޕްޓްކުރާނެ ނިޒާމުތަކާއި ދުރު ރާސްތާއަށް ހަމަލާދެވޭނެ ގާބިލުކަން ޔޫކްރެއިނަށް ދޭނެކަމަށެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ އެ ކަމަށް މަރުހަބާ ވިދާޅުވިއެވެ.

"ވައިގެ ދިފާއަށް މިސައިލްތައް ލިބެނީ. އަދި ރަޝިޔާއަށް މިހާރަށްވުރެ ބޮޑަށް ޕްރެޝަރު ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާއަށް ގޮވައިލެއްވީ ޔޫކްރެއިނާ މަޝްވަރާކުރުމަށެވެ.

"ރަޝިޔާއިން ޔޫކްރެއިނާއެކު ޑީލެއް ހަދަން ޖެހޭނެ. ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު އޮތް ހަމަނުޖެހުން ހުއްޓައިލުމަށް އަހަރެންނަށް ދެވޭނެ ހުރިހާ އެހީއެއް ދޭނަން،" އޭނާ ވިދާޅުވިއެވެ.

ޖީ7ގެ މި ބަޔާނާ ގުޅޭ ގޮތުން ރަޝިޔާއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ޖީ7ގެ ގައުމުތަކުގެ ލީޑަރުން އިތުރަށް ބުނީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލަން އީރާނާއި އެމެރިކާއިން އެއްބަސްވި ސުލްހައިގެ އޮނިގަނޑަށް ތާއީދުކުރާކަމަށާއި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅީގެ އިތުރުން ތެޔޮ ދަތުރުކުރާނެ އެހެން މަގުތައް ހޯދުމުގެ މަސައްކަތްތަކަށް ތާއީދުކުރާކަމަށެވެ.

މީގެ އިތުރުން ޖީ7ގެ ގައުމުތަކުގެ ލީޑަރުން ބުނީ އަސާސީ މައުދަންތަކާއި މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓެކްނޮލޮޖީއަށް ޗައިނާއަށް ބަރޯސާވެފައިވުން ކުޑަކުރަން ބޭނުންވާކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *