ހަމާސްއާއެކު އިސްރާއީލުން ދާއިމީ ސުލްހައެއް ގާއިމުކުރުމުގެ ދިގު މުއްދަތުގެ ވާހަކަތައް މިސްރުގައި ކުރިއަށްދަނިކޮށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި 13 މީހުން ޝަހީދުވެއްޖެއެވެ.
ފަލަސްތީންގެ އެހެން ފެކްޝަންތަކުން ވެސް ބައިވެރިވާ ވާހަކަތައް ކުރިއަށްދަނިކޮށް އިސްރާއީލުން އިއްޔެ ހަމަލާދިނީ ހާން ޔޫނިސް ސިޓީ އާއި ޣައްޒާ ސިޓީ އާއި އަދި ދައިރުލްބަލަހު ސިޓީއަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެއް ހަމަލާދިނީ ގެދޮރު ދޫކޮށްދާން ޖެހިފައިވާ ފަލަސްތީންގެ ރަށްވެހިން ދިރިއުޅޭ ސަރަހައްދެއްގެ ކައިރީގައި ހުރި ހަމާސްގެ އަސްކަރީ މަރުކަޒަކަށް ކަމަށެވެ. ނަމަވެސް ހަމާސްއިން އެ ކަން ދޮގުކުރިއެވެ. އަދި ބުނީ އިސްރާއީލުން އުޅެނީ ސުލްހަ ގާއިމުކުރުމުގެ މަސައްކަތަށް ހުރަސްއަޅަން ކަމަށެވެ.
"ހަމަލާތަކުން ދައްކައިދެނީ ހަނގުރާމަ ދާއިމީކޮށް ނިންމައިލަން އިސްރާއީލުން ސީރިއަސް ނޫންކަން،" ހަމާސްގެ އޮފިޝަލެއް ކަމަށްވާ ބާސަމު ނައީމު ބުންޏެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ހަމާސްއިން ހަތިޔާރުތައް ދޫކޮށްލައި އަދި ރަހީނުކޮށްފައިވާ ޔަހޫދީން ވެސް ދޫކޮށްލަންދެން އަސްކަރީ ޕްރެޝަރު ކުރިމަތިކުރާނެ ކަމަށެވެ. ހަމާސްއިން ބުނީ ހަތިޔާރުތައް ދޫކޮށްލާނީ އިސްރާއީލުން މުޅި ޣައްޒާއިން ފައިބައި އަދި ހަނގުރާމަ އެއްކޮށް ނިންމައިލުމުން ކަމަށެވެ.



advertisment