އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފަށައިފައިވާ ހަނގުރާމަ ހުއްޓައިލުމަށް، ހަފުތާބަންދުގައި އީރާނާއެކު ސުލްހައިގެ މުއާހަދާގައި ސޮއިކުރެވިދާނެ ކަމަށް ފެންނަ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވީ އީރާނާއެކު ޑީލެއް ހެދުން ގާތުގައިވާ ކަމަށެވެ.
"ވަރަށް ރަނގަޅަށް މި ކަންތައް ނިންމައިލުމުގެ އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެ،" އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް މި ދިޔަ މަހު 23 ގައި ވެސް މި ކަހަލަ ގޮތަކަށް ވިދާޅުވި ނަމަވެސް އެ ފަހަރު ވެސް އީރާނާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ކުރިއަކަށް ނުދިޔައެވެ.
ޓްރަމްޕް މިހެން މި ފަހަރު އަނެއްކާވެސް ވިދާޅުވުމުން އީރާނުން އަނެއްކާވެސް ބުނީ ޓްރަމްޕް ހުށަހެޅުއްވި އެއްބަސްވުމާމެދު އެންމެ ފަހުގެ ނިންމުމެއް އަދި ނުނިންމާ ކަމަށެވެ.
"އަހަރެމެން ދޫނުދޭނެ ކަންތައްތަކެއް އަދިވެސް އެބަހުރި. އަދި މައިގަނޑު މައްސަލަތައް ވެސް ހުރީ ހައްލު ނުވެ،" އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލު ބާޣައީ ބުންޏެވެ.
އީރާނާއެކު ގާއިމުކުރާ އެއްބަސްވުމަކީ އިސްރާއީލު ބައިވެރިކުރާ މުއާހަދާއެއް ނޫނެވެ. ނަމަވެސް އެއްބަސްވުން އެކުލަވައިލުމުގައި އެމެރިކާއިން ވަނީ ސަރަހައްދުގެ ގައުމުތަކާ މަޝްވަރާކޮށްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނާ ދެކޮޅަށް ފެށި ތިން މަސްވެފައިވާ ހަނގުރާމަ ނިމުމަކާ ހަމައަށް އަންނަނީކަމުގެ އުއްމީދު ޓްރަމްޕް ދެއްވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 95 ޑޮލަރު (1،464ރ.)ގައި ހުރެފައި މިއަދު ވަނީ 90 ޑޮލަރު (1،387ރ.)އަށް ދަށްވެފައެވެ.



advertisment