އިންޑިއާގެ ވަޒީފާ ނެތް ޒުވާނުންނަކީ ކުރަފިތަކެއްގެ ގޮތުގައި އުއްތަމަ ފަނޑިޔާރު ސުރްޔާ ކާންތު ސިފަކުރުމުން ޒުވާނުންތަކެއް އިންޓަނެޓްގައި އުފެއްދި ހަޖޫޖަހާ ކުރަފި ޕާޓީން މުޅި ގައުމަށް މުޒާހަރާ ފަތުރާލަން ނިންމައިފިއެވެ.
އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ ނަމާ ގުޅުވައިލައިގެން، އިނގިރޭސި ބަހުން ކުރަތްޕަށް ކިޔާ ނަން ބޭނުންކޮށްގެން އުފެއްދި ކޮކްރޯޗް ޖަނާތާ ޕާޓީ (ސީ.ޖޭ.ޕީ)އިން މި މަހު ހައެއްގައި ވެރިރަށް ދިއްލީގައި މުޒާހަރާ ބާއްވައި، މިހާރު ވަނީ މުޒާހަރާ މި މަހު 20 ގައި މުޅި ގައުމަށް ފަތުރާލަން ނިންމައިފައެވެ. އެއީ ތައުލީމީ ވަޒީރު ދަރްމެންދްރާ ޕްރަދާން އިސްތިއުފާ ނުދެއްވައިފި ނަމައެވެ.
ވަކި މުއްދަތެއް ނެތް ގޮތަށް ދިގުދަންމާލަން ނިންމައިފައިވާ މުޒާހަރާ ބާއްވަނީ އިންޑިއާގެ ސިއްހީ ދާއިރާގެ މަތީ ތައުލީމަށް ނުކުންނަން ބޭނުންވާ އިމްތިހާންގެ ކަރުދާސް ލީކުކުރުމާއި އެ އިމްތިހާން މެނޭޖްކުރުން ގޯސްވުމުގެ ސަބަބުން ޕްރަދާން މަގާމުން އިސްތިއުފާ ދެއްވަން ދެނެވެ.
"އަހަރެމެން އިށީނދެގެންކުރާ މުޒާހަރާ ނިންމައެއް ނުލާނަން ދަރްމެންދްރާ ޕްރަދާން އިސްތިއުފާ ނުދެއްވަނީހެއް،" ޕާޓީގެ ފައުންޑަރު އަބްހިޖީތު ޑިޕްކޭ ބުންޏެވެ.
އެ ގޮތުން ޕޫނޭ ސިޓީން ފެށި މުޒާހަރާތައް މުޅި ގައުމަށް ފަތުރާލާނެ ކަމަށް އޭނާ ބުންޏެވެ.
ކުރަފި ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އިމްތިހާން ގޯސްކޮށް މެނޭޖްކުރުމުގެ މައްސަލަ އެތައް ފަހަރަކު ތަކުރާރުވެފައިވާއިރު ވެސް ޕްރަދާން އެ ކަމުގެ ޒިންމާ ނަންގަވަން ފޭލިވެ ވަޑައިގަންފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ކުރަފި ޕާޓީގެ ހަރަކާތްތައް ފެތުރިގެންދިޔައީ އިމްތިހާނާ ގުޅޭ މައްސަލަތަކުގައި އެކަންޏެއް ނޫނެވެ. ނަމަވެސް ޒުވާނުންނަށް ވަޒީފާ ނުލިބުމުގެ މައްސަލައިގައި ވެސް މެއެވެ.
"އަހަރެމެން ބޭނުންވަނީ ޒިންމާ ނަގަން ޖެހޭ ފަރާތްތައް ޒިންމާދާރުކުރުވައި އިންޑިއާގެ ތައުލީމީ ނިޒާމަށް އިސްލާހުތައް ގެންނަން،" އެ ޕާޓީން ބުންޏެވެ.
ސީ.ޖޭ.ޕީން މިހާތަނަށް ބޭއްވި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ބައިވެރިވިކަމަށް ބައެއް މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.
ޑިޕްކޭގެ އެކްސް އެކައުންޓް ވަނީ އިންޑިއާ ސަރުކާރުން ބްލޮކްކޮށްފައެވެ. އަދި އޭނާގެ އާއި ސީ.ޖޭ.ޕީގެ އިންސްޓަގްރާމް އެކައުންޓް ވަނީ ހެކްކޮށްފައި ކަމަށް އޭނާ ބުންޏެވެ.



advertisment