Support Us

އިސްރާއީލުން ލުބްނާންގެ ވެރިރަށް ބައިރޫތަށް މި ދިޔަ އެޕްރިލް މަހު ހަމަލާދީފައި

އީރާނާ އެމެރިކާ ސުލްހަވިޔަސް ލުބްނާނަކުން ނުފައިބާނަން: އިސްރާއީލު

މެދުއިރުމަތީގެ ހަމަނުޖެހުންތައް ހައްލުކުރަން އެމެރިކާ އާއި އީރާނުން މިހާރު އެއްބަސްވުމަކަށް އައިސްފައިވިޔަސް އިސްރާއީލުގެ ސަލާމަތަށްޓަކައި ލުބްނާންގެ ދެކުނު ސަރަހައްދުން އިސްރާއީލު ސިފައިން ނުބާލާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ އިއްޔެ ބުނީ އީރާނުން ވާގިވެރިވާ، ލުބްނާން ސަރުކާރުން ޓެރަރިސްޓުން ގޮތުގައި ކަނޑައަޅައިފައިވާ ލުބްނާންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲއިން އިސްރާއީލުގެ އުތުރު ސަރަހައްދަށް ހަމަލާދޭތީ ލުބްނާންގެ ދެކުނު ސަރަހައްދުން ހިޒްބުﷲ ދުރުކުރަން އިސްރާއީލު ސިފައިން އެ ސަރަހައްދުގައި ބައިތިއްބާނެކަމަށާއި އެ ސަރަހައްދު ވަކި ގައުމަކަށް ނިސްބަތްނުވާ ބަފަރު ޒޯނެއްގެ ގޮތުގައި ބާއްވާނެކަމަށެވެ.

"ބަފަރު ޒޯންގައި އަހަރެމެން ތިބެން ޖެހިދާނެ އެންމެ ދިގު މުއްދަތަކަށް ތިބޭނަން،" ނަތަންޔާހޫ ބުންޏެވެ.

އޭނާ ބުނީ އީރާނާއި އީރާންގެ ރަހްމަތްތެރި ގައުމުތަކާއި އީރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ކިބައިން އިސްރާއީލު ސަލާމަތްވުމުގެ މަސައްކަތް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ.

އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް ވެސް ނަތަންޔާހޫ ބުނި ވާހަކައަށް ތާއީދުކުރިއެވެ.

"އަހަރެމެންގެ ސަލާމަތްތެރިކަމާއި ރައްޔިތުން ރައްކާތެރިކުރުމުގައި ދުލެއް ނުދޭނަން،" އޭނާ ބުންޏެވެ.

ކަޓްޒް ބުނީ ބައިނަލްއަގުވާމީ މުޖުތަމައުން ޕްރެޝަރުކުރިޔަސް ލުބްނާނުން ފޭބުމާ އިސްރާއީލުން ދެކޮޅުހަދާނެކަމަށެވެ.

ނަތަންޔާހޫ އާއި ކަޓްޒް މި މޭރުމުން ވާހަކަދެއްކުމުން ލުބްނާނުން ކަންބޮޑުވުން ފާޅުކުރިއެވެ. ރިޕޯޓްތަކުން ބުނަނީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލަން އެމެރިކާ އާއި އީރާނުން އެއްބަސްވި ޑީލްގައި މެދުއިރުމަތީގައި ހިނގާ ހުރިހާ ހަމަނުޖެހުމެއް ހުއްޓައިލަން ޖެހޭކަމަށް ބުނާކަމަށެވެ. އޭގެ ތެރޭގައި ލުބްނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ވެސް ހިމެނޭކަމަށެވެ.

އެމެރިކާ އާއި އީރާނުން ޑީލަކަށް އެއްބަސްވުމުން ލުބްނާންގެ ރައްޔިތުންނާއި ހިޒްބުﷲއިން ވެސް އެ ކަމަށް މަރުހަބާ ކިޔެވެ. ނަމަވެސް އެ ފަރާތްތަކުން ބުނީ ލުބްނާންގައި އިސްރާއީލުން އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންގޮސްފިނަމަ އެމެރިކާ އާއި އީރާނާ ދެމެދު އަންނަ ހުކުރު ދުވަހު ސޮއިކުރާ ސުލްހައިގެ އޮނިގަނޑު ނުރައްކަލަށް ހުށަހެޅިދާނެކަމަށެވެ.

އީރާނުން ބުނީ ލުބްނާންގައި އިސްރާއީލު ސިފައިން ދެމިތިބުމަކީ އެމެރިކާ އާއި އީރާނުން އެއްބަސްވި ފަހުމްނާމާއާ އިސްރާއީލުން ހިލާފުވުންކަމަށެވެ.

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ އާއި ލުބްނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިފައިވާކަމަށެވެ. މިހެންވެ، ލުބްނާންގައި އިސްރާއީލު ސިފައިން ބައިތިއްބުން އީރާނުން ދެކޭނީ އެމެރިކާއާއެކު އީރާނުން ގާއިމުކުރާ ފަހުމްނާމާއާ އިސްރާއީލުން ހިލާފުވުންކަމަށެވެ.

"މީގެ ފަހުން އިސްރާއީލުން ލުބްނާނަށް ދޭ ކޮންމެ ހަމަލާއެއް އަހަރެމެން އެއްގޮތަކަށް ވެސް ބަލައެއްނުގަންނާނަން،" އަރާޣްޝީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *