ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓައިލަން އީރާނާއެކު ސުލްހައިގެ އޮނިގަނޑަކަށް އެއްބަސްވެއްޖެކަމަށާއި އޭގައި ސޮއިކުރާނީ އަންނަ ހުކުރު ދުވަހުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އޭނާ ކުރިން ވިދާޅުވެފައިވަނީ އީރާނާއެކު ހަދާ ޑީލްގައި އިއްޔެ ސޮއިކުރާނެކަމަށެވެ.
"އީރާނާއެކު ހަދާ ޑީލް ފުރިހަމަވެއްޖެ،" ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސުލްހައިގެ އޮނިގަނޑުގައި ރަސްމީ ގޮތުން ސޮއިކުރުން އޮންނާނީ އަންނަ ހުކުރު ދުވަހު ސްވިޒަލެންޑްގައި ކަމަށެވެ.
"އެއަށްފަހު އީރާންގެ ނިއުކްލިއަ ޕްރޮގްރާމާއި އީރާނަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން 60 ދުވަހުގެ މަޝްވަރާތަކެއް ބާއްވާނަން،" ޓްރަމްޕް ވިދާޅުވިއެވެ.
ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުޅުވައިލަން ހަމަޖައްސައިފައިވަނީ ސޮއިކުރުމާއެކުއެވެ.
ޓްރަމްޕްގެ މި ވިދާޅުވުމާ އީރާނުން އަދި ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް އެމެރިކާ އާއި އީރާނާ ދެމެދު ސުލްހަ ގާއިމުކުރަން މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ވަނީ ޓްރަމްޕް ވިދާޅުވި ވިދާޅުވުން ކަށަވަރުކޮށްދީފައެވެ.
އިސްރާއީލުން ބުނީ އެ ގައުމުން ކަންބޮޑުވަނީ އީރާންގެ އަސްކަރީ ގާބިލުކަން އަލުން ވަރުގަދަކުރަން ވަގުތީ ގޮތުން ހިންދެމިލަން ސުލްހައިގެ އޮނިގަނޑު އޮތް ގޮތުން އީރާނަށް ފުރުސަތު ލިބިދާނެތީއެވެ. އަދި އީރާނުން ވާގިވެރިވާ މެދުއިރުމަތީގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ "މައްސަލަ" ހައްލުނުވެދާނެތީއެވެ.
ހުޅަނގުގެ ގައުމުތަކުގެ ހަފުތާބަންދަށް ދުނިޔޭގެ ބާޒާރު ހުކުރު ދުވަހު ބަންދުކޮށްލިއިރު ތެޔޮ ފީފާއެއްގެ އަގު 87 ޑޮލަރު (1،341ރ.)ގައި ހުރެފައި މިއަދު ހުރީ 83 ޑޮލަރު (1،279ރ.)އަށް ދަށްވެފައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment