ތައިލެންޑްގައި ހިންގި އެންމެ ސީރިއަސް ބޮންގޮއްވުމުގެ މައްސަލައިގައި ދެ މީހަކަށް މިއަދު މަރުގެ ހުކުމް އިއްވައިފިއެވެ.
ވެރިރަށް ބެންކޮކްގެ ވިޔަފާރީގެ މައި ހިސާބުގައި ހުންނަ ހިންދީ ދީނަށް ނިސްބަތްވާ އެރަވަން ޝްރައިން ހުންނަ މަޝްހޫރު ޓޫރިސްޓް ހިސާބުގައި ޗައިނާގެ އުއިގޫރު ދެ މުސްލިމުން ބޮންގޮއްވައިލީ 2015 ގައެވެ. ހަމަލާގައި 20 މީހުން މަރުވެ 120 އަށްވުރެ ގިނަ މީހުން ޒަހަމްވިއެވެ.
ހަމަލާދިނީ ކީއްވެކަން 11 އަހަރަށް ފަހު ވެސް ސާފު ނުވިޔަސް ބައެއް ފަރާތްތަކުން ބުނަނީ ޔޫސުފު މީރާއީލީ، 37، އާއި ބިލާލު މުހައްމަދު، 40، ބޮންގޮއްވީ ތައިލެންޑުން ޖުލައި 2015 ގައި 100 އަށްވުރެ ގިނަ އުއިގޫރު ދަރިކޮޅުގެ މީހުން ޗައިނާއަށް ޑިޕޯޓް ކުރުމުން ކަމަށްވެދާނެ ކަމަށެވެ. އެއީ ޗައިނާއިން އުއިގޫރު މުސްލިމުންނާ ދެކޮޅަށް އެކި ބާވަތުގެ އަނިޔާވެރިކަން ހިންގަމުންދަނިކޮށް ވެސް ޑިޕޯޓްކޮށްލުމުން އެ ކަމުގެ ބަދަލުހިފުމަކަށް ވެދާނެ ކަމަށެވެ.
ބެންކޮކް ސައުތު ކްރިމިނަލް ކޯޓުން ހުކުމް އިއްވިޔަސް ހުކުމް ތަންފީޒުކުރަން އަދި ތިން ކޯޓެއްގެ މަރުހަލާ އެބައޮތެވެ.
ޝަރީއަތް ލަސްވީ ތަރުޖަމާ ކުރުމުގެ މައްސަލަ އާއި އެތައް ސަތޭކަ ހެކިވެރިންގެ ހެކިބަސް އެއްކުރުމުގެ މައްސަލަ ވެސް ކުރިމަތިވުމުންނެވެ.
ހުކުމުގައި ބުނީ ދެ މީހުން ވަނީ ކުރީއްސުރެ ރާވައިގެން މީހުން މަރަން ގަސްދުކުރިކަން ސާބިތުވެފައި ކަމަށެވެ.
ދެ މީހުންގެ ދިފާއީ ވަކީލަކީ ތައިލެންޑްގައި ވަރުގަދަ ޝަރީއަތްތަކުގައި ދިފާއީ ވަކީލުކަންކުރާ ޗަމްރަން ޕަނޮމްޕަކަކޯންއެވެ. އޭނާ ބުނީ ހުކުމް އިސްތިއުނާފުކުރާނެ ކަމަށެވެ.
"ބިރު ނުގަނޭ، އަދި ތިން ކޯޓު މަރުހަލާ އެބައޮތް،" ހުކުމް އިއްވުމުން އޭނާ ޔޫސުފާއި ބިލާލަށް ބުންޏެވެ.
ދެ މީހުން ބުނެފައިވަނީ އެ މީހުން ކުށެއް ނުކުރާ ކަމަށެވެ.
އެރަވަން ޝްރައިނަކީ ހާއްސަކޮށް ޗައިނާގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެކެވެ. މިހެންވެ، ހުކުމް އިއްވުމުން ޗައިނާގެ ހާރިޖީ ވުޒާރާއިން އެ ހުކުމަށް މަރުހަބާ ކިޔެވެ.
"ބޮންގޮއްވި ދެ މީހުންނަކީ އެއްވެސް އިންސާނިއްޔަތުކަމެއް ނެތް ދެ މީހުން. އެ މީހުން ކޮށްފައިވަނީ ނުބައިކަން ބޮޑުވެގެންވާ ޖިނާއީ ކުށެއް،" އެ ވުޒާރާއިން ބުންޏެވެ.



advertisment