ލުބްނާންގެ ފަސްވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ ކަމަށްވާ ސޫރުން ރަށްވެހިން އެއްކޮށް ހުސްކުރަން އިސްރާއީލުން އަމުރެއް ނެރުނުއިރު، އެ ސަހަރަށް ދިން އެންމެ ހަމަލާއަކުން ވެސް މަދުވެގެން ނުވަ މީހުން މިއަދު މަރުވެއްޖެއެވެ.
މިއީ ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އީރާނުން ވާގިވެރިވާ ލުބްނާންގެ ހިޒްބުﷲއިން އިސްރާއީލަށް މާރިޗު ދެއަކުން ފެށިގެން ހަމަލާދޭން ފެށުމުން، އިސްރާއީލުން ސޫރު އެއްކޮށް ހުސްކުރުމަށް އަމުރު ނެރުނު ފުރަތަމަ ފަހަރެވެ.
"ނުވަ މީހުން މަރުވީ އިސްރާއީލުން ދިން އެންމެ ހަމަލާއަކުން. އިތުރު 28 މީހުން ޒަހަމް ވެސް ވި،" ލުބްނާންގެ ސިއްހީ ވުޒާރާއިން ބުންޏެވެ.
ބައިނަލްއަގުވާމީ ޑޮކްޓަރުންގެ ޖަމިއްޔާ، ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމް.އެސް.އެފް)އިން ވަނީ އިސްރާއީލުން ސޫރުން ރަށްވެހިން ހުރަސްކުރާ ގޮތަކީ އިންތިޒާމެއް ނެތް ކަމެއް ކަމަށް ފާޑުކިޔައި، ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އަހަރެމެން ދެމުންދާ ސިއްހީ ހިދުމަތާއި ސަރަހައްދުގައި ހުރި ބައިވަރު ހޮސްޕިޓަލްތަކުގައި އަހަރެމެން ހިންގަމުންދާ މޮބައިލް ކްލިނިކްތަކުގެ އޮޕަރޭޝަންތައް ވަގުތުން ހުއްޓައިލައިފިން،" އެ ޖަމިއްޔާއިން ބުންޏެވެ.
މިއަދު އިސްރާއީލުން ދިން ހަމަލާއަކީ ލުބްނާންގެ ވެރިރަށް ބައިރޫތުގެ ޟާހިޔާ ސަރަހައްދަށް އާދިއްތަ ދުވަހު ދިން ހަމަލާއަށްފަހު ދިން ހަމަލާއެކެވެ. މި ހަމަލާތަކަކީ މި ދިޔަ ބުރާސްފަތި ދުވަހު ލުބްނާނާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމުކުރާނެ ގޮތުގެ އޮނިގަނޑެއް އެމެރިކާއިން ގާއިމުކޮށްދީފައިވަނިކޮށް ދިން ހަމަލާތަކެކެވެ.
ޟާހިޔާއަށް އިސްރާއީލުން ހަމަލާދިނުމުން ރައްދުގައި އީރާނުން ހަފުތާބަންދުގައި ބެލިސްޓިކް މިސައިލުން އިސްރާއީލަށް ހަމަލާތަކެއް ދިނެވެ. އެ ހަމަލާތަކަކީ އެޕްރިލް މަހު ގާއިމުކުރި ހަނގުރާމަ މެދުކަނޑައިލުމުގެ ސީޒްފަޔާ މުގުރައިލައިފައި އީރާނުން އިސްރާއީލަށް ދިން ފުރަތަމަ ހަމަލާތަކެވެ. ސީޒްފަޔާ މުގުރައިލައިފައި އެމެރިކާ އާއި އީރާނުން ވަނީ ދާދި ފަހުން ހަމަލާތަކެއް ބަދަލުކޮށްފައެވެ.
އީރާނުން މިއަދު ބުނީ ޟާހިޔާއަށް އިސްރާއީލުން ހަމަލާދިނުމުން، އޭގެ ރައްދުގައި އީރާނުން އިސްރާއީލަށް ހަމަލާދިނުމުން، އަދި އީރާނުން ދިން ހަމަލާތަކުގެ ރައްދުގައި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި އީރާންގެ ދެ ސިފައިން މަރުވިކަމަށެވެ. އީރާނާއި އިސްރާއީލުން މިހާރު ވަނީ ދެ ގައުމުގެ ދެމެދުގައި ދެން އިތުރަށް މި ވަގުތަށް ހަމަލާ ބަދަލު ނުކުރާނެ ކަމަށް ބުނެފައެވެ.
ލުބްނާން ސަރުކާރުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފައިވާ ހިޒްބުﷲއިން އިސްރާއީލާއެކު ނޮވެމްބަރު 2024 ގައި ސުލްހައިގެ މުއާހަދާއެއް ގާއިމުކުރިޔަސް އެއަށް އިސްރާއީލުން އިހްތިރާމް ނުކޮށް އޮއްވައި، ހިޒްބުﷲ އިން އިސްރާއީލަށް މާރިޗު ދެއެއްގައި ހަމަލާދޭން ފެށީ އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމުންނެވެ. އެއަށްފަހު އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ލުބްނާންގެ 3،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ލުބްނާނާއި އިސްރާއީލާ ދެމެދު އެޕްރިލް މަހު އެމެރިކާއިން ގާއިމުކޮށްދިން ސީޒްފަޔާއާ ހިލާފަށް އިސްރާއީލުން އަދިވެސް ދަނީ ލުބްނާނަށް ހަމަލާދެމުންނެވެ. އެއީ އިސްރާއީލުގެ އުތުރު ސަރަހައްދަށް ހިޒްބުﷲއިން ހަމަލާދެމުންދާތީ ކަމަށް ބުނެފައެވެ. އަދި ހިޒްބުﷲއިން މި ގޮތަށް ހަމަލާދެމުންދާތީ ލުބްނާންގެ ދެކުނު ސަރަހައްދުން ހިޒްބުﷲ ދުރުކުރަން ކަމަށް ބުނެ އިސްރާއީލުން މިހާރު ދަނީ ލުބްނާންގެ ދެކުނު ސަރަހައްދު ހިފަމުންނެވެ. މި ކަން ވެފައިވަނީ ދާއިމީ ސުލްހައެއް ލުބްނާން ސަރުކާރާއެކު އިސްރާއީލަށް ގާއިމު ނުކުރެވިގެން އުޅޭ ސަބަބަށެވެ. އަދި ލުބްނާންގެ 1.6 މިލިއަން މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ސަބަބަށް ވެސް މެއެވެ.



advertisment